ފަލަސްތީނުގެ ދަރަޖަ އ.ދ ގައި މަތިކުރުމަށް ވޯޓުލީތާ 24 ގަޑި އިރު ނުވަނީސް އިޒުރޭލުގެ ސަރުކާރުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކްގައި 3000 ގެދޮރު އެޅުމަށް ނިންމިކަމަށް އިޒުރޭލުގެ މީޑިއާ ރެޕޯޓުތައްބުނެއެވެ.
ގެތައް އެޅުމަށް ކަނޑައެޅިފައިވަނީ ޖަރުސަލެމް ގެ އިރުމައްޗާއި ވެސްޓް ބޭންކްގައެވެ. އީ-1 ގެ ނަމުން ނަން ދެވިފައިވާ ޖަރުސަލެމްއާއި، މަޢާލެ އަދުމިމް އާއި ދެމެދު އޮންނަ ސަރަހައްދުގައި އިމާރާތްކުރުމަށް އިޒުރޭލުގެ ޕްރައިމް މިނިސްޓަރު ބުންޔާމީން ނެތަންޔަހޫ ބޭނުންވާކަމަށާއި، ނަމަވެސް އަދި އެ ސަރަހައްދުގައި އިމާރާތްކުރުމަށް ޕްލޭން އެއް އެކުލަވާލެވިފައިނުވާކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.
އ.ދ ގައި ފަލަސްތީނު ބަލައިގަތުމަށް އެދި ހުށައެޅި ބިޑްގެ ސަބަބުން އިސްތިއުމާރުކުރެވިފައިވާ ބިންތަކުގައި އިމާރާތްކުރާނެކަމުގެ އިންޒާރުވެސް ވަނީ އިޒުރޭލުގެ ސަރުކާރުން ދީފައެވެ. ނަމަވެސް ފަލަސްތީނުގެ އޮފިޝަލުން އެ އިންޒާރު ސިފަކޮށްފައިވަނީ މާނައެއްނެތް އިންޒާރެއްގެ ގޮތުގައެވެ. ނެތަންޔަހޫގެ ސަރުކާރުން ކޮންމެ އަހަރަކުވެސް އިސްތިއުމާރުކުރެވިފައިވާ ފަލަސްތީނުގެ ބިންތަކުގައި އެތައްހާސް އިމާރާތެއް އެޅުމަށް ހުއްދަދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...