އަޒަރު ބައިޖާންގެ ސްކޫލުތަކަށް ދާކުދިން ބުރުގާއެޅުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ އެ ޤައުމުގެ އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާކޮށްފިއެވެ.
ވެރިރަށް ބަކޫގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތް ކައިރިއަށް އެއްވި މީހުންތައް ސަރުކާރަށް ގޮވާލަމުން ދިޔައީ، ސްކޫލުތަކުގައި ބުރުގާ އެޅުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ އެމީހުން ދެކޮޅު ކަމަށާއި، އަދި އެ ނިންމުން އަވަހަށް ބަދަލުކުރުމަށެވެ. މުޒާހަރާގެ ބައިވެރީން ވަނީ އިސްލާމީ ހިޖާބަށް ތާއިދުކޮށް ކުރަހާފައިވާ ޕޯސްޓާތަކާއި، ބެނާތައްވެސް މި ސުލްހަވެރިކަމުގެ މުޒާހަރާގައި ބޭނުންކޮށްފައެވެ.
އަޒަރު ބައިޖާންގައި ބުރުގާ މަނާކުރުމުގެ ކެމްޕޭނުގެ އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ މިސިރް މާޑަނޮވްގެ، އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ. އިއްޔެ ފެށި މި ސުލްހަވެރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެގެން ގޮސްފައިވަނީ އެ ޤައުމުގެ ފުލުހުން ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ.
މުޅީ އާބާދީގެ 98 އިންސައްތަ މުސްލިމުން ހިއްސާކުރާ، އަޒަރް ބައިޖާންގެ ސްކޫލްތަކުގައި ނިމިގެން ދިޔަ ޑިސެމްބަރ މަހު، ބުރުގާ އާޅައިގެން އުޅުން މަނާކުރިފަހުން ދޭތެރެ ދޭތެރެއިން މިފަދަ އެއްވުންތައް އަންނަނީ އެ ޤައުމުގައި ބާއްވަމުންނެވެ. އެހެން ނަމަވެސް އެ ހުރިހާ އެއްވުންތަކެއްވެސް ފުލުހުން ނިކުމެ ވަނީ ރޫޅާ ލައިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...