ދުނިޔެ "ބިން ލާދިން ވަނީ މާކުރިން މަރުވެފަ" – ހައިދަރު މޮސްލިހީ

"ބިން ލާދިން ވަނީ މާކުރިން މަރުވެފަ" – ހައިދަރު މޮސްލިހީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އެމެރިކާއިން މި މަހުގެ އެއްވަނަ ދުވަހު އުސާމާ ބިން ލާދިން މަރާލިކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި، އުސާމާ ވަނީ މާކުރިން މަރުވެފައިކަމަށް އިރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ހައިދަރު މޮސްލިހީ ވިދާޅުވެއްޖެއެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަ ދަށްކަވަމުން މޮސްލިހީ ވިދާޅުވީ "އުސާމާ އާލާސް ކަންފުޅާ އުޅުއްވުމަށްފަހު މާކުރިން މަރުވެފައި ވާ" ކަމަށެވެ.. އަދި އެކަމުގެ އެތައް ހެކިތަކެއް އިރާނަށް ލިބިފައިވާކަމަށް މޮސްލިހީގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ވޮޝިންޓަނުން ފަތުރަމުން ގެންދާ ޚަބަރު ދޮގުކަން ސާބިތުކުރެއްވުމުގެ ގޮތުން މޮސްލިހީ ވަނީ ނޫސްވެރިންނާވެސް ބައެއް ސުވާލު އަމާޒުކޮށްފައެވެ. އެގޮތުން އެމެރިކާއަށް ހަމަ ހަޤީގަތުގައިވެސް އުސާމާ މަރާލެވުނު ނަމަ އޭނަގެ ހަށިގަނޑު މީޑިއާއަށް އާންމު ނުކުރީ ކީއްވެތޯ މޮސްލިހީ ވަނީ ނޫސްވެރިން ކުރެން އައްސަވާފައެވެ. އަދި އިރާނުން އަބްދުލް މާލިކް ( އަހްމަދީ ނިޖާދު މަރާލުމަށް 2005 ވަނަ އަހަރު ހަމަލާ ދިން ޖުންދަﷲ ޖަމާއަތުގެ ވެރިޔާ) ހައްޔަރު ކުރެވުމުން އިރާނުންވެސް އޭނަގެ އިންޓަވިއުތައް މީޑިއާގައި އާންމުކުރިކަމަށް މޮސްލިހީ ވިދާޅުވިއެވެ. މޮސްލިހީ އިތުރަށް ވިދާޅުވީ، ވޮޝިންޓަނުން އެފަދަ ދޮގު ޚަބަރުތައް ފަތުރަމުން ގެންދަނީ، އެމެރިކާގެ އެތެރޭގެ މައްސަލަތަކަށް ބައިނަލް އަޤްވާމީ މީޑިއާތަކުން ދޭ ސަމާލުކަން ކުޑަ ކުރުމަށެވެ.

އެމެރިކާއިން ޕާކިސްތާނުގައި ހިންގި ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އުސާމާ ބިން ލާދިން މަރާލެވުނުކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާމަކުރެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމެރިކާގެ އޮފިޝަލަކު ފަހުން ހާމަކުރަށްވާފައިވަނީ، އުސާމާ އަވަހަށް ކަނޑު ފެއްތީ އިސްލާމް ދީނުގައިވެސް މީހަކު މުރަވާތާ 24 ގަޑި އިރުތެރޭ އެފަދައިން އަމަލުކުރުމަށް އޮންނާތީކަމަށެވެ.

އެމެރިކާއިން މިހެން ހާމަކުރި ނަމަވެސް އިސްލާމްދީނުގައި އެއްގަމުގައި މަރުވާ މީހަކު ކަނޑު ފެއްތުމަށް، ނުވަތަ މީހަކު މަރުވުމަށް ފަހު 24 ގަޑި އިރު ތެރޭ ވަޅު ލުމަށް ނޯންނަކަމަށް، އެމެރިކާއިން ފަތުރާ ޚަބަރު ދޮގުކުރާ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. އަދި 2003 ވަނަ އަހަރު ސައްދާމު ހުސެއިން އަތުލައިގަތުމުން ވަގުތުން މީޑީއާގައި ވީޑިއޯއާ އެކު އެ ޚަބަރު އާންމު ކުރިގޮތަށް އުސާމާ މަރާލި މަންޒަރު ނުދެއްކީ ކީއްވެތޯވެސް ދަނީ ގިނަ ބަޔަކު ސުވާލު ކުރަމުންނެވެ.

ޓެގް

އަރަބި ސަރުކާރު އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.