ދީން ސާފުތާހިރުވުމުގެ އަދަބުތައް

ސާފުތާހިރުވުމުގެ އަދަބުތައް

ސާފުތާހިރުވުމުގެ އަދަބުތައް

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގައި ޞާފުޠާހިރު ކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ވަނީ ދެއްވާފައެވެ. އިސްލާމްދީނުގެ ތަނބު ކަމުގައިވާ ނަމާދު ޞައްޙަވުމުގެ ޝަރްޠެއް ކަމުގައިވެސް ޞާފުޠާހިރުކަން ވަނީ ލައްވާފައެވެ. ޠާހިރުކަން މަތީ ނެތްނަމަ ނަމާދު ގަބޫލެއް ނުކުރައްވާނެއެވެ. ގުބާގެ އަހްލުވެރިންގެ ޞާފުޠާހިރު ކަމަށްޓަކައި ﷲ ތަޢާލާ، އެބައިމީހުންނަށް މަދަޙަ ކުރެއްވިއެވެ. އަދި އެއީ އެބައިމީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުގެ ސަބަބެއް ކަމުގައިވެސް ލެއްވިއެވެ. ސޫރަތުއް ތައުބާގެ 108 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ) މާނައަކީ: "طاهر ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

މިއާޔަތުގެ ތަފްސީރުގައި އިމާމް ބަޣަވީ ވިދާޅުވެފައިވެއެވެ. "މިއާޔަތުގެ މާނައަކީ ޙަދަޘްވެރި ކަމުން ޠާހިރުވުމާއި، ޖުނުބުވެރި ކަމުންނާއި، ހުރިހާ ނަޖިސްތަކުން ސަލާމަތް ވުމެވެ."

ޢަޠާ ވިދާޅުވިއެވެ. "މާނައަކީ ފެނުން ޠާހިރުވުމާއި، ރޭގަނޑު ޖުނުބުވެރި ކަމުގެ މަތީގައި ނުނިދުމެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރެއްވިއެވެ. "މިއާޔަތް ބާވާލެއްވުނީ ގުބާގެ އަހްލުވެރިންގެ މައްޗަށެވެ.

އެހެންކަމުން، އިސްލާމްދީނަކީ ޞާފުޠާހިރު ކަމުގެ ދީނެވެ. ކޮންމެ ޙާލަތެއްގައިވެސް ޞާފުޠާހިރުކަން މަތީގައި ތިބުމަށް އިސްލާމްދީން ބާރުއަޅައެވެ. ނަމާދުގައްޔާއި، ކެއުންބުއިމުގައްޔާއި، މަޖްލިސްތަކުގައިވެސް ޞާފުޠާހިރުކަންމަތީ ގައި ތިބުމަށް ގޮވާލައެވެ. އަދިކިއެއްތަ، ދުވާލު ހަތަރުދަމު ބުރަ މަސައްކަތުގައި އުޅުމަށްފަހު ރޭގަނޑު ނިދަން އޮށޯންނަ ގަޑިގައިވެސް ޞާފުޠާހިރުވުމަށް ވަނީ ގޮވާލާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (إذَا أتَيْتَ مَضْجَعَكَ فَتَوَضَّأَ وُضُوءَكَ لِلصَّلاةِ، ثُمَّ اضْطَجِعْ على شِقِكَ الأيْمَنِ وَقُلِ: اللَّهُمَّ أسْلَمْتُ نَفْسِي إِلَيْكَ، وَفَوَّضْتُ أمْرِي إِلَيْكَ، وَألجأْتُ ظَهْرِي إِلَيْكَ، رَغْبَةَ وَرَهْبَةً إِلَيْكَ، لا ملجأ وَلا مَنْجَى مِنْكَ إِلاَّ إِليْكَ، آمَنْتُ بِكِتابِكَ الَّذي أنْزَلْتَ، وَنَبِيِّكَ الَّذي أَرْسَلْتَ. فإنْ مِتَّ مِتَّ على الفِطْرَةِ، واجْعَلْهُنَّ آخِرَ ما تَقُولُ) މާނައަކީ: "ތިބާގެ ތަންމައްޗަށް އަތުވެއްޖެނަމަ ނަމާދުގެ ވުޟޫ އަކުން ވުޟޫ ކުރާ ހުށިކަމެވެ. އަދި ކަނާއަތަށް އޮށޯންނާށެވެ. އަދި ކިޔާށެވެ. " اَللَّهُمَّ أَسْلَمْتُ نَفْسِيْ إِلَيْكَ، وَفَوَّضْتُ أَمْرِيْ إِلَيْكَ، وَوَجَّهْتُ وَجْهِيْ إِلَيْكَ، وَأَلْجَأْتُ ظَهْرِيْ إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِيْ أَنْزَلْتَ وَبِنَبِيِّكَ الَّذِيْ أَرْسَلْتَ" މާނައަކީ: ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ ޙަޟްރަތަށް މިއަޅާގެ ނަފްސު ކިޔަމަންތެރި ކުރުވައިފީމުއެވެ. މިއަޅާގެ ކަންތައްތައް އިބަ އިލާހާއި ޙަވާލުކޮށްފީމެވެ. މިއަޅާގެ މޫނު އިބަ ﷲއާއި ކުރިމަތިކުރުވައިފީމެވެ. އަދި އިބަ އިލާހަށް ބިރުވެތިވެ، އުންމީދުކުރާޙާލު، މިއަޅާގެ ނަފްސު އިބަ އިލާހަށް ބަރޯސާކޮށްފީމެވެ. އިބަ ﷲގެ ޙަޟްރަތުން މެނުވީ ސަލާމަތެއް، އަދި ޙިމާޔަތެއް ނެތެވެ. އިބަ ﷲ އަޅަމެންގެ ގާތަށް ފޮނުއްވި ނަބިއްޔާއަށް ބާވައިލެއްވި ފޮތަށް މިއަޅާ އީމާންވެއްޖައީމެވެ. އަދި އިބަ ﷲ ފޮނުއްވި ނަބިއްޔާ އަށް އީމާން ވަމެވެ." މިދުޢާ ކިޔައިގެން އޮއްވާ މަރުވެއްޖެނަމަ އެމަރުވަނީ ފިޠްރަތުގެ މަތީގައެވެ. އަދި މިއީ ނިދުމުގެ ކުރިން ކިޔާ އެންމެ ފަހު ދުޢާ ކަމުގައި ހަދާށެވެ."

