ލިޔުނީ: އިބްނު މުޙައްމަދު
އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ފުން ތާރީޚެއް އެތަނެއްގައިވާ ޤައުމެކެވެ. އެގޮތުން އަޅުގަނޑުގެ ޤަލަން ހިންގާލުމަށް ޤަސްތު މިކުރަނީ ދިވެހި ތާރީޚުގައި ރާއްޖޭގެ ފަޑިޔާރުންނާއި ބެހޭގޮތުން ލިޔެލުމަށްޓަކައިއެވެ. ދުޢާއަކީ އަދި އުއްމީދަކީ މި މައުޟޫގައި ފައިދާ ހުރި އަދި ޢިބްރަތްތެރި މައުލޫމާތެއް ހިމެނުމުގެ ތައުފީޤް ﷲ ޞުބުޙާނަހޫ ވަތަޢަލާ އަޅުގަނޑަށް މިންވަރުކޮށް ދެއްވުމެވެ.
ރާއްޖޭގެ ޒަމާންވީ ދިގު ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު ދެބައެއް ފެންނަން އެބައޮތެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާއި ރާއްޖެ އިސްލާމް ވުމަށް ފަހުގެ ތާރީޚެވެ. އެގޮތުން އަޅުގަނޑު ބޮޑަށް ބަލާލެވޭތޯ މަސައްކަތް ކުރާނީ މީގެތެރެއިން ދެވަނަ ބަޔަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތާރީޚާއި ބެހޭގޮތުން ވަރަށް ގިނަ ބޭފުޅުން ލިޔުއްވާފައި އެބަހުއްޓެވެ. އޭގެތޭގައި އިސްދޫ ކަލޭގެފާނާއި، އިބްނު ބަޠޫތާ އާއި، ޕިރާޑުއާއި އަދިވެސް ބައެއް ބޭފުޅުން ހިމެނެއެވެ.
މި ބޭބޭފުޅުންގެ ލިޔުއްވުންތަކުން ހާމަވާ ގޮތުގައި އެދުވަސް ވަރު ރާއްޖޭގެ ޙާކިމަށް ކިޔާ އުޅޭ ނަމަކީ ޕެޑިޔާރު ނުވަތަ އުތުޕެޑިޔާރުއެވެ. މިއީ މިހާރުގެ ބަހުރުވައިންނަމަ ފަޑިޔާރާއި އުއްތަމަ ފަޑިޔާރެވެ. ޝަރުޢީ ނިޒާމް ބިނާވެގެންވާ މަސްދަރުތަކަކީ އިސްލާމީ ޝަރީޢާތާއި، "ޕްރޫބެރީޑިންއެވެ". (ޕްރޫބެ ރޫޑިންގެ މާނައަކީ ޒަމާންވީ އާދަކާދައެވެ.) ފަޑިޔާރުންނަކީ އެންމެންގެ ގާތުގައި ވަރަށް ޢިއްޒަތްތެރި ޤަދަރުވެރި ބޭފުޅުންނެވެ. އެންމެން އިޙްތިރާމްކުރާ ކަަމޭހިތާ ބޭފެޅުންނެވެ. ސަބަބަކީ އެދުވަސްވަރުގައި ފަޑިޔާރުންނަކީ އެންމެ ރަނގަޅަށް ދީނުގެ ކަންތައްތައް ދެނެލައްވާ ބޭފުޅާއެވެ. މީސްތަކުންނަށް ޤާނޫނު އުގަންނައި ދިނުމުގެ އިތުރުން ދީން އުގަންނައި ދިނުމަކީވެސް ފަޑިޔާރުންގެ މަސްޢޫލިއްޔަތެކެވެ. އެގޮތުން ފަޑިޔާރުންވަނީ މި މަސްޢޫލިއްޔަތު ތައް އަދާ ކުރެއްވުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވާފައެވެ.
މިގޮތުން "ފަޑިޔާރު ހިގުން" މިނަމުގައި މާލެ ތެރޭގައި ހިންގެވި ހިންގެވުމަކީ މިއަދު އަޅުގަނޑުމެންނަށް ޢިބްރަތުން ފުރިގެންވާ ހިންގެވުމެކެވެ. މި ހިންގެވުމުގައި ފަޑިޔާރު މީހާއާއި، މާލޭ ދެކަތީބުންނާއި، ފަޑިޔާރުމީހާއަށް އެހީވާ މީހުންނާއި އެކު މުޅި މާލެތެރޭގައި ހިންގަވައެވެ. މިއީ ހަފްތާއަކު އެއްދުވަހު ކުރައްވާ ކަމެކެވެ. މިހިންގެވުމުގެ މަޤަޞަދަކީ ދީނުގެ ޢަމްރު މަޢުރޫފް ހިންގެވުމެވެ. މިގޮތަށް ހިންގަވާއިރު އެބޭފުޅުންގެ އަތުގައި ދިގު ހަންމުށްޓެއް އޮވެއެވެ. މި ހިންގެވުމަގައި ހެޔޮކަންތައްތަކަށް ޢަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމުގެ ތެރޭގައި މުޖުރިމުންނަށް ނަޞޭޙަތްތެރިވެ އިޞްލާޙު ކުރުވައެވެ. އަދި ހަމަމިގޮތަށް މި ހިންގެވުމުގެ ތެރޭގައި އެއްވެސް އިސްތިސްނާއެއް ނެތި ފެނުނު ކޮންމެ މީހަކު ލައްވާ އިސްލާމްކަމާއި، އީމާންކަމުގެ ރުކުންތައް ކިއުއްވައެވެ. އަދި ޢަރަބި ބަހުން ބައެއް ދުޢާތައްވެސް ކިއުއްވައެވެ. އަދި ދުޢާތަކުގެ މާނަ ވެސް ކިއުއްވައެވެ. އެއިން މީހަކަށް މިއެއްޗެހި ރަނގަޅަށް ނުކިޔިއްޖެނަމަ ހަންމުށިން އެމީހުންގެ ގައިގައި ތަޅުއްވައެވެ.
