
ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮގަސްޓް 2، 2012 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރުން - ދިއިސްލާމް ފޮޓޯ: އަސްވާގު
ދިވެހި ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފޮރުވިފައިވާ ލައްކަގިނަ ޙަޤީޤަތްތަކަކީ ގިނަ ދިވެހިންގެ ބުއްދިއަށް ވަންހަނާ ވެގެންވާ ކަންކަމެވެ. މިޤައުމުގެ އަދުގެ ޒުވާން ޖީލަކީ ދިގުޒަމާންތަކަކަށް ދެމިގެންދިޔަ ވެރިކަމެއްގެ ދައުރުގައި އުފަންވެ، ހެދިބޮޑުވި ބައެކެވެ. ދިޔަމިގިލީ ދަރިކޮޅުގެ ވެރިކަން ނިމިގެންދިޔަ ގޮތާއި ދޮންބަންޑާރައިންނަށް ފަހު އެމާތް މަނިކުފާނުގެ ޢާއިލާގެ ތެރެއިން ރޭވިގެން އައިކަންކަމާއި އަދި ޚުދު ހުރާގޭ ދަރިކޮޅުގެ ރަސްކަމުގައި ހިނގާފައިވާ ކަންކަމަކީ ބޮލުގައި ނުރަނުފަޅާ ދިވެއްސަކު ދަންނަކަންކަމެއް ނޫނެވެ. އެއަށްފަހު ޖުމްހޫރިއްޔަތަކަށް ވެރިކަމުގެ ނިޒާމު ފުރޮޅި، މުޙައްމަދު އަމީނުގެ ވެރިކަން ނިމިދިޔަ ގޮތާއި އިބްރާހިމް ނާޞިރުގެ ވެރިކަން ފުރޮޅިގެން ދިޔަގޮތުގެވާހަކަ ކޮންމެވެސް ވަރަކަށް ދެކެވުނަސް އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ގިނަގުނަ ޙަޤީޤަތްތަކަކީ ޢާންމު ދިވެހިން ބީރައްޓެހި ކަންކަމެވެ.
ތިމާމެންގެ އަމިއްލަ މާޒީ ނުއެނގުމަކީ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ނެތިގެންދާން އުޅޭކަމުގެ ފުރަތަމަ ނިޝާނެވެ. ރޭވިގެން ތަޢިލީމީ ނިޒާމުގެ ތެރެއިން އެކަންކަންވަނީ އެއްފަރާތްކޮށްލެވިފަ އެވެ. އެއީ ދިވެހިއުންމަތުގައި ވެރިކަންކުޅަ ބަޔަކު ދިވެހިންގެ މައްޗަށް ހިންގާފައިއޮތް ޖަރީމާއެކެވެ. ކޮންމެއަކަސް އެކަންކަން ތަޙުލީލުކޮށް ބަލައިފިނަމަ ފެންނާނީ ވެރިކަމާހުރެ އެއްބަޔަކު އަނެއްބަޔަކު ކޯޅޭކޯޅުމާއި، ޙައްޤުނޫން ގޮތުގައި ހެޔޮލަފާވެރިންގެ މައްޗަށް ބަޣާވާތްކުރުމާއި، ޖާއިޒުގޮތުގައި ލާދީނީ އަނިޔާވެރިންގެ ވެރިކަން އިންޤިލާބު ކޮށްލުމާއި އެފަދަހުރިހާ ކަމަކީވެސް މިރާއްޖޭގެ ސިޔާސީ ތާރީޚުގައި އާދަވެ ހިނގަމުންއައި ކަންކަން ކަމެވެ.
