އިރުވައި މޫސުމުގައި މި ފެންނަ ހޭނަކަތު ދޫނި ނުވަތަ ދޮންދޫނި ތަކަކީ ހާދަހާ ރަނގަޅު ދޫނި ތަކެކެވެ. މުޅި ދުވަހު ހަތަރު ދަމު އައިސް ކައިރީގައި އެނބުރޭއިރު އެ ދޫނިތައް ހީވަނީ ދެން ދުވަހަކުވެސް ދޫކޮށްފައި ނުދާނަމޭ ބުނާހެންނެވެ. ހޭނަކަތް ލައިގަތުމުން އެ ދޫނިތައް ފެނިލާފައި ނަކަތް ނިމުމުން ދޫނިތައް ގެއްލިގެން ދާނކަން ރައްޔިތުން ވަރަށް ރަނގަޅަށް ދަންނާން އެބަ ޖެހެއެވެ. އެހެން ނަމަވެސް ހިތާމަޔަކީ ކޮންމެ ފަހަރަކުވެސް ހޭނަކަތުގެ މޫސުން ލައިގަތުމާއި އެކު ހޭނަކަތުގެ އާދަކާދަ އާއި އޭގެ އުޞޫލުތައް ރައްޔިތުންގެ ހަނދާނުން ކެހިގެން ދާތީއެވެ.
މި ދުވަސްވަރަކީ ރައްޔިތުންގެ "ވިންދާ ޙާލަތު" ގެ މަތިން ހަނދާން ވާވަރުން ހަމަ ނިދި ނުނިދިގެން ގިނަ ބަޔަކު ރައްޔިތުންގެ ޙާލަތާއި ވިންދު ބެލުމަށް އަވަސް ވެފައިވާ ދުވަސްވަރެކެވެ. ރައްޔިތުން ދެކެ ވާ ލޯބިން އަނބި ދަރީންގެ މަތިން ވެސް ހަނދާން ނެތިގެން ދާއިރާގެ ވިންދާ ޙާލަތު އެންމެ ރަނަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންގެ ގާތަށް ގޮސް އެ ބައިމީހުންނަށް ދަތި ވަނީ ކޮންކޮން ކަންތައް ތަކެއްތޯ އެތައް ފަހަރަކު އަންނަނީ ސުވާލު ކުރަމުން ނެވެ.
ބައެއް މީހުން ގޭގެއަށް ވަދެ ތެލި ތަށި ދޮންނަން ހުރިތޯ ވެސް އަހާއުޅޭ ކަމަށް ވެއެވެ. އަދި ދޮންނަން ހުރި ތަކެތި ދައްކާލައި، ތިޔައީ މަސައްކަތެއް ހޯދާން އައިސް އުޅޭ މީހެއްތޯ އަހާލުމުން "ނޫން އަޅުގަނޑު މި އައީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލީ ބޭފުޅަކު ވިދާޅުވެގެން ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުން ފިލުވަން" ކަމަށް ބުނެއެވެ.
ދާއިރާގެ "ވިންދާ ޙާލަތު" އެހާ ރަނގަޅަށް އެނގޭ އިރުވެސް ރައްޔިތުންނަށް ދަތިވާ ކަންކަމާއި އުނދަގޫވާ ކަންކަމަކީ ކޮބައިތޯ މިފަދަ މީހުންނާއި މި މީހުން މަސައްކަތް ކޮށްދޭ "ކުރިމަތި ލައިގެން އުޅޭ ބޭފުޅާ" ސުވާލު ކުރައްވަނީ މަދަކުން ނޫނެވެ. މި ސުވާލު މި ކުރަނީ ކޮންމެހެން ޙާލަތާއި ވިންދު އޮޅުން ފިލުވައި ދަތިވާ ކަންކަން ޙައްލު ކޮށްދިނުމަށް ކަމަށް ރައްޔިތު މީހާ އަށް ހީވާ ނަމަ ދެން ދަންނަވަން އޮތް ވާހަކަ އެއް ނެތެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލު ކޮށްދޭނެ ކަމަށް ބުނެ ރައްޔިތުންނަށް "ދަޅަ ދައްކަން" ނުކުންނަވާ "ބޭފުޅުން" ނާއި މެދު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހެއެވެ. ރައްޔިތުންގެ ކުރިމައްޗަށް މި ނުކުތީ ކޮން ފެންވަރެއްގެ ކާކުތޯ އާއި އޭނާގެ ފަސްބަޔާއި އިހުބައި ރަނގަޅަށް ސާފު ކުރާން ވެއްޖެ އެވެ. މީނާގެ އެދުމާއި ވެދުން މިނެކިރާނެ މިންގަނޑަކީ ކޮބައިތޯ ރައްޔިތުން ސުވާލު ކޮށް އަހާން ޖެހެއެވެ.
