އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު އިފްތިތާޙްކުރެވުނު އެކްޝަން ޕްލޭނަކީ އެ ވުޒާރާ އިން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްޞީލް ގޮތެއްގައި ހިމަނައިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭނަކީ ވުޒާރާގެ ހުރިހާ ސެކްޝަނެއް ގުޅިގެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ތައްޔާރުކޮށްފައިވާ އެއްޗެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައިވާ ލަނޑުދަނޑިތައް ޙާސިލްކުރެވޭނެ މަގުން ކަމަށެވެ. އަދި މިއީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2024 އަދި 2025 ވަނަ އަހަރަށް އެކުލަވާލި އެކްޝަން ޕްލޭންތަކުގެ ދަށުން ގިނަ ކަންތައްތަކެއް މިހާރުވެސް ވަނީ ޙާސިލްކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ވަރަށް މަތިވެރި އަޒުމަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ވަޒީރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެ ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...