ތާރީޚުގެ ފަޚުރުވެރިކަމާއި އޭގައި އެކުލެވިގެންވާ ސަހަރޯވެރިކަން ދޫކޮށް ޙާލަތުގެ މައްސަލަ ދެނެގަންނަމާ ބަހީއެވެ. ވެރިކަމެއް ވެއްޓިދިޔުމާ ވިދިގެން އުފައްދާގެން މިއުޅޭ ޙާލަތަކީ ކަމުގެ އަސްލަށް ރުޖޫޢަވާއިރު މިނަށްވުރެ އެތައްތަނަކުން ބޮޑުކޮށްފައިވާ ޙާލަތެކެވެ. އެންމެ މަންޒަރަކަށް ބަލަހައްޓައިގެންހުރެ ކިތަންމެ ވަރަކަށް ބުއްދިކުޅަޔަސް ބުއްދީގެ ލޮލަކަށް ޙަޤީޤަތެއް ނުފެންނާނެ އެވެ. އެކަމަކު އެގާރަ ނޮވެމްބަރު ދެހާސް އަށެއް ވަނަދުވަހުން ފެށިގެން ތަސްވީރުތައް އަތުރަމުން އައިސްފިނަމަ ހޯދަންއުޅޭ ސުވާލުގެ ޖަވާބު ހޯދަން ލައްކަތަނުން ފަސޭހަވާނެ އެވެ. ހަތެއް ފެބުރުއަރީ ދެހާސް ބާރަވީދުވަހު މެންދުރު އެކެއްޖަހާ އެހާކަށްހާއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަގުތުން ދުރަށް ދައްކަމުންދިޔަ މަންޒަރު އެކަނި ބަލައިގެން މިމައްސަލާގެ އަސްލެއް ނުހޯދޭނެ އެވެ.
އެއްކަން އަނެއްކަމާ ގުޅި، ކަންތައްގަނޑެއް އުފެދި އެކަންތައްގަނޑު ސަކަރާތްގަނޑަކަށް ބަދަލުވަނީ ގިނަފަހަރަށް އިންސާނުންގެހިތުގައި އެކަށީގެންވާ މިންވަރަށްވުރެ މާބޮޑުށް ޖަޒުބާތު އުފެދި އެޖަޒުބާތުގެ ތެރޭގައި ބުއްދީގެ ތަރާދުން ކަންކަން މިނުމުގެ ޤާބިލުކަން ގެއްލިދިޔުމުންކަން އެއީ ޤަބޫލުކުރަންވާނެ ޙަޤީޤަތެކެވެ. އުފެދިގެންއައި ސިޔާސީ އަރައިރުންތައް ގިލަންވެރިކަމަކަށް ބަދަލުވެފައި މިވަނީ އިންސާނުންގެ ހިތްތަކުގައި އާދަޔާ ޚިލާފު ޖާޒުބިއްޔަތެއް އުފައްދާ، މީސްތަކުންގެ ސިކުނޑި ތިމާމެންގެ އަޅުވެތިކަމުގެ ދަށަށް ގެނެސްގަތުމުގެ ޤާބިލުކަން ލިބިގެންވާ ބައެއްގެ ސަބަބުންނެވެ. އެފަދަމީސް މީހުންނަށް އިނގިރޭސިބަހުގައި ކިޔައި އުޅެނީ 'ކަލްޓްލީޑާސް' (cult leaders) އެވެ. އެކަން އެމަގުން ހިނގަނީ ތިމާމެންގެ އަމިއްލަ ބުއްދީގެ ނޫރު ފަނޑުކޮށްލާ، ސިކުނޑީގެ ލޯމަރާލާ ހަމަމަގު ހޯދުމަށް އެހެންބައެއްގެ ބުއްދިއަށް ބަރޯސާވާން ބަޔަކުމީހުން ތައްޔާރަށް ތިބޭތީވެސް މެއެވެ. އެފަދަމީހުންނީ ގޮތެއްފޮތެއް، ތަނެއްދޮރެއް، ރައްބިއެއްރަސޫލެއް، ދީނެއްމިއްލަތެއް ނުބަލާ ކަލްޓްލީޑަރުންނަށް ތަބަޢަވެގެން އެބުރޭ 'ކަލްޓް' (cult) އެވެ.
