ރާއްޖޭގެ ޚަބަރު މަރުގެ ހުކުމް ތަންފީޒް ކުރުމަށް ހުށަހެޅިފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ދެކޮޅުހައްދަވައިފި!

މަރުގެ ހުކުމް ތަންފީޒް ކުރުމަށް ހުށަހެޅިފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ދެކޮޅުހައްދަވައިފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޝާހް

ސްޕްރީމް ކޯޓުން މީހެއްގެމައްޗަށް މަރުގެހުކުން އިއްވައިފިނަމަ، އެހުކުން ތަންފީޒްކުރަން ޖެހޭނެގޮތަށް، މައާފް ކޮއްދިނުމާއި އަދަބު ލުއި ކޮއްދިނުމުގެ ބިލަށް އިސްލާހު ހުށަހަޅުއްވާ، ގިނަ މެމްބަރުން އެދުވަހު އެ އިސްލާހަށް ތާއީދުކުރި ނަމަވެސް، މިއަދުގެ މަޖިލީހުގައި ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. މިއަދުގެ މަޖިލީހުގައި ގިނަ މެމްބަރުންތަކެއްވަނީ މި އިސްލާހާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިއިސްލާހު ފާސްކުރުމަށް ދެކޮޅުހައްދަވާ މެމްބަރުން ވިދާޅުވާގޮތުގައި، މިއިސްލާހަކީ އެންމެ ރަނގަޅު އިސްލާހެއްނަމަވެސް، ރާއްޖޭގެ ސަރުއީ ނިޒާމް މިއަދުމިއޮތް ހާލަތް ބަދަލުވެގެން މެނުވީ މިފަދަ އިސްލާހަކަށް އަމަލުކުރަން ތާއީދު ނުކުރެއްވޭކަމަށެވެ. ރާއްޖޭގެ ސަރުއީ ނިޒާމް އޮތީ ބަޔެއްމެންބަރުންގެ ނަޒަރުގައި "ފުނޑު ފުނޑު" ވެފައިކަމުގައި ވީނަމެވެސް،ރާއްޖޭގައި މިހާރުވަނީ އާގާނޫނު އަސާސީގެ ދަށުން ތިންބާރު ވަކިކުރެވިފައިވާ މިނިވަން ސަރުއީނިޒާމެއް އެކުލަވާލެވިފައިކަން ފާހަގަ ކޮއްލެވެއެވެ. އަދި ހަމައެހެންމެ މިއަދުގެ މަޖިލީހުގައިވެސް މެމްބަރުންގެ ކިބައިން ފެނިގެން ދިޔައީ، މިފަދަ ދީނާ ގުޅުންހުރި މައްސަލަތައްވެސް ސިޔާސީ ވާދަވެރިކަމުގެތެރެޔަށް ލުމުގެ ނުރަނގަޅު ވިސްނުންފުޅުކަން ހިތާމަޔާއެކު ފާހަގަކޮއްލެވެއެވެ.

"ރައްޔިތުންގެ މަޖިލީހުން ކުރަން މި އުޅޭ މަސައްކަތަކީ މަރުގެ ހުކުމް ދެމެހެއްޓުން. މަރުގެ ހުކުމަކީ ﷲ ސުބުހާނަހޫ ވަތައާލާ ކަނޑަ އަޅުއްވާފައިވާ ހުކުމަކަށް ވާތީ އެ ހުކުމް ބަދަލު ނުކުރެވޭ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރަނީ" މިއިސްލާހާއި އެއްކޮޅަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ފަރެސްމާތޮޑާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް މުއްތަލިބް ވިދާޅުވިއެވެ.

މިއިސްލާހަށް ތާއީދު ކޮށް އަދާލަތުޕާޓީންނާއި ދިވެހިންގެ އެތަށް ބަޔަކު ސޯސަލްމީޑިޔާތަކުއާއި އޮންލައިން ނޫސްތަކުގައި ފާޅުކުރަުން ގެންދަވާ ސުއޫރުތަކަށް ކުޑަވެސް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަންދޫބުން މިއަދު އެއިއްވެވީ ރައްޔިތުންގެ ބަސް ނޫންކަމުގައި ގިނަ ރައްޔިތުންދަނީ ފާހަގަކުރަމުންނެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ހޯރަފުށީދާއިރާގެ މެންބަރު އަހުމަދު ރަސީދު ވިދާޅުވީ، އިސްލާމީ ސަރީއަތުގައި މީހުން މަރާމީހުންނަށް މަރުގެ އަދަބުދިނުމަށް މާތް ﷲ އަންގަވާފައިވާކަމަށާއި، އަދި އެފަދަ މީހުން މެރުމަކީ މީހުން މެރުންނޫންކަމަށާއި މީސްތަކުން ދިރުވުންކަމުގައި އަންގަވާފައިވާތީ، އެކަލާންގެ އަންގަވާފައި އެވަނީ އެންމެ ރަނގަޅުގޮތްކަމަށް ގަބޫލުކުރައްވާކަމުގައެވެ.

މި އިސްލާހު ﷲ ގެ އެންގެވުމާއި ހިލާފަށް ފާސް ކޮއްފިނަމަ، އެކަން ވާނީ ރައްޔިތުންގެ މަޖިލީހުން އިސްލާމްދީނަށާއި ދިވެހި ރައްޔިތުންގެ އިހްސާސްތަކާއި ދެކޮޅަށް ކުރާކަމެއް ކަމުގައި ދަންނަވާލުމަކީ ކުށަކައްނުވާނެއެވެ.

ޓެގް

ޑިމޮކްރަސީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.