ރާއްޖޭގެ ޚަބަރު މަޖިލިސް މެމްބަރުންނޭވެ! އަނިޔާވެރިންކަމުގައި ވެނުލައްވާށެވެ.

މަޖިލިސް މެމްބަރުންނޭވެ! އަނިޔާވެރިންކަމުގައި ވެނުލައްވާށެވެ.

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޙަސަން ޒާހިރު

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ." (ސޫރަތުލް ބަޤަރާ 178)

އަދިވެސް އެކަލާންގެ ވަޙީކުރައްވާފައިވެއެވެ. މާނަ: "އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ." (ސޫރަތުލް ބަޤަރާ 179)

" އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." (ސޫރަތުލް މާއިދާ 45)

ބަޔާންވެދިޔަ އާޔަތްތަކުން އަޅުގަނޑުމެންނަށް އެނގޭފަދައިން މާތް ﷲ ޤިޞާޞް ވަނީ ފަރުޟު ކުރައްވާފައެވެ. މިކަމާ ދެބަސް ވެވޭނޭ އެއްވެސް ފަރާތެއް ނެތެވެ. އެހެނީ ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތުގައި ސަރީޙަ ޢިބާރާތުން މާތް ﷲ އެކަންވަނީ ބަޔާންކުރައްވާފައެވެ. ޤަޠޮޢީކޮށް ކަނޑައަޅުއްވާފައިވާ މިފަދަ ޙުކުމްތަކާއި ދެކޮޅުހެދުމާއި، އަމިއްލަ ޚިޔާލު ހުށައެޅުމުގެ އިޚްތިޔާރެއް އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. އެއީ ކިތަންމެ މަތީ މުސާރައަކާއި އިނާޔަތެއްގެ ވެރިއެއް ކަމުގައިވިޔަސްވެހެވެ. އެއީ ކިތަންމެ އިއްޒަތްތެރިކަމަށް ދަޢުވާ ކުރައްވާ މެމްބަރެއްކަމުގައިވިޔަސްހެވެ.

ޝައްކެއްނެތެވެ! ޤިޞާޞް ހިފުމަކީ ދިރުމެއްވާ ކަމެކެވެ. އެއީ ޙައްޤަކާނުލައި ބިންމަތީގައި ލޭ އޮހޮރުވާ ކޮންމެ ޤާތިލަކަށް ހުރި ޢިބަރަތުގެ ފިލާވަޅެކެވެ. ކޮންމެ އަނިޔާވެރިއަކު އޭނާގެ އަނިޔާވެރި ޢަމަލު ހިންގުމަށް ފަސްޖެހިގެންދާނޭ ޙިކުމަތްތެރި ޚުކުމެކެވެ.

އިސްލާމީ ޝަރީޢަތުގައި މަރުގެ ޙުކުމް ކަނޑައަޅުއްވާފައި އޮތުމަކީ ފެންނަ ކޮންމެ މީހަކު މަރާލުން ކަމުގައި ހީކުރާ މީހުން އެހެން ހީކުރަނީ އިސްލާމީ ޝަރީޢަތް ނުދަނެ ތިބެއެވެ. ވާނީވެސް އެހެންތާއެވެ؟ މަމޮޅުކަމަށް ދަޢުވާ ކުރިއަސް ރައްބިއެއް ރަސޫލެއް ނޭގޭ ބަޔަކަށް މިބާވަތުގެ ޙުކުމްތަކުގެ އަސްލު އެނގޭނީވެސް ފަހެ ކިހިނަކުންތޯއެވެ؟ މާތްވެގެންވާ އިސްލާމްދީނުގައި ޤިޞާޞް ފަރުޟު ކުރައްވާފައިވީނަމަވެސް އެމައްސަލަޔަކާމެދު ޝަރުޢީ މަޙްކަމާއަކަށް އެއްވެސް ޝުބުހައެއް، ޝައްކެއް ވާނަމަ އެޙުކުމެއް ތަންފީޛް ކުރުމުގެ ޙައްޤެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވެއެނގެއެވެ.