އެގާރަ ނޮވެމްބަރު ދެހާސް އަށެއް ވީދުވަހު ހުވާކުރައްވާ ދިވެހި ވެރިކަމުގެ ސިންގާސަނާގައި ރެނދަލިކުރެއްވުމަށް ފަހު ރައީސް ނަޝީދު، ޤަވާޢިދުތަކާއި ޤާނޫނުތަކާއި ޚުދު ޤާނޫނުއަސާސީ އާވެސް ޚިލާފުވެވަޑައިގެން ޝަރުޢީ ކޯޓުތަކުގެ އަމުރުތައް މުގުރުއްވަމުން ވަޑައިގެންނެވިކަމީ އިންކާރު ކުރެވޭވަރަށްވުރެ މާބޮޑަށްވެސް ހާމަކަންބޮޑު ޙަޤީޤަތެކެވެ. ނަމަވެސް ޤާނޫނީ ނިޒާމަށް އެމަނިކުފާނުގެ ކިބައިން އަމާޒުވިއެންމެ ބޮޑު ޖަރީމާއަކީ ސުޕްރީމް ކޯޓުގައި ތަޅުއަޅުއްވާ ޝަރުޢީ ދާއިރާގެ އެންމެ އިސް ވެރިޔާ، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރުންނަށް ފަނޑިޔާރުގެއަށް ނުވަދެވޭނެހެން ފަނޑިޔާރުގެ ބަންދުކުރެއްވި ކުރެއްވުމެވެ. އެޖަރީމާގެ ސަބަބުން މުޅިދައުލަތް ދުސްތޫރީ ހުސްކަމެއްގެތެރެއަށް ވެއްޓި، ޤާނޫނުއަސާސީގެ ހައިސިއްޔަތު ގެއްލި، މުޅި ނިޒާމު ހުއްޓި، ބާރުތައް މައްސުނިވެ، ދައުލަތް ހިންގުމަށާއި ދެބަސްވުންތައް ޙައްލުކުރުމަށް އެކަށައެޅިފައިވާ ހުރިހާ އިންތިޒާމުތަކެއްގައި މަރުތަޅުއެޅިގެން ދިޔަ އެވެ.
ނަމަވެސް އެއިންއެއްކަމަކީވެސް ވެރިކަން ވެއްޓިދިޔުމަށް މެދުވެރިވި ޙަޤީޤީ ސަބަބު ކަމުގައި ޤަބޫލުކުރެވޭނެ އެއްވެސް ޖާގައެއް އޮތްތަނެއް ނުފެނުނެވެ. ސަބަބުތައް ވަރަށް ސާފެވެ. ސިޔާސީ އެދުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ހަމަޔާއި އުސޫލު ހިފެހެއްޓުމުގެ ރޫޙަށްވުރެ ޒާތީ މަޞްލަޙަތުތައް ދިފާޢުކުރުމުގެ ރޫޙު ވަރުގަދަވެފައިވުމާއި ނިޒާމު ހިންގުމައްޓަކައި އެކިދާއިރާތަކުން އައްޔަންކޮށްގެންނާއި އިންތިޚާބުކޮށްގެން އިސްކުރެވިފައިތިބި ފަރާތްތަކުގެ އިޚްލާސްތެރިކަމާއި ޤާބިލުކަންވެސް ނެތުމެވެ. ވެރިކަން ބަދަލުވި ޙަޤީޤީ ސަބަބު ފޮރުވިފައިވަނީ މުޅިން އެހެން މަންޒިލެއްގައެވެ. އެކަމާގުޅޭ ތަޙުޤީޤެއްވެސް ނުވަތަ ދިރާސާއެއްވެސް މިނިވަން މުސްތަޤިއްލު މުއައްސަސާތަކުންނާއި ބޭރުގެ ޖަމާޢަތަކުންނާއި ސިޔާސީ ޕާޓީއަކުންނާއި ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސަރުކާރުންވެސް އަދި ރިޔާސި ކޮމިޝަނަކުންވެސް ކުރާތަނެއް ނުފެނޭއެވެ. ހަފަރާތުން ސައްލާކޮށްގެން މަސައްކަތް ކުރެވެމުންދަނީ މުޅިމައްސަލައިގެ އަމާޒު އެއްގޮތަކަށްވެސް ކަމާނުގުޅޭ މިސްރާބަކަށް ބަދަލުކޮށްލުމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓިދިޔަ ސަބަބަކީ މާތްވެގެންވާ އިސްލާމްދީނާ ހުށަހޮޅި ވަޑައިގަތުމެވެ.