އެހެން އުއްމަތްތަކާއި މިއުއްމަތް ތަފާތުވެގެން ދަނީ ވެސް މިއުއްމަތުގެ މީހުން ޞާފުޠާހިރުވާލެއް ގިނަކަމުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إن أمتي يدعون يوم القيامة غرا محجلين من آثار الوضوء ) މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ މޫނުމަތީގައި ގިޔާމަތް ދުވަހުން އަލިކަމެއްވާނެއެވެ. އެއީ އެބައިމީހުން ކޮށް އުޅުނު ވުޟޫގެ ސަބަބުންނެވެ."

ކީރިތި ގުރްއާނުގައްޔާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ޞާފުޠާހިރުވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ސޫރަތުލް މާއިދާގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَ‌افِقِ وَامْسَحُوا بِرُ‌ءُوسِكُمْ وَأَرْ‌جُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُ‌وا ۚ) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ!".

ސޫރަތުލް އަޢްރާފްގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ) މާނައަކީ: "އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لو أن نهرا بباب أحدكم يغتسل منه كل يوم خمس مرات هل يبقى من درنه شيء؟ قالوا: لا يبقى من درنه شيء.. ) رواه النسائي في سننه. މާނައަކީ: "ތިޔަބައިމީހުން ކުރެ މީހެއްގެ ގޭގެ ދޮރުމަތީގައި ފެންކޯރެއް އޮވެ، އެއިން ކޮންމެ ދުވަހަކު ފަސްފަހަރު މީހަކު ފެންވަރާ ހަދާނަމަ އެމީހެއްގެ ގައިގާ މިލަ ހުންނާނެ ހެއްޔެވެ؟ ޞަޙާބީން ދެންނެވިއެވެ. "އެމީހެއްގެ ގައިގާ އެއްވެސް މިލައެއް ނުހުންނާނެއެވެ".

وعن ابن المسيب سمع رسول الله - صلى الله عليه وسلم - يقول : "إن الله طيب يحب الطيب نظيف يحب النظافة كريم يحب الكرم جواد يحب الجود فنظفوا - أراه قال- أفنيتكم ولا تشبهوا باليهود " حسنه الألباني في مشكاة المصابيح . އިބްނުލް މުސައްޔިބު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އަޑުއެހީމެވެ. "ހަމަކަށަވަރުން ﷲ އީ ހުރިހާ ކަމެއްގެ އެންމެ ރަގަޅު ގޮތް މެދުވެރި ކުރައްވާ އިލާހެވެ. އެކަލާނގެއީ ޞާފުޠާހިރުވަންތަ އިލާހެވެ. އެކަލާނގެ ޞާފުޠާހިރު ކަމަށް ލޯބި ކުރައްވައެވެ. އެކަލާނގެއީ ދީލަތިވަންތަ އިލާހެވެ. އެކަލާނގެ ދީލަތި ކަމަށް ލޯބި ކުރައްވައެވެ. އެކަލާނގެއީ ގިނަގިނައިން ދެއްވާ އިލާހެވެ. ދެއްވުމަށް އެކަލާނގެ ލޯބި ކުރައްވައެވެ. ދެންފަހެ ތިޔަބައިމީހުން ޞާފުޠާހިރުވާ ހުށިކަމެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إذا استيقظ أحدكم من نومه فلا يغمس يده في الإناء حتى يغسلها ، فإنه لا يدري أين باتت يده) متفق عليه މާނައަކީ: "ތިޔަބައިމީހުން ނިދިން ހޭލައިފިނަމަ، އަތްދޮވެގެން މެނުވީ ފެންއެއްޗަކަށް އަތްކޮއްޕާ ނުލާހުށި ކަމެވެ. އެހެނީ އެމީހެއްގެ އަތް ކޭއްތިފައިވަނީ ކޮންތަނަކު ކަމެއް ނޭގެއެވެ."