ރައްޔިތުންގެ ކުރިމައްޗަށް މިފަހަރު ނުކުންނަ މީހުންނާއި މެދު ވަރަށް ރަނގަޅަށް ރައްޔިތުން މިފަހަރު ސަމާލުވާން ޖެހެއެވެ. އެމީހާ އަކީ ކޮންކޮން ކަންކަމަކަށް ލޯބިކުރާ ކޮންކޮން ޙައްޤު ތަކަކަށް ވަކާލާތު ކޮށް އުޅޭ މީހެއްކަން އެމީހާގެ ފަސްބަޔާއި އިހުބައިން ރަނގަޅަށް ދެނެގަންނަން ޖެހެއެވެ. އެމީހާ އަކީ މި ދިވެހި ފަސްގަނޑުގައި ދިރިއުޅޭ އެންމެހާ އިންސީންނާއި ވަލުޖަނަވާރާއި މަސްމަހާ މެއްސާއި ދޫނިސޫފާ ސޫފި ތަކަށް އަމާނާތްތެރި ވާނެ މީހެއްކަން ކަށަވަރު ކުރާން ޖެހެއެވެ.
މިފަހަރުގެ އިންތިޚާބުގައި ޕިންޑޭގެ ބަހުން "އެކި އެކި ޕާާޑު ޕާޑުގެ މުދާ" ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ މިފަހަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ލާދީނިއްޔަތުގެ ފިކުރާއި އިސްލާމީ އުޞޫލު ތަކުގެ މެދުގައި ވަރުގަދަ ހަނގުރާމަ އެއް ހިނގާނެ ކަމަށް ދެކެވޭ ދެކެވުމެވެ. މިފަހަރުގެ އިންތިޚާބުގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ނުކުންނަވާއިރު، އެބޭފުޅުންނާ ދެކޮޅަށް ލާދީނިއްޔަތުގެ އަހުލުވެރިންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަން ރަނގަޅަށް ދަންނާން ޖެހެއެވެ.
ކޮންމެ އަކަސް މިފަހަރު ވެސް މިއޮތީ ދާއިރާގެ ވިސްނުން އެންމެ ރަނގަޅަށް އަޅުގަނޑަށް އެނގޭ މޫސުން ލައިގަނެފަ އެވެ. މި މޫސުމުގައި މި ފެންނަ ހޭނަކަތު ދޫނި ތަކަކީ ހޭނަކަތް ލައިގަތުމުން ފެނިލާފައި ނަކަތް ނިމުމުން ގެއްލިގެން ދާނެ އެއްޗެއް ކަން ރައްޔިތުން ވަރަށް ރަނގަޅަށް ދަންނާން އެބަ ޖެހެއެވެ. ފިފަހަރަކީ ދިވެހިން ބޭނުންވަނީ ކޮން ފިކުރެއްކަން ނިކަން ރަނގަޅަށް ދައްކާލާނެ ފަހަރަކަށް ހައްދަވަމާތޯ އެވެ!
ހޭނަކަތް މިއޮތީ ލައިގެންފަ
ކޮމެންޓް (0)
ލޯޑް ކުރަމުން...