ލިޔުނީ: صفاح محمد / إبن محمد
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ގެއެއް ބިނާކުރުމަށްޓަކައި ބިންގަލެއް ބޭނުންވާ ފަދައިން އަޅުގަނޑުމެންގެ މި އިސްލާމްދީނުގައިވެސް ބިންގާތަކެއްވެއެވެ. ރަސޫލާ صل لله عليه وسلم ޙަދީޘް ކުރައްވާފައިވަނީ بني الإ سلام علي خمس شهادة الا إله إلا لله وأن محمد الرسول لله وإقام الصلاة و إيتاء الزكاة وحج البيت وصوم رمضان (رواه البخاري ومسلم) "ދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމާއި، އަދި ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ޙައްޖުގެ އަޅުކަން އަދާކުރުމާއި، ރޯދަ ހިފުމުގެ މައްޗަށެވެ". މިކަންތައްތަކަށް އިސްލާމްކަމުގެ ރުކުނޭވެސް އަޅުގަނޑުމެން ކިޔައި އުޅެމެވެ. ސަބަބަކީ މިކަންތައްތަކަކީ އިސްލާމްކަން ފުރިހަމަވުމަށްޓަކައި ބެނުންވާ ފަސް ކަންތައްތަކެވެ. މި ފަސް ކަންތައްތަކަކީވެސް ދީނުގައި އެކަންތައްތަކަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެވިފައިވާ ކަންތައްތަކެވެ.
އެހެންނަމަވެސް މީގެތެރެއިން ނަމާދަށް އަޅުގަނޑުމެންގެ ދީނުގައިވަނީ ވަކިން ޚާއްސަ އަހަންމިއްޔަތު ކަމެއް ދީފައެވެ. ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ނަމާދަކީ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ދެވަނަ ރުކުނެވެ. ދެވަނަ ސަބަބަކީ އިސްލާމް ދީނުގެ އެހެން ހުރިހާ އަޅުކަންތަކެއް ފަރުޟުވެފައިވަނީ ރަސޫލާ صل لله عليه وسلم ބިންމަތީގައި ހުންނަވަނި ކޮށެވެ. ނަމަވެސް މި ނަމާދު އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ވެފައިވަނީ ރަސޫލާ صل لله عليه وسلم އަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވުމަށްފަހުގައެވެ. އެއީ ހަތް އުޑު ކަޑައްތު ކުރައްވައި އިލާހީ ދަރުބާރަށް قاب قوسين أو أدنا ގެ މިންވަރަށް ކުއްތަންކުރެއްވުމަށް ފަހުގައެވެ. އެހެންކަމުން 50 ނަމާދުގެ ސަވާބާއި ދަރުމަ 5 ނަމާދުން ލިބޭ މިއުރާޖުގެ ހަދިޔާއަކީ ފަރުޟު ފަސްނަމާދެވެ.
މި ނަމާދު ފަރުޟުވުމާއި އެކު އަޞްޙާބުބޭކަލުންނަށް ލިބިގެންދިޔައީ އިތުރު ރޫޙާނީ ބާރެކެވެ. ސަބަބަކީ ނަމާދަކީ އަޅާއާއި ﷲ އާއި ދެމެދު ގުޅާލެވޭ ގުޅާލުމެކެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހާ އުދަގޫތަކާއި ދަތިތަކުން ސަލާމަތްވުމަށްޓަކައި ނަމާދުގެ ޒަރިޢާއިން އެބޭކަލުން ވަނީ ވާގި ހޯދާފައެވެ. ޚުދު ރިވެތި ހުރިހާނަމޫނާއެއް އަޅުގަނޑުމެންނަށް ދެއްކެވި މާތް ސާހީބާވެސް މި މަގަށް އަޅުގަނޑުމެންނަށް ވަނީ ނަމޫނާ ދައްކަވާފައެވެ. އެގޮތުން ބަދުރުގެ މައިދާނުގައި 1000 މީހުންގެ ކުރިމަތީގައި 313 މީހުން އަތުރާލުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީވެސް ދެ ރަކުޢަތް ނަމާދެއް ކުރެއްވުމެވެ. އެއަށް ފަހު އެމަދު މީސްކޮޅަށް ނަޞްރުދެއްވުމަށް އެދި ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާކުރެއްވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 1000 މީހުންގެ ކުރިމަތީގައި 313 މީހުންނަށް ނަޞްރު ލިބިގެން ދިޔުމެވެ. އެހެންކަމުން ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަނީ އެކަމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ واستعينوا بالصبر والصلاة وأنها لكبيرة إلا على الخشعين "ތިޔަބައިމީހުންގެ ޙަޔާތުގައި ދިމާވާ ދަތި އުދަގޫތަކުން ސަލާމަތްވުމަށްޓަކައި ކެތްތެރިކަމާއި ނަމާދުން ވާގި ހޯދާށެވެ. އެ ނަމާދަކީ ބިރުވެތި ނުވާ އަޅުންނަށް ވަރަށް ބުރައެއްޗެކެވެ."