ދީނުގެ ޝިޢާރުތަކަށް ހަޖޫޖައްސަވާ، ދީނުގެ ޙުކުމްފުޅުތަކަށް އިންކާރުކުރައްވާ، ދީނުގެ ނަބިއްޔާ ކުޑައިމީސްކުރައްވާ، ދީނުގެ ތަޢުލީމު ނެތިކޮށްލެއްވުމަށްފަހު އެހާވަރުން ފުދިވަޑައިނުގެން، ބޮޑެތި މުންކަރާތްތައް ކަމުގައިވާ ބަނގުރަލާއި މަސްތުވާ އެހެނިހެންތަކެއްޗާއި ޒިނޭފަދަ ބޮޑުވެގެންވާ އެންމެހާ ފާޙިޝްކަންކަން ޢާންމުކުރައްވާ ދިވެހި މުޖުތަމަޢުން އިސްލާމްދީން އެކީ ނެތިކޮށްލެއްވުމަށްޓަކައި ބާޠިލު ކަލާނގެތައް ގެންނަވައި ދިވެހި ފަސްގަނޑުގައި އެތަކެތި ފެތުރުއްވުމުގެ މަސައްކަތްޕުޅުވެސް ފެއްޓެވުމެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބައްޓަންކުރެވިފައި އޮތްގޮތުން މާތްވެގެންވާ އިސްލާމްދީނާ އިދިކީލަވެގަތުމަކީ ޤާނޫނުއަސާސީއާވެސް ތަޢާރަޟުވެގަތުމެވެ.
ނަމަވެސް އެމައްސަލަޔަށްވުރެ އެތައްގޮތަކުން ބޮޑުވެގެންދަނީ ދިވެހީންގެ ވިންދާއި އިޙްސާސްތައް މުގުރާލެވޭ މައްސަލައެވެ. ދިވެހިންދުށީ ރައީސް ނަޝީދު ކުޅުއްވަން ފެއްޓެވީ ސީދާ ދިވެހިންގެ ލެޔާކަމުގަ އެވެ. އެމަނިކުފާނުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ޤައުމިއްޔަތު ފުނޑުފުނޑުވެ، އަމިއްލަވަންތަކަން ނެތިވެ، ޤައުމު އަޅުވެތިވެދާނެކަމުގައިވެސް ދިވެހިން ޤަބޫލުކުޅައެވެ. އެހެންކަމުން ދިވެހިން ރައީސް ނަޝީދާމެދު ދެކެންފެށީ ޖާހިލިއްޔަ ޒަމާނުގައި ގެފުޅުމުގުރާލަންދިޔަ އަބުރަހާއަށް މަގުދައްކާދީ ޢަރަބިވަންތަކަމަށް ޚީޔާނާތްތެރިވި އަބޫ ރިޣާލް އާއި މެދު ޢަރަބިން ދެކުނުގޮތަށެވެ. ޙަޤީޤަތުގައިވެސް ރައީސް ނަޝީދުގެ ސިޔާސަތުތަކުގެތެރެއިން ދިވެހިވަންތަކަމަށް ޚިޔާނާތްތެރިވެވަޑައިގެންފައި ވާކަމަށް ޤަބޫލުކުރެވިދާނެއެވެ.
ރައީސް ނަޝީދަށް ބޮޑު ގޮންޖެހުން ކުރިމަތިވެވަޑައިގެންނެވީ އިސްލާމްދީނާ ހުށަހޮޅިވަޑައިގެންނެވި ހިސާބުންފެށިގެންނެވެ. ބަނގުރާ ޢާންމުކުރުމަށް ތަކުރާރުކޮށް ކުރެއްވި މަސައްކަތްޕުޅުތަކާއި ދިވެހި ރާއްޖޭގައި ފައްޅިއެޅުއްވުމަށް މަސައްކަތްޕުޅުކުރެއްވުމާއި ރޭޑީޔޯ ޚިތާބުތަކުގައްޔާއި އެހެނިހެން މުނާސަބަތުތަކުގައި ފާޅުކުރައްވަމުންގެންދެވި ލާދީނީ ޝުޢޫރުފުޅުތަކާއި އިސްލާމީ ތަޢުލީމު ފަތުރާ މަރުކަޒުތައް ނައްތާލުމަށް މަސައްކަތްޕުޅު ކުރެއްވުމާއި އަނިޔާވެރި ޞިޙްޔޫނީންނާ، އިސްލާމީ ވެރިއަކު އުފައްދާގެންވާނެ މިންވަރަށްވުރެ އެތައްގުނައެއް އިތުރަށް ގުޅުމާއި ލޯބި އުފައްދަވާ އާލާކުރެއްވުންފަދަ ކަންކަމީ މިލިސްޓުގައި ލިޔެވިދާނެ ބައެއްކަންކަމެވެ. މިކަންކަމާ ދެކޮޅަށް