ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. މި މަޝްރޫޢުގައި ޢިމާރާތް އެޅުމާއި މެއިންޓަނަންސްގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގެ ދަށުން ޢިމާރާތްކުރުމުގެ މަސައްކަތަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށްފަހު، މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ވުޒާރާއިން އަންގާފައިވެއެވެ.
މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ވަޤުފު އިމާރާތަކީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާން" އެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، ހުޅުމާލެ އާއި މާލޭގައި އަލަށް ތަރައްޤީކުރާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލެ އާއި ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ އިތުރުން، އަތޮޅުތަކުގައިވެސް މިފަދަ މަޝްރޫޢުތައް ފެށުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއް ވަނީ އިފްތިތާހުކޮށްފައެވެ. މިއީ ރާއްޖޭގައި ވަޤުފު އިމާރާތްތައް އިތުރުކޮށް، އެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...