މޯބައިލް ބެންކު ފެށުމަށް ތައްޔާރުވަމުންދާއިރު ވާ ވެއްދުމުގެ އުކުޅުތަކަށް ސަމާލުވާން އެބަޖެހެއެވެ. ދާދިފަހުން ބެންކް އޮފް މޯލްޑިވިސްއިން މޯބައިލް ބެންކިންގ ގެ ހިދުމަތް ފެށުމަށް އިއުލާންކޮށް އެކަމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންޓަނެޓް ބޭނުންކޮށްގެން ވައްކަން ކުރުމަށް ވަގުންވަނީ 'އެކްޓިވް' ވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުންވަނީ ބޭރު ނަންބަރަކުން އެސްއެމްއެސް ލިބެން ފަށާފައެވެ. އެ އެސްއެމްއެސްގައި ވަނީ ވެބްސައިޓަކަށް ވަދެ ބެންކުގެ މައުލޫމާތުތައް ދިނުމަށްއެދިފައެވެ. ބެންކުން ހާމަކުރާގޮތުގައި ކާޑުގެ މައުލޫމާތު ދިނުމުން އެސައިޓް ހިންގާ ބަޔަކަށް އެކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި މިކަމަށް ސަމާލުވެގެން ތިބުން މުހިންމުކަމަށެވެ.
މޯބައިލް ބޭންކިން ތައާރަފްވުމުގެ މަގުމަތީގައި މިފަދަ އަމަލެއް ބަޔަކު ހިންގަމުންދާކަމީ ކުރިމަގުގައި މިފަދަ ހިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތައް އޮތްކަމުގެ 'އިޝާރާތެއް' ކަން ޔަގީނެވެ. ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ފޭކް ވެބްސައިޓެއް ހަދައިގެން އެފަދަ ވަގުން ދަނީ އެކައުންޓްތަކާއި ކާޑު ނަމްބަރާއި މުއްދަތު ހަމަވާ ތާރީހު އަދި ކާޑުގެ ސެކިއުރިޓީ ކޯޑުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅިގެން ބެންކުން ވަނީ އާންމުން ހޭލުންތެރިކުރުމަށްޓަކައި ނޫސްބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވާގޮތުގައި "އެއްވެސް ފަރާތަކުން ލިބޭ އެފަދަ އެސްއެމްއެސް އެއް ނުވަތަ އީމެއިލްއެއްގައި ހިމެނޭ ލިންކެއް ބީއެމްއެލްގެ ވެބްސައިޓަށް ނުވަތަ މޯލްޑިވްސް އިންޓަނެޓް ބޭންކިން ސައިޓަށް ވަނުމަށްޓަކައި ބޭނުން ނުކުރުމަށާއި އަބަދުވެސް ބްރައުސާގައި ބޭންކުގެ ވެބްސައިޓް އެޑްރެސް ކަމުގައިވާ ޑަބްލިއުޑަބްލިއުޑަބްލިއު ޑޮޓް ބޭންކް އޮފް މޯލްޑިވްސް ޑޮޓް ކޮމް ޑޮޓް އެމްވީ ޖަހައިގެން އެސައިޓް މެދުވެރިކޮށް ވަނުމަށާއި އަދި އެކައުންޓެއްގެ ނުވަތަ ކާޑެއްގެ ނަމްބަރު، ނުވަތަ އެކްސެސް ކޯޑެއް އީމެއިލް މެދުވެރިކޮށް އެއްވެސް ފަރާތަކަށް ނުފޮނުވުމަށާއި އެއްވެސް އެކައުންޓެއްގެ ނުވަތަ ކާޑެއްގެ ނަމްބަރު ނުވަތަ އެކްސެސް ކޯޑެއް ހާމަކުރުމަށް ބޭންކުގެ ފަރާތްތަކުން ނޭދެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް އެއްވެސް ކޯޑެއް އެކައުންޓްގެ ވެރިފަރާތަކަށް ވެސް ނުފޮނުވޭނެ ކަމަށް" ވެސް ބީއެމްއެލުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލް ގެ ނަމުގައި ހަދާފައިވާ ފޭކް ވެބްސައިޓްގެ އެޑްރެސް އަކީ "ޑަބްލިއުޑަބްލިއުޑަބްލިއު ޑޮޓް ބޭންކް އޮފް މޯލްޑިވްސް ޑޮޓް ނެޓް" އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...