އަފްރާޝީމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި، ފަސްދާނުލުން ގައުމީ އިއްޒަތުގައި ބާއްވަން ސަރުކާރުން ހަމަޖައްސައިފި
[time]11.28[/time] އަފްރާޝީމްގެ ހަށިކޮޅު އާސަހަރާއިން ނެރެގެން އިސްލާމީ މަރުކަޒަށް ގެންދަނީ. މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި. ކަށު ނަމާދު އޮންނާނީ އަސުރު ނަމާދަށް ފަހު.
[time]10.40[/time] އަފްރާޝީމަށް ހަމަލާދީ އަވަހާރަކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އދ. އިން ވެސް ބަޔާނެއް ނެރެފި.
[time]09.59[/time] އާއިލާގެ ބައެއް ފަރާތްތައް މިހާރު މާލެ ވަޑައިގަތް ތިއްބެވީ އާސަހަރާގައި. އަފްރާޝީމްގެ މަންމަ އާއި ބައްޕަވެސް އާސަހަރާއަށް ވަޑައިގެންފި.
[time]09.30[/time] ވީޑީއޯ: ޑރ އަފްރާޝިމް އަލީ އަވަހާރަވުމުގެ ކުރިން އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި ދެއްކި ވާހަކައިގެ ތެރެއިން
[time]08.35[/time] ޑރ.އަފްރާޝިމު އާ ސަހަރާއަށް ގެންގޮސްފި. އާސަހަރާއިން އިސްލާމީ މަރުކަޒަށް ގެންދާނީ ހިނެވުމުގެ މަސައްކަތް ނިމުމުން.
[time]06.40[/time] ސަން މީޑިއާ ގުރޫޕުގެ އިދާރާ ހުންނަ އިމާރާތް ހުރި ސަރަހައްދުން ތާޒާ ލޭ ހުރި ޓިޝޫ ތަކެއް ސަންގެ ނިއުސްޓީމަށް ފެނިއްޖެކަމަށް ސަން އޮންލައިނުން ރިޕޯޓުކޮށްފި. އަދި އެ ސަރަހައްދު ފުލުހުން މިހާރު ވަނީ ބަންދުކޮށްފިކަމަށްވެސް ހަބަރުލިބޭ. ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގެ ހުންނަނީ ސަން މީޑިއާ ގުރޫޕުގެ އިދާރާ އާއި ވަރަށް ކައިރީގައި. ލޭގެ އަސަރު ހުރި ޓިޝޫ ބުރުޒުމަގު ސިނަމާލެއާއި ހަމަޔަށް ވެސް ފެންނަން ހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށް ސަން އޮންލައިނުން ބުނޭ
[time]06.00[/time] ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ މެމްބަރ ޑރ އަފްރާޝީމް ނިސްބަތްވާ އުނގޫފާރުން ތިން ދޯންޏެއްގައި މީހުން މާލެ އަޔުމަށް ތައްޔާރުވަމުންދާ ކަމަށް ހަބަރުލިބެއެވެ.
[time]05.40[/time] ރަސްމީ އިއްޒަތުގައި ޑރ.އަފްރާޝީމް ފަސްދާނުލުން މިއަދުގެ އަސުރު ނަމާދަށްފަހު އޮންނާނެކަމަށް ސަރުކާރުން ބުނޭ. އަދި މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި. ގަނޑި އަދި އިއުލާނެއް ނުކުރޭ
[time]04.50[/time] ވީޓީވީ އާއި ފޯނުން ވާހަކަފުޅު ދައްކަވަމުން ހޯމްމިނިސްޓަ ޑރ.ޖަމީލް ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ މިހާދިސާ ހިންގި ބަޔަކު ހޯދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ދިނުންކަމަށެވެ.
[time]04.18[/time] އޭޑީކޭ އަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވަޑައިގެންނެވުމުން އެތަނަށް އެއްވެފައި ތިބި އާންމުން ހިންހަމަ ނުޖެހުން ފާޅުކުރަމުން އެބަދޭ. އެމީހުން ބުނާގޮތުގައި މޫސަ އެތަނަށް އައީ ހަމަނުޖެހުން އުފައްދަން. މިވަގުތު މޫސަ ވަނީ އޭޑީކޭ ކެންޓީނު ތެރޭގައި ތާށިވެފައި.
[time]04.00[/time] ސިޔާސީ ފަރާތްތަކާއި އާންމުން ދަނީ ޑރ.އަފްރާޝީމް އަވަހާރަކޮއްލެއްވި ހާދިސާ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމުންނެވެ.
[time]03.50[/time] މި މައްސަލައިގައި ދާދި ދެންމެއަކު ފިރިހެނެއް ހައްޔަރުކޮށްފި ކަމަށް ދިއިސްލާމަށް މުއުތަބަރު ފަރާތަކުން ހަބަރުދޭ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން ކަށަވަރު ނުކޮއްދޭ
[time]03.45[/time] އަފްރާޝީމަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 3322211 އަށް ގުޅުމަށް ފުލުހުން އެދޭ.
[time]03.40[/time] ދާދި ދެންމެއަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކަމިޝަނަރ އަބްދުއްﷲ ރިޔާޟް ވިދާޅުވީ މި ހަމަލާ ތަހުޤީގުކޮށް ވީ އެންމެ އަވަހަކަށް މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ގައުމީ ތަހުގީގެއް ހިންގަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެދިވަޑައިގެންފައި. އަދި އެމަސައްކަތް ފުލުހުން މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވި.