މާލެގެ މަގުތަކުގައި ފަޑިޔާރުން މިގޮތަށް ހިންގަވާއިރު އެއްވެސް އަންހެނަކަށް ފެންނާކަށް ނުކެރޭނެއެވެ. އަންހެނަކު ބުރުގާއެއްނެތި އައުރަ ނިވާނުކޮށް މަގުމަތީގައި ހިގަނިކޮށް ފެނިއްޖެނަމަ އޭނަގެ ބޯވެސް ބާލުވަފާނެއެވެ. މިގޮތަށް އަތޮޅުތަކުގައިވެސް ކަންތައްކުރަމުން ގެންދިޔަ ކަމުގައި ތާރީޚީ ފޮތްފޮތުގައި ވެއެވެ.
އަޅުގަނޑުމެންގެ މަޝްހޫރު ތާރީޚި ލިޔުންތެރިޔާ އިބްނު ބަޠޫތާ އެބޭފުޅާގެ ތާރީޚުގައި އެބޭފުޅާ ރާއްޖޭގެ ފަޑިޔާރުކަން ކުރެއްވި ގޮތާއިމެދު ލިޔުއްވާފައިވެއެވެ. "ނުބައި އާދަތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބަދަލު ގެނައީ އިދެ ވަރިކޮށްފައި ތިބޭ އަންހެނުން ވަރިކުރި ފިރިހެނާގެ ގޭގައި ތިބުމުގެ އާދައެވެ. (މިތާގައި އިބްނު ބަޠޫތާ ޢިޝާރާތްކުރައްވަނީ ޢިއްދަހަމަވުމަށް ފަހު ތިބޭ ތިބުމުގެ ވާހަކައެވެ.) މިގޮތުން ވަރިކުރިމީހާގެ ގޭގައި އެކި އަންހެނުން އެކަނބުލޭގެ އެހެންމީހާއި އިންނަންދެން އުޅެތެވެ. މިއާދަ އަހަރެން މުލުން ލުހެލީމެވެ. އެބާވަތުގެ ފަންސަވިސް ފިރިހެނުން އަހަރެންގެ ގާތަށް ގެނެވުނުހިނދު އެބައިމީހުން ތަޢުޒީރުކޮށް ހަދާފައި ބާޒާރުމަތީގައި ގަންހިންގުވައި ހެދީމެވެ. އަދި އެބައިމިހުންގެ ގޭގައި ތިބި އަންހެނުން އެގޭގެއިން ނެރެ ބޭރުކުރީމެވެ. މިފަދައިން ނަމާދު ކުރުމުގެ ކަންތަކާވެސް ގަދައަޅައި، ހުކުރު ނަމާދަށްފަހު މަގުތަކަށާއި ބާޒާރުމައްޗަށް ދޭވާނީން ފޮނުވައި ނަމާދު ނުކުރާ މީހަކު ހުރިތޯ ބަލައި، އެފަދަ މީހަކު ފެނިއްޖެނަމަ ތަޢުޒީރުކޮށް ގަންހިންގުވައި ހެދީމެވެ. އަދި މިސްކިތް މިސްކިތް އިމާމުންނަށާއި މުދިމުން ގެ ތެރެއިން އެކަމަށް މުސާރަ ލިބިފައި ތިބި މީހުން އެމީހުންގެ ވާޖިބު ރަނގަޅަށް އަދާ ކުރުމަށާއި މިސްކިތްތައް ރަަނގަޅަށް ބެލެހެއްޓުމަށް ގަދަ އަމުރުކޮށް ހެދީމެވެ. އަދި އަންހެނުންގެ ހަށިގަނޑު ނިވާކުރުމަށް ގަދަ އެޅީމެވެ. މިކަން އަހަންނަކަށް ނުކުރެވުނެވެ."
މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚުގައި ފަޑިޔާރުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ގޮތެވެ. މިހިސާބުން އަޅުގަނޑުގެ ޤަލަން މަޑުޖައްސާމިލަނީ މިލިޔުމުގެ ސަބަބުން ތިޔަ އަޚުންނާއި އުޚުތުންނަށް ފައިދާހުރި މަޢުލޫމާތުތަކެއް ލިބިއްޖެކަމުގެ އުންމީދުގައެވެ. އިލްތިމާސަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަޑިޔާރަކީ މިފަދަ ފަޑިޔާރަކަށް ވުމަށް މަސައްކަތްކުރުމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...