
އޭޕްރީލް 11 ވަނަ ދުވަހު ފްރާސްންގައި އަމަލު ކުރަންފެށި ޤާނޫނުގެ ދަށުން ޕެރިހުގައި މޫނުބުރުގާއެޅި އަންހެނަކު ހައްޔަރުކުރަނީ
ފަރަންސޭސް ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތަކުން މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ފާސްކޮށްފައިވާ ބުރުޤާ އެޅުން މަނާކުރާ ޤާނޫނަށް މިއަދުންފެށިގެން އެ ޤައުމުގައި އަމަލުކުރަން ފަށައިފިއެވެ. ޚިޔާލު ތަފާތުވެފައިވާ މި ބިލަށް އަމަލު ކުރެވެން ފެށުނު އިރު، އިންސާނީ ހައްޤުތައް ދިފާއުކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުން ވަނީ ފަރަންސޭސް ވިލާތުގައި އަމަލުކުރެވެން ފެށި ޤާނޫނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
މި އަމަލުކުރެވެން ފެށުނު އައު ޤާނޫނުގައި ވާގޮތުން މޫނު ނިވާކޮށްފައި ހުންނަ އެއްވެސް ހެދުމެއް ލައިގެން ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި އެ ޤާނޫނަށް އަމަލު ނުކުރާ މީހުން 190 ޑޮލަރުން ޖޫރިމަނާކުރެވެއެވެ. އަދި އެހެން މީހަކަށް އެފަދަ ހެދުން އެޅުމަށް މަޖުބޫރުކުރުވާނަމަ އެފަދަ މީހުން، 43400 ޑޮލަރުން ޖޫރިމަނާކުރެވެއެވެ. އަދި އެއް އަހަރުގެ މުއްދަތަކަށް ޖަލަށްލެވެއެވެ.
އަލަށް މި ހެދި ޤާނޫނާއެކު، ޔޫރަޕްގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ފަރަންސޭސި ވިލާތުގައި ދީނީ މިނިވަންކަން އޮތް މިންވަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓު ފަދަ، މޫނު ނިވާވާފަދަ ތަކެތި އެޅުން މަނާ ނުކުރަނީ ކީއްވެތޯވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...