އަދި މިހާދިސާ އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ނާޅުވާ މި މައްސަލަ ތަހުޤީގު ކުރަން ފުރުސަތުދެއްވުމަށް ކަމިޝަނާރ އެދިވަޑައިގަތެވެ.
ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމިޝަނަރ ވިދާޅުވީ މިއީ ދީނީ ކަމެއްކަންވެސް ސިޔާސީ ކަމެއްކަންވެސް އަދި ދަންނަވަން އަވަސް ކަމަށާއި، އެހެންނަމަވެސް މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން މިހާތަނަށް ލިބިފައިހުރި މަޢުލޫމާތުން އެނގޭކަމަށެވެ.
[time]03:15[/time] ޑރ. އަފްރާޝީމްގެ އަނބިކަނބަލުން ޤުރެއިޝާ މުހައްމަދާއި ހަވާލާދީ ސަން އޮންލައިންގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް ސިޑިމަތިން ފެނުނު އިރު ބޮލުގެ ނާށިގަނޑުން ބައެއް ވަކިވެފައިވާ ކަމަށާއި ބުރަކައްޓާ ދިމާއިން ވެސް ހަމަލަ ދީފައި ހުރި ކަމަށެވެ.
[time]03.10[/time] ކުރީގެ ރައީސް މައުމޫން ވެސް މިވަގުތު އޭޑީކޭއަށް ވަޑައިގެން އެބަ ހުންނެވި ކަމަށް ދިއިސްލާމްގެ ނޫސްވެރިން މައުލޫމާތު ދެއެވެ. އަދި އޭޑީކޭ ކައިރިޔަށް މީހުން ޖަމާވަމުންދާކަމަށްވެސް މައުލޫމާތު ދޭ
[time]03.05[/time] ރާއްޖޭގެ ރަޢީސުލް ޖުމްހުރިއްޔާ ވަނީ ޑރ.އަފްރާޝީމަށް ވަޅިން ހަމަލާދީ އަވަހާރަ ކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. އަދި މި ހަމަލާދިން ބަޔަކު ހޯދާ އާއިލާއަށް އިންސާފް ހޯދާދެއްވާނެ ކަމަށް ރައީސް ވިދާޅުވި. އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވި
[time]03.00[/time] ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. އަދި އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މާދަމާގެ މަޖިލިސް ޖަލްސާ އޭގެ އަނެއް ދުވަހަށް ފަސް ކުރެވިފާވާކަމަށް ވެސް މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
[time]02.50[/time] މިވަގުތު އޭޑީކޭއަށް ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތައް އަންނަމުން ދާކަމަށް އޭޑީކޭގައި ހަރަކާތްތެރިވަމުންދާ ދިއިސްލާމްގެ ނޫސްވެރިން މައުލޫމާތު ދެއެވެ.
[time]02.45[/time] ޑރ.އަފްރާޝީމަށް ހަމަލާދީ އަވަހާރަ ކޮއްލާފައިވާތީ އިސްލާމިކް މިނިސްޓަރ ޝައިހް ޝަހީމް ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. ދިއިސްލާމާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރޭގައި ދެއްކި އިސްލާމި ދިރިއުޅުން ޕްރޮގުރާމް އެމަނިކުފާނު އެކީގައި ބެއްލެވި ކަމަށާއި، އޭގައި އެއްވެސް މައްސަލައެއް ނެއްކަމަށެވެ.
[time]02.40[/time] ޑރ.އަފްރާޝީމް އާއި އެކު މިރޭ ޓީވީއެމް އިން ދައްކާ އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި ބައިވެރިވި ޝައިހް ގުބާދު ވިދާޅުވީ މިރޭގެ ޕްރޮގްރާމްގައި ޑރ.އަފްރާޝީމް ގިނައިން ދެއްކެވީ ކުރިން ކުރެވިފަ ހުރި ގޯސްތަކުގެވާހަކަ އާއި އަދި އެކަމަށް މަޢާފަށް އެދި ތައުބާވާ ވާހަކައެވެ. ޑރ.އަފްރާޝީމަށް ހަމަލާދީ އަވަހާރަ ކޮށްލި ހާދިސާ ޝައިހް ގުބާދު ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައެވެ.
[time]02.30[/time] ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމާއި ގުޅިގެން ޝައިހް އަބުދުއްﷲ ވިދާޅުވެފައިވަނީ " ކުއްތަކަށް އިއުތިރާފުވެ ރޭ ތަޢުބާވެސް އިއުލާން ކޮށްފައި ވަނިކޮށް ޑރ.އަފްރާޝީމަށް ހަމަލާދީ އޭނާ ނިޔާ ކޮށްލައިފައި ވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑު ޖަރީމާއެށް" ކަމަށެވެ.
[time]02.15[/time] ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ ތަމްސީލު ކުރައްވާ ޑރ.އަފްރާޝީމް އަލީ އޭޑީކޭ ހޮސްޕިޓަލް އަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހަބަރު ލިބެއެވެ.
[time]02.05[/time] ޑރ.އަފްރާޝީމަށް ހަމަލާދީފައިވަނީ ސްޓެލްކޯ ކައިރީގައި ހުންނަ އޭނާގެ ގޭގެ ސިޑި މަތީގައި ހުއްޓާކަމަށް ހަބަރުލިބެއެވެ.
[time]02.00[/time] ޑރ.އަފްރާޝީމް އަށް ވަޅިއަކުން ހަމަލާދީ ދާދި ދެންމެއަކު އަވަހާރަކޮއްލައިފި.
(ތަފްސީލް އަންނަނީ.. )
ކޮމެންޓް (0)
ލޯޑް ކުރަމުން...