ޤިޞާޞް ހިފުމުގެ ވާހަކަދައްކާއިރު ބަލާލަންޖެހޭ އެހެން ޙަޤީޤަތެއްވެސް އެބަ އޮތެވެ. އެއީ އަނިޔާ ލިބުނު މީއާއަށް ނުވަތަ މަރާލެވުނު މީހާގެ ވާރިސުންނަށް ލިބިދީފައިވާ އިޚްތިޔާރުތަކެވެ. އަނިޔާ ލިބުނު މީހާ އަނިޔާވެރިޔާއަށް މާފުކުރުމަކީވެސް ދެފަރާތަށް އިސަލާމްދީން ހޯދައިދީފައިވާ ރަހުމުން ފުރިގެންވާ ފަހި ފުރުޞަތެކެވެ. އަނިޔާވެރިޔާއަށް އަދަބެއް ނުލިބި އޭނާ އިޞްލާޙުވުމަށް ލިބިދިން ފުރުޞަތެއްގެ އިތުރުން އަނިޔާ ލިބުނުމީހާގެ މާފު އެއީ މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުން ދަލީލު ލިބޭގޮތަށް އޭނާޔަށްވާ ކައްފާރާއެއްކަމުގައިވެސް ވެއެވެ. ހަމައެއާއެކު ޙައްޤަކާނުލައި މަރާލެވުނު މީހާގެ ޙައްޤުޤައި ޤާތިލް މަރާލުމަށް އިސްލާމީ ޝަރީޢަތުން ފުރުޞަތު ލިބިދީފައިވާއިރުވެސް ވާރިސުންގެ ތެރެއިން އެކަކުވެސް ޤާތިލަށް މާފު ދީފިނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛެއް ނުކުރެވޭނެއެވެ. އަދި މާފު ދިނުމުގައި ޤާތިލަށް އެކީ އެކަށް މާފު ދިނުމާއި، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ގޮތުން މަރުގެ ދިޔަ ހޯދުމަށްފަހު އޭނާޔަށް މާފުކުރުމީވެސް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުސޫލުތަކެކެވެ.

ކޮންމެއަކަސް ޤިޞާޞް ހިފުމުގެ މައްސަލައަކީ ކިތަންމެ ސާފު މައްސަލައެއް ކަމުގައި ވީނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މިފެންނަނީ އެކަން ކުރުމަށް ފަސްޖެހެމުންދާ މަންޒަރެވެ. ﷲ ގެ ޝަރީޢަތް ބިންމަތީގައި ޤާއިމްކުރަން ޖެހުމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންދަނީ އެކަން ނުކުރުމަށް ގިނަ ބަހަނާތަކެއް ދައްކަވަމުންވެ. އެއްބަޔަކު ބުނަމުންދަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމެއް ތަންފީޛް ކުރުމުގެ ކުރިން މައްސަލަ ތަޙުޤީޤު ކުރަންބަލާއިރު އެފަދަ ޙުކުމަކަށް ދާންވާވަރުގެ ތަޙުޤީޤެއް ކުރުމުގެ ޤާބިލްކަން ކަމާބެހޭ ފަރާތްތަކުގައި ނެތްކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ އެފަދަ ޙުކުމެއް އިއްވާނޭ އިންޞާފުވެރި ފަނޑިޔާރުން ތިބިކަމާމެދު ސުވާލު އުފެދޭކަމަށެވެ.  ބޮޑެތި ޑިމޮކްރަސީތަކުގައިވެސް ޙާކިމާއަށް މާފު ދިނުމުގެ ޙައްޤު ލިބިދީފައިވާކަމަށް އަނެއްބަޔަކު ބުނަމުންދާއިރު ދެންތިބީން ބުނަމުންދަނީ ދިވެހިރާއްޖެ ފަދަ އާބާދީ ކުޑަ ޤައުމެއްގައި މިފަދަ ޙުކުމެއް ތަންފީޛް ކުރަން ފަށައިފިނަމަ މީހުންކޮޅު ހުސްވެދާނޭ ކަމަށެވެ. ހަނި ގޮތަކަށް ވިސްނާފައި ބަޔަކު މީހުން ދައްކަމުންދާ ވާހަކަތަކާމެދު ވަކިވަކިން ބަލައިލުމަށް އަޅުގަނޑު ގަސްތުކުރަމެވެ.

