ރިޕޯޓް މީޑިއާގެބޭފުޅުންނަށް ވަކި ޚާއްޞަ ހިމާޔަތެއްދޭންޖެހޭ ހެއްޔެވެ؟

މީޑިއާގެބޭފުޅުންނަށް ވަކި ޚާއްޞަ ހިމާޔަތެއްދޭންޖެހޭ ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްނު ނޫޙް

ޑީއާރުޕީގެ ފަރާތުން މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަން މަސައްކަތްކުރި މީޑިއާގެ "ބޭފުޅުން" ނާއިމެދު ފުލުހުން އަމަލުކުރިގޮތާއިމެދު ވަރަށްގިނަ ފަރާތްތަކުންދަނީ ފާޑުކިޔަމުން ކުއްވެރި ކުރަމުންނެވެ. މީޑިއާގެ ބޭފުޅުންނަށް އަނިޔާވީޔޯލައެވެ.

ސުވާލަކީ މީޑިއާގައި މިތިއްބަވަނީ ކޮންކަހަލަ އިންސާނުންތަކެއްބާވައެވެ. އާދަޔާޚިލާފު ބައެއްބާއެވެ. ނޫނީ އެއީ މަތިން ފައިބައިގެން އުޅޭ ބައެއްބާއެވެ. އެ" ބޭފުޅުން" ނަށް ފުލުހުންގެ ހިމާޔަތްލިބި އެހެނިހެން އިންސާނުންނަށް ބޮޑެތި އަނިޔާތައްލިބުމުން މައްސަލައަކަށްނުވަނީ ކޮން ޤަވާއިދެއްގެދަށުން ބާއެވެ. މިވެސްހަމަ ޑިމޮކްރަސީތޯއެވެ.

މުޒާހަރާއެއް ނޫނީ ހަޅުތާލެއް ކުރާއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަޅޭއްލެވުމާއި ތަޅާފޮޅުމެވެ. އަދި އިވެމުންދަނީ އެމީހަކަށް ގޮވުނުހާ އަވަގުރާނެއް ގޮވާ އަޑެވެ. އެކަމުގައި ބައިވެރިނުވެ ގޭގޭގައި ތިބޭ މީހުންނަށް ވާ އުނދަގޫތަކެއް މި ބައިގަނޑަކަށް ނުވިސްނެއެވެ.

ގޭގޭގައި ތިބޭ މުސްކުޅިންނާއި ކުޑަކުދިންގެ ޙައްޤުތަކެއްވެސް އެވަގުތަކު ނޯވެއެވެ. ކުރަމުންދާ މުޒާހަރާތަކުން ނަފްސާނީ ގޮތުން ކުޑަކުދިންނަށް ލިބޭ ގެއްލުންތައް ބަލާނެ ކޮމިޝަނެއް ނުހުރެއެވެ. އެކަމަކު އިންސާނުންނާއި ޖަނަވާރުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެކިފާޑުފާޑުގެ ޖަމްޢިއްޔާތަކާއި ކޮމިޝަންތައް ޤައުމުގައި ހެދިފައިވެއެވެ. މީހަކު އަޅެފަހެ ހައިރާނެއްނުވާނެ ހެއްޔެވެ. މިހާރު މިއުޅެނީ މީޑިއާގެ "ބޭފުޅުން" ނަށް ހިމާޔަތްދޭށޯއެވެ.

ހިއުމަންރައިޓްސްއޭމިކިޔާ ކޮމިޝަނުން އިއްޔެ ބުނެފައިވަނީ މީޑިޔާ އަކީ ޑިމޮކްރަސީ އެއްގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާރެއް ކަމަށާއި މީޑިޔާގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، އެއްވެސް ހާލަތެއްގައި ނިގުޅައިނުގަނެވޭނެ ޙައްޤެއް ކަމަށެވެ.

އަދި މީޑިޔާގައި ހަރަކާތްތެރިވާ ނޫސްވެރިންނަކީ މިނިވަންކަމާއި ހިމާޔަތް ލިބެން ޖެހޭނެ ފަރާތްތަކެއްކަމަށެވެ. އަދި ކުރީ ރޭ މާލޭގައި ކުރެވުނު މުޒާހަރާއެއް ކަވަރު ކުރަމުން ދިޔަ މީޑިޔާގެ ބައެއް ފަރާތްތަކުގެ މަސައްކަތަށް، ބާރުގެ ބޭނުންކޮށްގެން އެފަރާތްތަކަށް އަނިޔާވާގޮތަށް ހުރަސްއަޅާފައިވާތީ މިކަން ކުށްވެރިކުރާ ކަމަށެވެ.

ދަންނަވަންތޯއެވެ. އަޅުގަނޑަކީވެސް މީޑިއާއެކެވެ. ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން ލާދީނިއްޔަތުފަތުރައި، ޤައުމު ފަސާދަކުރުމަށް ކުރެވޭ ހުރިހާކަންތައްތަކެއް އިޝްތިހާރުކޮށްދީ އެކަންކަން ފަތުރާ މީޑިއާތަކަށް ހިމާޔަތްދިނުމަކީ އަޅުގަނޑު 100 ޕަސެންޓު އިދިކޮޅު ހަދާކަމެކެވެ.

އަދިވެސް ދަންނަވަންތޯއެވެ. ވަކިބަޔަކަށް ވަކި ޚާއްޞަ ހިމާޔަތެއްދީ އެވަގުތަކު ވެރިކަންކުރާ ފަރާތްތަކުން ބޭނުންވާގޮތަކަށް ތަރުޖަމާކުރަމުން ތިޔަގެންދާ ޑިމޮކްރަސީއަކީ ކޮރު އެއްޗެކެވެ. އޭގެ ކޮރުކަން ކާފަރުޤައުމުތަކުގައިއެވަނީ ތަޖުރިބާކޮށްފައެވެ. އަދި މިހާރުވެސް އެދަނީ ތަޖުރިބާކުރަމުންނެވެ. އެޤައުމުތަކުގެ ޒުވާން އަންހެންކުދިންގެ ޢިއްފަތެއް ނުހުރެއެވެ. ޒުވާން ގިނަ ފިރިހެނުން އެތިބެނީ ޖަލުގައި މަސްތުވެފައެވެ. އެވަރެއްނެތިގެން ބަގުޑި ބައްދައިގެން ތިއުޅޭ ޑިމޮކްރަސީގެ ކޮރުކަމާއި ހިތިކަން އަޅުގަނޑުމެން ދިވެހިންވެސް މިދަނީ މިއަދު ތަޖުރިބާކުރަމުންނެވެ.

މަސްދަރު: ރާއްޖެއިސްލާމް

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.