ދިއިސްލާމް ދީން ހަތިޔާރަކަށް ހަދަނީއޭކިޔާ ކިޔުމަކީ އިސްލާމީ ދައުވަތަށް ހުރަސް އެޅުމަށް ދައްކާ ދޮގުވާހަކައެއް: ޝައިޚް ފިކްރީ

ދީން ހަތިޔާރަކަށް ހަދަނީއޭކިޔާ ކިޔުމަކީ އިސްލާމީ ދައުވަތަށް ހުރަސް އެޅުމަށް ދައްކާ ދޮގުވާހަކައެއް: ޝައިޚް ފިކްރީ

ދީން ހަތިޔާރަކަށް ހަދަނީއޭކިޔާ ކިޔުމަކީ އިސްލާމީ ދައުވަތަށް ހުރަސް އެޅުމަށް ދައްކާ ދޮގުވާހަކައެއް: ޝައިޚް ފިކްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދީން ހަތިޔާރަކަށް ހަދަނީއޭ، ދީންވިއްކާލީއޭ، ކިޔާ ކިޔުމަކީ އިސްލާމީ ދައުވަތަށް ހުރަސް އެޅުމަށް ދައްކާ ދޮގުވާހަކައެއް ކަމަށް އައްޝައިޚް ހަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފްއާއި ސަން އެފްއެމް ގުޅިގެން ގެނެސްދޭ ސުވާލަކީ ކޮބާގެ 126 ވަނަ ޕްރޮގްރާމްގައި އެހުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ފިކްރީ ވިދާޅުވީ މިހާރުގެ ސިޔާސީ މަސްރަހުގައި ދީން ހަތިޔާރަކަށް ހަދަނީއޭ، ދީން އައްޑަނައަކަށް ހަދަނީއޭ ކިޔަމުންދާ ކިޔުމަކީ ވަރަށް ނުރައްކާތެރި މައްސަލައެއްކަމަށާއި އިސްލާމީ ދައުވަތަށް ހުރަސްއެޅުމަށް ބަޔަކު ދައްކާ ދޮގުވާހަކަތަކެއް މީގެ ތެރޭގައި އެކުލެވިގެންވާ ކަމަށެވެ. އަދި އެއްވެސް ދީނީ ޢިލްމުވެރިއަކީ ކުށެއްނުކުރެވޭ މައުސޫމް މީހެއް ނޫންކަމަށާއި އެހެން ނަމަވެސް ދީން ހަތިޔާރަކަށް ހަދަނީއޭ، ހުރިހާ ކަމެއްގެ ތެރެއަށް ދީން ވައްދަނީއޭ ކިޔާ ކިޔުމަކީ ބަޔަކު ހިންގަމުންދާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

ޝައިޚް ފިކްރީ ވިދާޅުވީ ދީން ހަތިޔާރަކަށް ހަދަނީއޭ ގޮވާ ގޮވުންތަކަކީ ލާދީނިއްޔަތު ފެތުރުމަށް ގޮވާ ގޮވުންތަކެއް ކަމަށާއި އެކަން ފެށިގެންއައީ ފަރަންސޭސި އިންޤިލާބުގެ ތެރެއިން ޔޫރަޕުންކަމަށެވެ. އަދި މުސްލިމުން ދައުވާ ކުރާ މިނިވަންކަމަކީ ﷲ ސުބްހާނަހު ވަތަޢާލާ ދެއްވި މިނިވަންކަމެއް ކަމަށާއި ނަމާދުކޮށްފައި އަޅުކަންކޮށްފައި ދެން ބާކީހުރި ކަންކަމަކީ ދީނީ ކަންކަމެއްނޫނޭ ބުނުމަކީ އިސްލާމްދީނުގައި މުޢުމިނަކު ޤަބޫލުކުރާނެ ކަމެއް ނޫންކަމަށާއި މީހަކު ހެނދުނު ހޭލީއްސުރެ ނިދުމާހަމައަށް އޭނާ ކުރާ ހުރިހާ ޢަމަލަކީވެސް އަޅުކަންކަމަށެވެ.

އިތުރަށް ޝައިޚް ފިކްރީ ވިދާޅުވީ މުސްލިމުންގެ ވެރިއަކީ ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި ވެރިކަމުން، ވެރިކަންކުރާ މީހެއްކަމަށާއި ވެރިއަކު ބާރުތައް ދަމަހައްޓަނީވެސް އޭނާ ބާރުތަކުން އެއްކިބާވެ ފާއިބާނީވެސް ﷲ ސުބްހާނަހޫ ވަތަޢާލާގެ ރުހުމާއެކުގައި ކަމަށެވެ. އަދި މީހަކަށް ބާރުތައް ދެއްވަނީވެސް މީހަކު ކިބައިން ބާރުތައް ނިގުޅައިގެން ނިކަމެތިކުރައްވަނީވެސް ﷲ ސުބްހާނަހު ވަތަޢާލާ ކަމަށާއި ބާރުތަކަކީ އާއްމު ރައްޔިތުންދޭ އެއްޗެއް ނޫންކަމަށެވެ.

ޝައިޚް ފިކްރީ ވިދާޅުވީ މުސްލިމުން އެމީހުންގެ އަޤީދާ ދޫނުކޮށްލާނެކަން އެނގުމުން އެއަޤީދާގެ ޞައްޙަ މަޢުލޫމާތު ލިބޭނެ ގޮތްތަކުން އެއްކިބާކުރުމަށް ދީނީ ތައުލީމާ ދުރުކޮށް، ދީނީ ޢިލްމާއި ދުރުކޮށް ކަންކަން ކުރަމުންދާކަމަށެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި ވަކިމީހަކުދޭ ދަރުސްތަކަށް ނުދިއުމަށާއި ވަކިމީހަކުދޭ ޚުތުބާތައް އަޑުނޭހުމަށް ގޮވަމުން ދިޔަކަމަށާއި ދީނަށް ބާރުލިބޭ ޤާނޫނެއްގެ ވާހަކައެއް ދައްކާއިރަށް އެޔާއި ދެކޮޅަށް ވާހަކަތައް ދައްކަމުންދާ ކަމަށާއި އެހުރިހާ ކަމަކީވެސް މުސްލިމުން އިސްލާމްދީނާ ދުރުކުރުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

ނިންމާލަމުން ޝައިޚް ވިދާޅުވީ އަޅުގަނޑުމެންނަށް ރައްކާތެރިކަމާއި ސަލާމަތާއި އަމާންކަން ލިބެންއޮތީ އިސްލާމް ދީނުގައި ހިފަހައްޓައިގެން ކަމަށާއި އަދި ހަތިޔާރެއްގެ ގޮތުގައި ބަލަންވީ އެއްޗަކީ، ނަމޫނާއެއްގޮތުގައި ނަގަންވީ އެއްޗަކީ އަޤީދާއެއް ގޮތުގައި ހިފަހައްޓަންވީ އެއްޗަކީވެސް އިސްލާމްދީން ކަމަށާއި ތަރައްޤީ ކުރުމަށްޓަކައިވެސް ބަލަންވީ އިސްލާމްދީން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.