ތަޙުޤީޤް ކުރުމުގެ ޤާބިލްކަން ނެތުން :-

އިސްލާމީ ޝަރީޢަތުގައިވާ ޙުކުމެއް ތަންފީޛް ކުރަންބަލާއިރު މައްސަލަ ރަނގަޅަށް ތަޙުޤީޤް ކުރުމުގެ ޤާބިލްކަން ކަމާބެހޭ ފަރާތްތަކުގެ ކިބައިގައި ނެތްކަމަށް ވިދާޅުވާ ބޭފުޅުންގެ ވާހަކައިގެ ޖަވާބުގައި ދަންނަވަމެވެ. ތަޙުޤީޤު ކުރުމުގެ މުއައްސަސާތައް ނާޤީބިލް ވަނީ އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަންވީމަތޯއެވެ؟ ނާޤާބިލް ބަޔަކު ތަޙުޤީޤުކޮށް ހުށައަޅާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް ވިހި ފަންސަވީސް އަހަރަށް ބަޔަކު މީހުން ޖަލަށް ލުމަކީ އެއުރެންނާމެދު ވެވޭ އިހާނާތަކަށް ނުވާނެތޯއެވެ؟ 25 އަހަރުދުވަހު ޖަލުގައި ޙައްޤުން ކަމަކާ ނުލައި ޙަޔާތް ވޭތުކުރަން ޖެހުމީ އެއުރެންނަށް ލިބޭ ހިތްހަމަޖެހުމެއްތޯއެވެ؟ ނާޤާބިލް ބަޔަކު ކުރާ ތަޙުޤީޤަކުން އޭނާގެ މައްޗަށް ޙުކުމް އިއްވަނީ ޙައްޤުންތޯ ނުވަތަ ނޫންތޯ އެނގެނީ އިސްލާމީ ޝަރީޢަތުން ބޭރު ޙުކުމެއް ކުރަންވީމަތޯއެވެ؟؟ ނާޤާބިލް ބަޔަކު ތަޙުޤީޤު ކުރާއިރު މަރުގެ ޙުކުމް ސާބިތު ނުކުރެވޭނޭކަމަށް ޤަބޫލުކުރެއްވޭނަމަ، އެހެނިހެން މައްސަލަތައްވެސް ސާބިތު ނުކުރެވޭނެކަމަށް ބަލައި އެމައްސަލަތަކަށް ޙުކުމް އިއްވުންވެސް ހުއްޓާލަންވީ ނޫންތޯއެވެ؟

ފަނޑިޔާރުންގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދުން :-

މަރަށް މަރު ހިފުންފަދަ އިސްލާމީ ޝަރީޢަތުގައިވާ ޙުކުމެއް ތަންފީޛް ކުރަންބަލާއިރު އެ ޙުކުމް އިއްވަން ތިއްބެވި ފަނޑިޔާރުންނާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކުގެ ޖަވާބުގައި ދަންނަވަމެވެ. ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސުވާލުއެފެދެނީ ފަނޑިޔާރުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކުރައްވާ ޙުކުމްތަކުގައި އެކަނިތޯއެވެ؟ އޭގެ ބޭރުން ކުރެވޭ ޙުކުމްތަކާމެދު ސުވާލު އުފެދޭނަމަ، ނުވަތަ އޭގެ އިންސާފުވެރިކަމާމެދު ޝައްކު އުފެދޭނަމަ އެ ޙުކުމްތައް ދަމަހައްޓަވަނީ ކީއްވެތޯއެވެ؟ އެޙުކުމްތައް ތަންފީޛް ކުރުމަށް ބާރުއަޅުއްވަނީ ކީއްވެތޯއެވެ؟ ބޭއިންސާފުވެރި ފަނޑިޔާރުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކުރައްވާ ޙުކުމްތަކާމެދު ސުވާލު އުފެދިފައި އޭގެ ބޭރުން ކުރާ ޙުކުމްތައް ހަމަ 'ބަރާބަރު' ވުމަކީ ހަމަޖެހޭ އުސޫލެއްތޯއެވެ؟؟

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެ މަތީ ބާރަކީ ސުޕުރީމް ކޯޓެވެ. އެކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ރައްޔިތުންގެ މިޖިލީހުންނެވެ. ދާއިމީ ސުޕުރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުން އައްޔަންކުރީ ހިނގަމުންދާ ރައްޔިތުންގެ މިޖިލީހުންނެވެ. އުފެދޭ ސުވާލަކީ އިންސާފުވެރިކަމާމެދު އިސްލާމީ ޝަރީޢަތުގައިވާ ޙުކުމެއް އިއްވިދާނެކަމާމެދު ޚުދު މަޖިލިސް މެމްބަރުންނަށް ސުވާލު އުފެދޭ ބަޔަކު ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރީ ކީއްވެތޯއެވެ؟ މިއީ ޤައުމަށް ވެވުނު ބޮޑު ޚިޔާނާތަކަށް ނުވާނެތޯއެވެ؟ ޤައުމުގެ ޢަދުލު އިންސާފުގެދާއިރާ ވެއްޔާ މޮޑެލުންކަމުގައި ނުވާނެތޯއެވެ؟؟

ބޮޑެތި ޑިމޮކްރަސީތަކުގައި ޙާކިމާއަށް މާފު ދިނުމާއި ޢަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިފައިވުން :-

