"ސްޓަކްސްނެޓް" ވައިރަސް އުފެއްދުމުގެ ފަހަތުގައިވަނީ އެމެރިކާ އާއި އިޒްރޭލުކަމަށް ކޮމްޕިއުޓަރުގެ ސަލާމަތާއިބެހޭ މާހިރެއް ކަމަށްވާ ރަލްފް ލާނަރ ހާމަކުރައްވައިފިއެވެ. އަދި މިކަމުގެ އަޑީގައި ފޮރުވިފައިއޮތް ސިއްރަކީ އިރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވާލުންކަމަށްކަމަށްވެސް ލާރނަރ ހާމަކުރެއްވިއެވެ.
"ސްޓަކްސްނެޓް" ވައިރަސް އަކީ އިންޑަސްޓްރިއަލް އާލާތްތަކަށް ބާރުފޯރުވުމަށްޓަކައި ތައްޔާރުކޮށްފައިވާ ވައިރަހެއްކަން އެންމެ ފުރަތަމަ ހާމަކުރެއްވި އެއް ތަޖުރިބާކާރަކީވެސް ލާނަރއެވެ. އޭނާ ހާމަކުރައްވާގޮތުން މިވައިރަސް އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އީރާނުން ނިއުކްލިއަރ ބޮމެއް ތައްޔާރުކުރުމަށް ހުރަސްއެޅުމަށްޓަކައި އެޤައުމުން ބޭނުންކުރަމުންދާ ސިސްޓަމްތައް ހުއްޓުވާލާ ހަލާކުކޮށްލުމެވެ.
އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ބައްދަލުވުމެއްގައި މި ވޯމް އުފެއްދުމުގައި ޔަހޫދީ އިޒްރޭލުގެ ޙައްދުފަހަނައަޅާފައިވާ ޖާސޫސޫ އިދާރާ، މޮސާޑްގެ އަތެއްވެސް ވާނެކަމަށް ލާނަރ ތުހުމަތުކުރެއްވިއެވެ. އެކަމަކު އޭނާ ޤަބޫލުކުރައްވާގޮތުން މިވައިރަސް އުފެއްދުމުގެ މޭސްތިރިކަން ކޮށްފައިވަނީ އެމެރިކާއެވެ.
"ސްޓަކްސްނެޓް" އާއި ބެހޭގޮތުން ދާދިފަހުން ކޮމްޕިއުޓަރާއި އިންޓަނެޓްގެ ސަލާމަތާއިގުޅޭ ޚިދުމަތްތައް ދޭ "ސިމޭންޓެކް" އިން ނެރުނު ރިޕޯޓެއްގައި މިވައިރަސް އުފެއްދުމަށްޓަކައި 5 އާއި 10 މީހުންނާއި ދޭތެރޭ ޢަދަދެއްގެ ޑިވެލޮޕަރުން 6 މަސްދުވަސް ހޭދަކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ.
ލާނަރ ހާމަކުރައްވާގޮތުން މިވައިރަސް އުފެއްދުމުގެ ކުރީން ނިއުކްލިއަރ ފަދަ އިންޑަސްޓްރިއަލް އާލާތްތައް ހިންގާ އޮޕަރޭޓަރުންގެ "ބޫޓުގެ ސައިޒް" ފަދަ ތަފްޞީލީ "އެތެރޭގެ" މަޢުލޫމާތު ލިބެންޖެހޭނެއެވެ.
"ސްޓަކްސްނެޓް" އާއި ބެހޭ މަޢުލޫމާތު ފުރަތަމަ ޢާއްމުކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ޤަބޫލުކުރެވޭ ގޮތުގައި މިވައިރަސްގެ އަސަރުކޮށްފައިވާ ޖުމްލަ ކޮމްޕިއުޓަރުގެ 60 އިންސައްތަ ހިއްސާކުރަނީ އީރާނުންނެވެ.
މިވައިރަސް މަސައްކަތްކުރާގޮތަށް ބަލާލާރިއިރު، މިވައިރަސް ޙަމަލާދެނީ ސީމަންސް ކުންފުނިން އުފައްދާފައިވާ ޕްރޮގްރާމް ލޮގިކް ކޮންޓްރޯލާރސް (ޕީ.އެލް.ސީ) އަށެވެ. އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކުގައިވެސް ބޭނުންކުރަނީ މިއާލާތްތައްކަމުން ޤަބޫލުކުރެވޭ ގޮތުގައި މިއީ އެތަކެއްޗަށް ޙަމަލާދިނުމަށް ރޭވިގެންކުރެވިފައިވާ ކަމެކެވެ.
"ސްޓަކްސްނެޓް" ވައިރަސް ގެ ކޯޑު ދިރާސާކުރި މާހިރުން ހާމަކުރައްވާގޮތުގައި މި ވައިރަސް ފަރުމާކުރެވިފައިވަނީ ނިއުކްލިއަރ ހަތިޔާރާއި ހަކަތައިގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޔުރޭނިއަމް އުފެއްދުމަށް ބޭނުންކުރާ ސެންޓްރިފިއުޖްތައް ހަލާކުކޮށްލުމަށް އަމާޒުކުރެވިގެންނެވެ.
އީރާނުންކުރިއަށްގެންދާ ނިއުކްލިއަރ މަސައްކަތްތަކާއިގުޅިގެން އިޒްރޭލާއި އެމެރިކާއަށް "ލޮލުފިޔައެއް" ނުޖެހިގެން އުޅޭއިރު، މިފަދަ ދަށުދަރަޖައިގެ ކަންތައްތައް ކޮށްގެންވެސް މިމަސައްކަތް ހުއްޓުވާލަން އުޅޭނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫނެވެ. ދާދިފަހުން އީރާނުގެ ބޫޝެހެރު ނިއުކްލިއަރ ޕްލާންޓްގައި މަސައްކަތްކުރާ ރަޝިއާގެ އިންޖިނިއަރުންތައްވަނީ އެ މަރުކަޒުގައި ހުރި 163 ފިއުލް ރޮޑް ނަގާފައެވެ. އަދި މިއީ "ސްޓަކްސްނެޓް" ގެ ސަބަބުން ވީކަމެއް ނޫންކަމަށާއި، މިއީ އެ ރޮޑްތަކުގައި ހުރި މައްސަލައަކުން ކުރަންޖެހުނު ކަމެއްކަމަށް ހާމަކޮށްފައެވެ. މީގެއިތުރުން، އީރާނުގެ ދާޚިލީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވަނީ ބޫޝެހެރު މަރުކަޒުގެ މަސައްކަތްތައް މެދުކަޑާލީ "ސްޓްކްސްނެޓް" ގެ ސަބަބުން ކަމަށް ފެތުރުނު ޚަބަރު ދޮގުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...