އިޙްތިޖާޖު ކުރަމުންދިޔަ ދިވެހީންނާދެކޮޅަށް ހިންގަވަމުންގެންދެވި އަނިޔާވެރި ލާއިންސާނީ ޖަރީމާތަކުގެމަތިން ހަނދުމަނެތިކޮށެއްނުލެވޭނެ އެވެ. ދިވެހި ދައުލަތުގެ އެންމެ މުހިންމު އޮފީސްކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފިސް ވާހިދު އެއޮފީހުގެ ކުރިމަތީގައި ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރައްވުމުން އެކަން ރައީސް ނަޝީދަށް ޙަޖަމު ނުކުރެއްވިގެން އެމަނިކުފާނުގެ 'ލަޝްކަރު' ފޮނުއްވާ ދިވެހި ރައްޔިތަކު އޮރިޔާން ކޮށްލެއްވި ވާހަކަ ތާރީޚުގައި ލިޔެވޭނެ އެވެ.
ރައީސް ނަޝީދުގެވެރިކަމުގެ ސިއްކަޖެހޭ ޙާދިސާ ފެށެނީ ބާޠިލު ކަލާނގެތަކާ ހިސާބުންނެވެ. އެކަމާ ވިއްދައި ދިވެހި ތާރީޚުދުށް އެންމެ ބޮޑު އިޙްތިޖާޖު ދިވެހިން ކުރި އެވެ. އިސްލާމްދީނާ ގުޅުންހުރިކަންކަމުގައި އެއްވެސް މިންވަރަކަށް ދޫދިނުމެއް ނެތްކަން އިޢުލާން ކުރެވުނެވެ. ދިވެހިންގެ އެއްބައިވަންތަކަން ދުނިޔޭގެ ލޯތަކަށް ސާބިތުކޮށްދީ ދިވެހިންގެ ޙަޤީޤީ ޑީމާންޑްތައް ރަސްމީކޮށް ސީދާ ރައީސް ނަޝީދަށް އެރުވުނެވެ. އިސްލާމްދީނުގެ ޙިމާޔަތުގައި ޤާއިމްވެތިބުމަށް މާތް ﷲ ގަންދީ ހުވާކުރުމާއެކު އެއިލާހުގެ ޙަޟުރަތުން މަދަދާއި ވާތްގަށް އެދި ދުޢާދެންނެވުނެވެ.
އެކަންކަމުގެ މުޤާބިލިގައި ރައީސް ނަޝީދު ދިމާކުރެއްވީ ވާދަވެރި ސިޔާސީ ފަރާތްތައް ހިފާހައްޔަރުކޮށް އަނިޔާވެރި ޚުދުމުޚްތާރުވެރިކަމެއް ކުރައްވާގެންވިޔަސް އެމަނިކުފާނުގެ ލާދީނީ ސިޔާސަތުތައް ތަންފީޒު ކުރައްވާށެވެ. އެމަނިކުފާނުގެ ބޮޑާކަމާއި ގޮތްދޫނުކުރެއްވުމުގެ ސިޔާސަތުގެ ކުރިމަތީގައި ހުރަހަކަށްވީ ޝަރުޢީ ނިޒާމެވެ. ކޯޓުތަކުން އެމަނިކުފާނުގެ ޣައިރު ޤާނޫނީ ޢަމަލުފުޅުތައް ބަލައިގަންނަ ގޮތެއްނުވި އެވެ. އެހާހިސާބުންވެސް ރައްޔިތުންގެ އުތުރިއެރުމާއި ޤާނޫނުގެ ކުރިމަތީގައި އިސްތަށިފުޅު ތިރިކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ޚިޔާރުކުރެއްވީ ޤާނޫނުއަސާސީގެ ބާރުކަނޑުވާލާ ފުރިހަމަ ޚުދުމުޚްތާރު ވެރިކަމެއް ޤާއިމުކުރައްވައިގެން ވިޔަސް ގޮތްދޫނުކުރައްވާ ކުރިޔަށް ވަޑައިގެންނެވުމަށެވެ. އެހާ ހިސާބުން އެމަނިކުފާނުގެ ޙަމަލާ އަމާޒުވާން ފެށީ ޤާޟީންނަށެވެ. ފަރުދާގެ ފުރަގަހުގައި އެތައްބައިވަރު ޤާޟީންނަށް ދުއްތުރާތައް ކުރިމަތިވަމުން ދިޔައިރު ދުނިޔޭގެ ލޯމައްޗަށް ހާމަވެ، ފެންނަން އޮތީ އެންމެބޮޑެތި ޙަމަލާތައް އަމާޒުވެ ވަޑައިގެންނެވި ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މައްސަލައެވެ.
