ކޯވިޑް 19 ގެ ސަބަބުން، މިއަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން، މަސްޖިދުލް ހަރަމްވެސް އަދި މަސްޖިދުއް ނަބަވީވެސް ވަނީ ބަންދު ކުރެވިފައެވެ. އެއަށްފަހު، ލޮކްޑައުނަށް ދެވުނު ލުއިތަކާއިއެކު، މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު، މަސްޖިދުއް ނަބަވީ ވަނީ ހުޅުވާލެވިފައެވެ. އެހެނަސް މަސްޖިދުލް ހަރަމް އަދިއަދަށް ދާންދެންވެސް ވަނީ ޢާއްމުންނަށް ހުޅުވާލައްވާފައިވާ ކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެއް ނެތެވެ.
އެހެނަސް، ޢާއްމުންނަށް މައްކާގެ ޙަރަމްފުޅު ނަމާދު ކުރުމަށާއި، ޠަވާފު ކުރުމަށް ހުޅުވާނުލި ކަމުގައިވިޔަސް، މިސްކިތުގެ އަމަން ބަލަހައްޓަވާ ފަރާތްތަކަށާއި، މިސްކިތް ސާފުކުރެއްވުމުގެ މަސައްކަތް ކުރައްވާ ފަރާތްތައް ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުބަތުވަނީ ދެވިފައެވެ.
އެހެނަސް، އެހެން ފަރާތްތަކަށް ޠަވާފުކުރުމުގެ ފުރުޞަތު ހުޅުވާލެއްވުމުގެ ކުރިން، އެތަނުގައި ބުރަކޮށް މަސައްކަތްކުރައްވާ، ސާފުކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް މިދިޔަ މަހުވަނީ ޔަވާފު ކުރެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. އެހެނީ މިސްކިތަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ޚިދުމަތް ދެއްވުމުގައި އަވަދިނެތި އުޅުއްވުމުގެ ސަބަބުން ޠަވާފު ކުރެއްވުމަށް ވަޤުތުވުމަށް ދަތިވެފައިވާ ފަރާތްތަކަށް ޠަވާފު ކުރުމުގެ ހުއްދަވަނީ ދެއްވާފައެވެ.
މިހުއްދައާއި ވިދިގެން، މިސްކިތުގައި ބުރަކޮށް އުޅުއްވާ މަސައްކަތްތެރީންގެ ގިނަ ޢަދަދެއްގެ ބޭފުޅުންވަނީ ޠަވާފުގެ މަތިވެރި އަޅުކަން ކުރައްވާފައެވެ. ބައިބޯވުމުގެ ސަބަބުން އެއްވެސް ދަތިކަމެއް މެދުވެރިނުވާ ޙާލުގައެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުންނެވެ.
ކޯވިޑް 19 ޢާލަމީ ވަބާގައި، ސަޢުދީ ޢަރަބިއްޔާގައި ޕޮޒިޓިވްވެފައިވާ މީހުން މިހާރުވަނީ 229480 އަށް އަރާފައެވެ. މިގޮތުން މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ގިނަވުމާއި ވިދިގެން، އަދި ނަފްސު ޙިމާޔަތްކުރުމުގައި ހިފުމަކީ ދީނީ ވާޖިބެއްކަމުން، އަދި ޙައްޖާޖީންގެ ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރެއްވުމުގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާއިންވަނީ މިއަހަރު، އެޤައުމުން ބޭރުން ހައްޖަށް ނުވަދެވޭ ގޮތް ހަމަޖައްސަވާފައެވެ. މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރެއްވުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި ތިއްބެވި އެކިޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކެވެ. ސަޢޫދީ ސަރުކާރުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖާޖީންގެ 70% އިޚްތިޔާރު ކުރެވޭނީ އިރާދަކުރެއްވިއްޔާ ސަޢޫދީގައި ދިރިއުޅޭ އެހެނިހެން ޤައުމުތަކުގެ ބޭފުޅުންގެ ތެރެއިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...