ޢުމްރާގެ އަޅުކަން ކުރިއަށް ގެންދެވުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާއިން ބައިބޯވުން ކޮންޓްރޯލު ކުރެއްވުމަށް މަގުޗާޓެއް ތައްޔާރު ކުރައްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށް ޢަރަބި ނޫސް އެޖެންސީތަކުން ރިޕޯޓު ކުރައްވައިފިއެވެ.
މިގޮތުން މިނޫސްތަކުން ރިޕޯޓު ކުރައްވާފައިވާ ގޮތުގައި މައްކާގެ ޙަރަމުގެ ކަންތައްތަކާއި ބެހޭ މަޖްލިހުން، މިމަގުޗާޓު އުފައްދަވަމުން ގެންދަވަނީ ޢުމްރާއަށްޓަކައި މަސްޖިދުލް ޙަރަމާއި، ކަޢުބާއާއި ހުޅުވުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މިއީ ސަޢޫދީ ޢަރަބިއްޔާއިން ކޯވިޑް 19 ކޮންޓްރޯލް ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އަޅުއްވާފައިވާ އެއްފިޔަވަޅެވެ. މިގޮތުން އެޤައުމުގެ ލޯކަލް މީޑީޔާތަކުން ޚަބަރުދެއްވާ ގޮތުގައި މަސްޖިދުލް ޙަރަމާއި، ހަރަމުގެ ގޯތިތެރޭގައި އުޅެވޭނީ، އެތަންތަނުގައި އުޅުމަށް ހަމަޖެހިފައިވާ ޢަދަދުގެ 40% އަށެވެ.
މީގެ އިތުރުން، މިސްކިތަށް ވަންނަވާ ފަރާތްތަކުގެ ޢަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓެވުމަށްޓަކައި "ތަޥައްކަލްނާ" މިއެޕްލިކޭޝަން ބޭނުންކުރައްވައިގެން، މަސްޖިދުލް ޙަރަމަށް ވެންނެވުމުގެ ހުއްދައެއް ހޯއްދެވުމަށް ސަރުކާރުން އަންގަވާނޭކަމަށް ލޯކަލް މީޑީޔާތަކުން ލަފާ ކުރައްވައެވެ. އަދި ހަމަ އެފަދައިން މިސްކިތަށް ވަންނަ އަދި ނިކުންނަ ކޮންމެ ދޮރާއްޓެއްގައި ހޫނު ދެނެގަންނަ (ތާރމަލް) ކެމެރާއެއް ހަރުކުރެއްވުމަށްވެސް ސަރުކާރުންދަނީ ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. މިގޮތުން މިސްކިތަށް ވަދެވަޑައިގަންނަވާ އެއްވެސް ފަރާތެއްގެ ހުން ހުރިކަން ފާހަގަކުރެވިއްޖެނަމަ، އެބޭފުޅަކު މިސްކިތަށް ވެންނެވުން މަނާކުރެވި، މިކަމަށް ޚާއްޞަ ޞިއްޙީ ވުޒާރާގެ ބޭފުޅުންނަށް އެންގޭނެއެވެ.
މީޑީޔާތަކުން ރިޕޯޓު ކުރައްވާފައިވާ ގޮތުގައި ހުރިހާ ވަޤުތެއްގައިވެސް ގައިދުރުކުރުމުގެ އުޞޫލު ދެމިއޮންނާނެއެވެ. އަދި ހަމައެފަދައިން ޒިޔާރަތް ކުރައްވާ އެންމެހާ ބޭފުޅުން މާސްކު އެޅުއްވުމަށްވެސް ސަޢޫދީ ސަރުކާރުން އަންގަވާފައިވެއެވެ.
ކޯވިޑް 19 ގެ ސަބަބުން މިއަހަރުގެ ޙައްޖު ސަޢޫދީ ޢަރަބިއްޔާއިން ހުޅުވާލައްވާފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެކަންޏެވެ. މިހެންކަމުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީންވެސް ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ނުދެވޭނެކަމަށް ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...