މި ނަމާދަށް އަޅުގަނޑުމެންގެ ދީނުގައި އެހާ މުހިންމު އަހައްމިއްޔަތު ކަމެއް ދީފައިވާ އަނެއް ސަބަބަކީ ނަމާދަކީ އަޅާއާއި ކުފްރާ ދެމެދު ފަރަޤުކުރެވޭ ހަމައެކަނި ފާރެވެ. އެ ނަމާދު ޤަސްތުގައި އަޅައިފި މީހަކީ ކާފަރެއްކަމުގައި މިއުއްމަތުގެ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ސަބަބަކީ ރަސޫލާ صل لله عليه وسلم ޙަދީޘް ކުރައްވާފައިވަނީ އަޅާއާއި ކުފްރާދެމެދުގައިވާ ހަމައެކަނި ތަފާތަކީ ނަމާދު އަޅައިފުމެވެ. އަދި މީގެ އިތުރަށް ޤަސްތުގައި ވިޔަސް އަދި ޤަސްތުގައި ނޫންކަމުގައިވިޔަސް ނަމާދު އަޅައިފިނަމަ އެމީހަކީ ކާފަރެއްކަމުގައި މި އުއްމަތުގެ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ހަމައެހެންމެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދުއެޅުން އާދަ ކޮށްފި ދެމެފިރިއެއްގެ ދެމެދުގައިވާ ކައިވެނީގެ ޢަޤުދު ބާޠިލްވާނެއެވެ. ސަބަބަކީ ނަމާދު ޤަސްތުގައި އަޅައިފިމީހަކީ އިސްލާމްކަމުގެ މިއްލަތުން ބޭރުވެގެންދާ ބަޔަކަށް ވާތީއެވެ.
ކޮންމެއަކަސް މިހާ މުހިންމު އަހައްމިއްޔަތެއް ދީނުގައި ނަމާދަށް ދެވިފައި ވީއިރު މި ނަމާދާއި މެދު އަޅުގަނޑުމެންގެ ތެރެއިން ފަރުވާކުޑަކުރަނީ ކިތައް ކިތައް މީހުންހެއްޔެވެ؟ ނަމާދު އެޅުމުގެ ސަބަބުން ދެމެފިރިންގެ ދެމެދުގައި އޮތް ކައިވެނީގެ ޢަޤުދު ބާޠިލް ވެގެންދާނެކަމަށް ޢިލްމުވެރިން ވަޢީޟުގެ ބަސް ވިދާޅުވެފައިވާއިރު ނަމާދު އަޅަމުންދަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް ދެމެފިރިން ހެއްޔެވެ؟
ލޮބެވިތަ އަޚުންނާއި އުޚުތުންނޭވެ! ނަމާދު އަޅާފައި ކުރާ އެއްވެސް ޢަމަލަކީ ﷲ ގެ ޙަޟްރަތުން ޤަބޫލުކުރެވޭ ޢަމަލު ތަކެއްނޫނެވެ. އެހެންވެއްޖެނަމަ އަޅުގަނޑުމެންނެކޭ ފޫނެތް އެއްޗަކަށް ފެންފުރާ ބަޔެކޭ އެއްވެސް ތަފާތެއް ނެތެވެ. ފޫނެތް އެއްޗަކަށް ކިތަންމެ ވަރަކަށް ފެން އެޅިޔަސް އޭގައި ފެނެއް ހަރެއް ނުލާނެއެވެ. ހަމައެގޮތަށް ނަމާދު އަޅާފައި އަޅުގަނޑުމެން ކިތަންމެ ބައިވަރު ހެޔޮ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެއަކުން އަޅުގަނޑުމެންނަށް ފައިދާ އެއް ނުކުރާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަޙްޝަރުގެ މައިދާނުގައި އެންމެ ފުރަތަމަ ހިސާބު ބެއްލޭވޭ ކަމަކީ ނަމާދެވެ. ރަސޫލާ صل لله عليه وسلم ހަދީޘް ކުރައްވާފައިވަނީ އެނަމާދު ރަނގަޅުވެއްޖެ ނަމަ އެހެން ހުރިހާ ކަންތައްތަކެއް ރަނގަޅުވާނެއެވެ. އެނަމާދު ގޯސްވެއްޖެ ނަމަ އެހެން ހުރިހާކަމެއް ގޯސް ވާނެއެވެ. ހަމައެހެންމެ މަޙްޝަރުގެ މައިދާނުގައި ލޮންސިއެއްގެ މިންވަރަށް އިރު ކައިރި ކުރެވިގެންވާ ވަގުތެއްގައި އަރުޝީގެ ހިޔާ ލިބޭ ހަތް ބާވަތުގެ މީހުންގެ ތެރެއިން އެއްބަޔަކީ އެބަޔަކާއީ މިސްކިތާއި ގުޅިފައިވާ މީހުންނެވެ.
ލޮބެވިތަ އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމާއި އަޚުވަންތަކަން އޮންނަން ބޭނުން ހެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ނަމާދަށް ރައްކާތެރިވާށެވެ. އަޅުގަނޑުމެންގެ ހިތްތައް އަލިވެ، ދޫތައް ފަސޭހަވެ، ސިކުޑިތައް ތަނަވަސް ވުމަށް ބޭނުންހެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ނަމާދަށް ރައްކާތެރިވާށެވެ. އަޅުގަނޑުމެންގެ ގެތައް އާބާދުވެ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބަރަކާތް އިތުރުވެ ރިޒުޤު ތަނަވަސް ވުމަށް ބޭނުންހެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ﷲގެ ގެތައް އާބާދުކުރާށެވެ. މި ދުނިޔެ ދޫކުރުމަށް ފަހު އަޅުގަނޑުމެންނާ ބައްދަލުކުރާނެ އެންމެ ފުރަތަމަ މަންޒިލް ކަމުގައިވާ ބަރުޒަޚުގެ ޙަޔާތަކީ އަޅުގަނޑުމެންގެ މައްޗަށްވާ ސުވަރުގޭގެ ބަގީޗާއަކަށް ވުމަށް ބޭނުންހެއްޔެވެ؟ އެހެންކަމުގައި ވަނީނަމަ ނަމާދަށް ރައްކާތެރި ވާށެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަނީ ހަތް އުޑުމަތިން މި ނަމާދަށް ރައްކާތެރިވުމަށް އަޅުގަނޑުމެންގެ މައްޗަށް އަމުރުކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...