މުސްލިމުން ހެދުން ލުމުގައިވެސް އަދި އުޅޭ އުޅުމުގައިވެސް ޞާފުޠާހިރުކޮށް، ރިވެތި ކޮށް ހުރުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ. (رأى رجلا أشعث الرأس فقال ( أما يجد هذا ما يسكن به شعره ) ورأى آخر عليه ثياب وسخة فقال: ( أما يجد هذا ما يغسل به ثوبه ) السلسلة الصحيحة . މާނައަކީ: "ބޮލުގައި ފުނާ ނާޅާ ހުރި މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފެނިވަޑައިގަތެވެ. ހަދީޘް ކުރެއްވިއެވެ. "މީނާގެ ބޮލުގެ އިސްތަށިތައް މައިތިރި ކުރާނެ އެއްޗެއް ނުލިބުނީ ހެއްޔެވެ؟". އެހެންމީހަކު މިލަހޭކިފައި ހުރި ހެދުމެއް ލައިގެން ހުއްޓާ ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "މީނާގެ ހެދުން ދޮންނާނެ އެއްޗެއް ނުލިބުނީ ހެއްޔެވެ؟"

އަނގަޔާއި ދަތްތައް ޞާފުކޮށް ބެހެއްޓުމަށް އަންގަވާ ޙަދީޘް ކުރެއްވިއެވެ. (لولا أن أشق على أمتي لأمرتهم بالسواك عند كل صلاة) މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެނަމަ ކޮންމެ ނަމާދަކަށް ދަތްއުނުގުޅުމަށް އަމުރު ކުރެއްވީމުހެވެ."

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (الْفِطْرَةُ خَمْسٌ: الْخِتَانُ ، وَالاسْتِحْدَادُ ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ ، وَقَصُّ الشَّارِبِ) މާނައަކީ: "ފަސްކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. އެއީ ޚިތާނު ކުރުމާއި ޢައުނަތުގެ (ލަދުވެތި ގުނަވަން) އިސްތަށި ބޭލުމާއި ކިހިލިފަތްދޮށުގެ އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުމާއި މަތިމަސް ކޮށުމެވެ."

ޢާނަތުގެ އިސްތަށި ބޭލުމަށް އަމުރު ކުރެއްވީ ކުރިމަތީ ފަރާތުގައްޔާއި ފުރަގަސް ފަރާތުގައި އިސްތަށިތަކުގެ ސަބަބުން ޖަރާޘީމް އުފެދިދާނެތީވެ އެކަމުން ސަލާމަތް ކުރެއްވުމުގެ ގޮތުންނެވެ. އަދި ޚިތާނު ނުކޮށް ހުންނަނަމަ އެހަންކޮޅުގެ ތެރޭގައި ޖަރާޘީމް އުފެދިދާނެތީވެއެވެ. މިފަހުގެ ޑޮކްޓަރީ ހޯދުންތަކުން ދައްކާ ގޮތުގައި ފިރިހެނުންގެ ކުރިމަތީ ފަރާތަށް އެންމެ ގިނައިން ކެންސަރު ޖެހެން މެދުވެރިވާ ސަބަބަކީ ޚިތާނު ނުކޮށް ހުރުމުގެ ސަބަބުން ހަންކޮޅު ތެރޭގައި ނަޖިހާއި ޖަރާޘީމް ހުރެ ޞާފު ނުވުމެވެ. އަދި ނިޔަފަތި ނުކަނޑާ ދިގު ކުރުމުން ނިޔަފަތި ތަކުގެ ތެރޭގައި ވެސް ހަޑި އެއްޗެތި ހަރުލަ ބަލިތައް ޖެހެން ދިމާވާ ގޮތްވެއެވެ. ހަމައެފަދައިން މަތިމަސް ކުރުނުކޮށް ހުރުމުންނާއި ކިހިލިފަތް ދަށުގެ އިސްތަށިތައް ނައްތާ ނުލުމުގެ ސަބަބުންވެސް ބަލިތައް ޖެހެން މެދުވެރިވެއެވެ.

ވީމާ، އިސްލާމްދީން މިވަނީ ޞާފުޠާހިރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.