އިސްލާމްދީނުގެ ޙުކުމްތަކަށް ފާޅުގައި ގޮންޖަހާމީހަކަށް ވޯޓުދޭމީހާ ދީނުން ބޭރުވާނެކަމަށް ފިޤްހް އެކަޑަމީގެ ނައިބް ރައީސް ޑރ މުޙައްމަދު އިޔާޟް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ އިޔާޟްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ އިސްލާމްދީނަށް ފާޅުގައި ގޮންޖަހާ ބެފުޅަކަށް ވޯޓު ނުދެއްވުމަށާއި އެފަދަ މީހަކަށް ވޯޓު ދިނުމުގެ މާނައަކީ އޭނާ ކުރާ އެފަދަ ކަންތައްތަކަށް ހިތްވަރު ދިނުންކަމަށާއި އެކަންކަމަށް ރުހުންކަމަށެވެ. އަދި މިފަދަ ކަންތައްތަކަށް ހިތްވަރުދީ ރުހި ހަދައިފި މީހަކީ ދީނުން ބޭރު ވާނެކަން ކަށަވަރު މީހެއް ކަމަށެވެ.
ޢަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ނައިބް ރައީސްކަންވެސް ކުރައްވާ ޑރ މުޙައްމަދު އިޔާޟް އަބްދުލްލަތީފް އިތުރަށް ލިޔުއްވާފަވަނީ ވޯޓަކީ އަމާނާތެއްކަމަށާއި މީހުން ދައްކާ ދަޅަތަކަށް ހެއްލިގެން ނުވަތަ ބަހަމުންދާ ފައިސާގެ ދަހިވެތިކަމުގައި މިއަމާނާތަށް ޚިޔާނާތްތެރި ނުވުމަށެވެ. އަދި ކަންކަމުގައި ދީނީ ޢިލްމުވެރިންގެ ރަޢުޔު ހޯއްދެވުމަށާއި އޭގެތެރެއިން ގިނަ ޢިލްމުވެރިން ތާއިދު ކުރައްވާ ބޭފުޅަކީ ވޯޓުލުމަށް އެންމެ ލާއިގް ބޭފުޅާކަމަށެވެ.
ޑރ ޢިޔާޟް މިފަދައިން ވިދާޅުވެފައިވާއިރު ދާދިފަހުންވަނީ ރާއްޖޭގެ އިންތިހާބާއި ގުޅޭގޮތުން ސައުދީ ޢިލްމުވެރިއެއްގެ ފަތުވާއެއްވެސް ވަނީ އާއްމުވެފައެވެ. އެފަތުވާގައިވަނީ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި ދީންވެރި މީހެއް ނެތް އިރު ދީނަށް ފުރައްސާރަ ކުރާ މީހެއް ހިމެނޭތީ ވޯޓްލުމުގައި ކަންކުރަންވީ ގޮތް އޮޅުންފިލުވައިދެއްވާފައެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރާ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ސުންނަތަށް ފުރައްސާރަކުރާ މީހަކީ ދީނުން ބޭރުވެފައިވާ މުރުތައްދެއް ކަމަށާއި މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނެކަމަށާއި މުރުތައްދުވެފައިވާ މީހަކު އިންތިޚާބުކުރުމުގައި، މުރުތައްދުވެފައިވާ މީހަކަށް ނަޞްރުވެރި ވުމުގައި، މުރުތައްދުވެފައިވާ މީހަކު ބާރުވެރިކުރުމުގައި، މުރުތައްދުވެފައިވާ މީހަކު މަތިވެރި ކުރުމުގައި، މުރުތައްދުވެފައިވާ މީހަކު ހޮވުމަށް މަސައްކަތް ކުރުމުގައި އެވާނީ މުރުތައްދުގެ އަހުލުވެރިންނާއި ކުފުރުގެ އަހުލުވެރިން އިސްލާމުންގެ މައްޗަށް ބާރުވެރި ކުރުމުގައި ބައިވެރިވުން ކަމުގައި ކަމަށާއި އެއިންކަމެއް ހުއްދައެއް ނުވާނެކަމަށް ސައުދީ ޢިލްމުވެރިޔާގެ ފަތުވާގައިވެއެވެ.
ގުޅުންހުރި ލިންކް:
ޚަބަރު: މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނެ: ޑރ އަލްމަދްޚަލީ
ކޮމެންޓް (0)
ލޯޑް ކުރަމުން...