ޤާނޫނުލް އުޤޫބާތުގެ ހަތަރު މާއްދާއެއް އުވައިލުމަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފި އެވެ.
އިމްތިޔާޒް ފަހުމީ ހުށަހެޅި ދެ ބިލްގައި ބުނެފައިވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގެ 75، 81، 87 އަދި 125 ވަނަ މާއްދާ އުވައިލުމަށެވެ.
ފުރަތަމަ ބިލުގައި އުވާލަން ހުށަހަޅާފައިވާ 75 ވަނަ މާއްދާއަކީ ގަސްދުގައި މީހަކަށް ގެއްލުމެއް ދިނުމަށް ހައްގަކާ ނުލައި ދައުވާކޮށްފި މީހެއްގެ އަދަބު ކަނޑައަޅާ މާއްދާ އެވެ. އަދި 81 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހުން ހިފުމާއި ހައްޔަރުކުރުމުގެ އަދަބު ކަނޑައަޅާ މާއްދާ އެވެ. އަދި 87 ވަނަ މާއްދާއަކީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ބާރު ލިބިފައިވާ މީހަކަށް އެހީވެނުދިނުމުގެ އަދަބު ކަނޑައަޅާ މާއްދާ އެވެ.
ބިލް ހުށަހަޅަމުން އިމްތިޔާޒް ވިދާޅުވީ ޤާނޫނުލް އުޤޫބާތުގެ 75 ވަނަ މާއްދާގައިވާ ގޮތުން ގަސްދުގައި މީހަކަށް ދެރައެއް ދިނުމަށް ހައްގަކާ ނުލައި ދައުވާކުރުމަކީ ޖިނާއީ ކުށެކެވެ. ނަމަވެސް ތަހުޒީބު މުޖުތަމައުތަކުގައި މިއީ މަދަނީ މައްސަލައެއް ކަމަށާއި އަދި 81 ވަނަ މާއްދާއަކީ މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ 58 ވަނަ މާއްދާ އިން ބާރު ކެނޑިގެންދާ މާއްދާއެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން ބާރު ލިބިފައިވާ މީހަކާ އެހީވެނުދިނުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 87 ވަނަ މާއްދާގައި ބުނެފައިވާ އިރު، އެއީ ފުލުހުންގެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކުށެއް ކަމަށެވެ.
ޤާނޫނުލް އުޤޫބާތުގެ 125 މާއްދާ އުވާލަޏް ހުށަހަޅަމުން އިމްތިޔާޒް ވިދާޅުވީ މިއީ ހަދައިގެން ނުވަތަ ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ މާއްދާއެއް ކަމަށާއި ނަމަވެސް ޤާނޫނުލް އުޤޫބާތުގައި ހުރި އަބުރާ ބެހުމުގެ ކުށާ ގުޅޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން އުވާލާފައިވާ ކަމަށެވެ. އަދި އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި މިހާރު އަމަލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެގެ ޖަލްސާގައި މިބިލްގެ ބަހުސްގެ މަރުހަލާ ނިންމުމަށްފަހު ހާޒިރުވެ ތިއްބެވި 56 މެންބަރުންގެ ތެރެެއިން 27 މެންބަރުންގެ އަޣުލަބިއްޔަތުން މަޖްލީހަށް ބަލައިގަނެ މިނިވަން މުއައްސަސާތަކާއި ގުޅޭ ކޮމިޓީއަށް ވަނީ އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...