ބާޠީލް ކަލާނގެތަކާ ދެކޮޅަށް ނިކުންނެވި ސިޔާސީ ލީޑަރުން ހިފާހައްޔަރުކުރުމުގެ އިޒުނަ ނުދެއްވުމުގެ 'ކުށުގައި' ޤާޟީ ޢަބްދުﷲ މުޙައްމަދު ނިޒާމުން ގެއްލުވާލުމުގެ ސަބަބުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި އެކުވެރި ދައުލަތްތަކުންނާއި މިނިވަން މުއައްސަސާތަކުން ތަކުރާރުކޮށް ކުރަމުންގެންދިޔަ އިލްތިމާސްތަކަށާއި ގޮވާލުންތަކަށާއި އަމުރުތަކަށްވެސް ރައީސް ނަޝީދު ދެއްވީ ބީރުކަންފަތްޕުޅެކެވެ. އެޙާލަތުގައި ތިމަންމަނިކުފާނުގެ ޢަމަލުފުޅު ޤާނޫނީގޮތުން ސާބިތުކޮށް ނުދެއްވޭނެކަން ބައިނަލްއަޤުވާމީ މީޑިޔާގައި އިޢުލާން ކުރެއްވިއެވެ. އެހާތަނަށް އައިއިރުވެސް ރައީސް ނަޝީދު ހުންނެވީ ވެރިކަމުގެ ފުރިހަމަ އާރާއި ބާރާއި ޝާނާއި ޝައުކަތު ލިބިވަޑައިގެންނެވެ.
އެއަށްފަހު އަންނަނީ ރައީސް ނަޝީދަށް އިސްތިއުފާދެއްވުމަށް މަޖިބޫރުވެވަޑައިގެންނެވި ހިސާބެވެ. އެއީ އެމަނިކުފާނުގެ ލާދީނީ އަދި ޣައިރު ޤާނޫނީ ސިޔާސަތުތައް ތަންފީޒުކުރަންތިބި ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތައް ހޯހޯ ގޮވާލި ހިސާބެވެ. އެކަންހިނގީ ހަތެއް ފެބުރުއަރީ ދެހާސްބާރަ ވަނަދުވަހަކު ނޫނެވެ. އޭގެކުރިން އެމަނިކުފާނު ދިވެހި ފުލުހުންނާއި ސިފައިންނާއެކު ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންގެންދެވި ދުވަސްތަކުގައި އެފަރާތްތަކުން ގެންދެވީ އެއްވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބަޢަނުވާނެކަން ތަކުރާރުކޮށް ދަންނަވަމުންނެވެ. ކަންކަން ކުރެވިފައިއޮތް ގޮތުންނާއި ގޮތްދޫނުކުރެއްވުމުގެ ތެރޭގައި ވަގުތުނަގާލެވިފައިވާތީވެ، ސަލާމަތީބާރުތަކުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަޢަވެ އެމަނިކުފާނުގެ ލާދީނީ އަދި ޣައިރު ޤާނޫނީ ސިޔާސަތު ތަންފީޒުކުރަން ތައްޔާރުނޫންކަން އެނގިވަޑައިގެންނެވި ހިސާބުން އޮތީ އިސްތިއުފާދެއްވުމަށް ފިސާރި ރަނގަޅަށްވެސް މަޖިބޫރުވެވަޑައިގެންފަ އެވެ.