އާދޭހެވެ! ބޮޑެތި ޑިމޮކްރަސީތަކުގައި އަދަބު ލުއިކޮށްދިނުމާއި މާފު ދެވެއެވެ. މަޖިލީހުގައި ޢިއްޒަތްތެރި މެމްބަރަކު ވިދާޅުވިހެން ކުރީގައި އެމެރިކާގެ ރައީސްކަން ކުރެއްވި ރިޗަޑް ނިކްސަން ގެ ވޯޓަރގޭޓް މައްސަލަ ތަޙުޤީޤު މަރުޙަލާގައި ހިނގަމުންދިޔައިރު އޭނާގެ ފަހުން ވަޑައިގެންނެވި ރައީސް ޖެނެރަލް ފޯޑް ވަނީ އޭނާއަށް މާފު ދެއްވާފައެވެ. ފުރަތަމަ ސުވާލަކީ މިއީ އެމެރިކާތޯއެވެ؟ ނުވަތަ އެމެރިކާފަދަ ޣައިރު އިސްލާމީ ޤައުމެއްތޯއެވެ؟ ދެވަނަ ސުވާލަކީ އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ އެމެރިކާގެ ޝަރުޢީ ނަޒާމުންތޯއެވެ؟ ނުވަތަ މާތްވެގެންވާ އިސްލާމްދީނުންތޯއެވެ؟  ޙާކިމާއަށް އެހެން މީހެއްގެ ޙައްޤެއް ވާކަމެއްގައި މާފު ކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ވާނަމަ އަނިޔާ ލިބުނު މީހާއާއި، އޭނާގެ ވާރިސުންގެ ޙައްޤު ކޮބައިތޯއެވެ؟ އެމީހުންގެ މޫނުމަތީ ކޮޅުފައިން ޖެހުމަށްފަހު ކުއްވެރިޔާއަށް ޙާކިމާ މާފުދިނުމީ އިންސާފުތޯއެވެ؟

ކުޑަ އާބާދީއަކަށްވުން :-

ދިވެހިރާއްޖެ ފަދަ އާބާދީ ކުޑަ ޤައުމެއްގައި ޤިޞާޞް ހިފުން ރަނގަޅު ނޫންކަމަށް ދެކިލައްވާ ބޭފުޅުންނަށް ޖަވާބުގައި ދަންނަވަމެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވީ ދިވެހިރާއްޖޭގެ އާބާދީ އަކީ ކޮބައިކަންވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތިޔަގޮތަށް ވާހަކަ ދެއްކުމީ ނުސީދާގޮތެއްގައި މާތް ﷲ އަޒަލުއްސުރެ ދެނެވޮޑިގެންވުމުގެ ސިފަ ނަފީކުރުމެވެ. ފަހެ އެކަލާންގެ ސިފަފުޅުތަކަށް އީމާންވުމީ ތައުޙީދުގެ ތިން ބައިންކުރެ އެއްބައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭވެ! މިއަދު އަޅުގަނޑުމެންގެ ޤައުމުވަނީ މިއިން ދުވަހަކުވެސް ނުދެކޭފަދަ ހިތާމަވެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ފީވިގެން ވީދިގެން ނެތިދަނީއެވެ. ރޯމާދުވާލު އެތައް ބައެއްގެ ކުރިމަތީގައި މީހެއްގެ ފުރާނަ ޙައްޤުން ކަމަކާނުލައި ދުއްވާލަންވެސް ފަސްނުޖެހޭ ހިސާބަށް އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު ގޮސްފިއެވެ. މިކަންތަކުން ސަލާމަތް ވެވޭނޭ ހަމައެކަނި ގޮތަކީ ﷲ ގެ މަގަށް ރުޖޫޢަވުމެވެ. މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތް މި ބިންމަތީގައި ޤާއިމް ކުރުމެވެ.

ﷲ ގެ ޝަރީޢަތް ޤާއިމް ނުކުރާ މީހުންނީ އަނިޔާވެރިންކަން އިސްވެދިޔަ މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުންވެސް އެނގިގެން ހިނގައްޖެއެވެ. "... އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." (އަލް މާއިދާ 45) ހަމަ އެހެންމެ ﷲ ގެ ޙުކުމަށް ފުރަގަސްދީފިނަމަ އެބަޔަކަށް ޢުޤޫބާތް ދެއްވާނެކަމާއި ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމް ކުރެއްވުމުގައި މޮޅީ ކޮބައިތޯ އެކަލާންގެ ވަނީ ސުވާލުކުރައްވާފައެވެ. (ސޫރަތުލް މާއިދާ 49، 50)

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭވެ! ޤިޞާޞް ހިފުމީ ދިރުމެއްވާ ކަމެއްކަމުގައި އަންގަވާ މާތް ﷲ އެކަން ފަރުޟުކުރެއްވީމައި މުއުމިނުންގެ ގޮތަކަށް ވާންޖެހޭނީ ތިމަންމެން އަޑުއަހައި ކިޔަމަންގެންފީމޭ ބުނުމެވެ. އެއީ ނަޞީބުވެރިންގެ ގޮތެވެ. (ނޫރު ސޫރަތް 51)

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.