ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް މިއަދު ހަދިޔާކޮށްފިއެވެ. މި ފޮތްތައް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ އަރަބިއްޔާގެ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި ޔުނިވަރސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާ ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި މިއީ ދެޤައުމުގެ އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭ މުހިންމު ހަދިޔާއެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްގުޅުމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މި ހަދިޔާގެ އަގުވަޒަންކުރުމުގެ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ އެ ޔުނިވަރސިޓީއަށް ޚާއްސަ ހަނދާނީ ލިޔުމެއް އަރުވާފައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މި ހަދިޔާއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...