މަޖިބޫރީ ޙާލަތުގައިވެސް ރައީސް ނަޝީދަށް،ހަތެއް ފެބުރުއަރީ ވަނަދުވަހު މެންދުރާ ހަމަޔަށް އިސްތިއުފާނުދެއްވާ މަޑުކޮށްލެވުނީ ރައްޔިތުން އިންތިޚާބު ކޮށްފައިހުރި ވެރިއަކު އެއްވެސް ޙާލަތެއްގައި ގަދަބަދަވިކަމުން އޮފީހުން ނެރުމަކީ ތަރައްޤީވެފައިވާ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ޤަބޫލުކުރެވޭ ފަލްސަފާޔަކަށް ނުވުމުންނެވެ. އެއާއެކުވެސް ޣައިރު ޤާނޫނީ އަމުރެއް ރައީސް ނަޝީދުގެ ފަރާތުން ހަމަ ލިބުމާއެކު އެއަށްނޫނެކޭ ވިދާޅުވެ ސަލާމަތީ ބާރުތަކުން ޤާނޫނު އަސާސީ ނެގެހެއްޓުމުގެ މަތިވެރި ޖިހާދު ފެއްޓެވި އެވެ. އެފަރާތްތަކުން ގޮވަމުންދިޔައީ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަޢަނުވާނެ ކަމަށާއި އެފަދަ އަމުރުތައް ނުކުރާނެކަމުގެ އަޤީންކަން ލިބިގެންނޫނީ އިޙްތިޖާޖު ހުއްޓާނުލާނެކަމަށެވެ. ދެން މަޖިބޫރީ ޙާލަތުގައި ހުންނެވި ރައީސް ނަޝީދަށް ޤާނޫނީވެސް އަދި ޣައިރު ޤާނޫނީވެސް ހުރިހާ މަގެއް ބަންދުވެ، ހަތަރު އުދަރެސް ފެނުޖެހި އިސްތިއުފާދެއްވީއެވެ. އެއީ ބާރާއި ހަތިޔާރުގެ ބޭނުން ނުކުރައްވަން ވެގެންނެއް ނޫނެވެ. އެފަދަ ފުރުސަތެއްވެސް ލިބިވަޑައިނުގެންނެވުމުންނެވެ.
ރައީސް ނަޝީދުގެ އިސްތިފާޔަށް މަޖިބޫރުކުރުވީ އޭނާ ތަކުރާރުކޮށް ކުރައްވަމުން ވަޑައިގެންނެވި ޣައިރު ޤާނޫނީ ޢަމަލުފުޅުތަކެވެ. ނެރުއްވަމުން ވަޑައިގެންނެވި ޣައިރު ޤާނޫނީ އަމުރުފުޅުތަކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއެވެ. ދިވެހި ދައުލަތުގެ ވެރިކަން ހިންގުމުގެ ނިޒާމެވެ. އަދި އެހުރިހާ ކަމަކާހުރެ އުފެދުނު ޙާލަތެވެ. މިކަންކަމަކީ ފާޅުކަންބޮޑުގޮތެއްގައި އެންމެންގެ ލޯމަތީގައި ހިނގާދިޔަ ކަންކަމެވެ. ކަންހިނގާދިޔަގޮތް ސާފުނުވާ ބަޔަކު، ނެރޭ ކޮންމެ ރިޕޯޓެއް ކިޔަން މަޑުކޮށްލާން ވާނެއެވެ. ލިޔެލަން ބޭނުންވަނީ ކަންހިނގާދިޔަގޮތް މިހާވަރަށް ސާފުވާން އޮތްމައްސަލައެއްގައި ތާރީޚަށް ޙަރާންކޯރުވެ، ޙަޤީޤަތް މުޅިން އޮޅުވާލާ، އެހެން ގޮތަކަށް ޤަބޫލުކުރަން އަޅުގަނޑުގެ ޟަމީރު ތަންނުދޭ ވާހަކަ އެވެ. ރައީސް ނަޝީދުގެ ލާދީނީ ވެރިކަން އެންމެ ތިންއަހަރުގެ ތެރޭގައި ނިމިދިޔަ ޙާލަތު މެދުވެރި ކުރެއްވި ކަންމައްޗަށް ގަދަކީރިތިވަންތަ ﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ހުއްޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...