މިސްރުގެ ޑިފެންސް މިނިސްޓަރ ފީލްޑް މާޝަލް ހުސައިން ތަންތާވީއާއި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ސާނީ އަނާން މަޤާމުން ވަކިކޮށް އަސްކަރީ ޚިދުމަތުން މުސްކުޅިކޮށް އެދެބޭފުޅުންނަކީ އެޤައުމުގެ ރިޔާސީ ދެމުސްތަޝާރުންކަމުގައި އައްޔަނުކޮށްފިއެވެ.
ރައީސް މުޙައްމަދު މުރްސީގެ މިނިންމެވުމަށް ތާޢީދުކުރައްވައި ގިނަ ބަޔަކުވަނީ ވެރިރަށް ޤާހިރާގެ ތަހްރީރް މައިދާނަށް އިއްޔެ ޖަމާވެފައެވެ. ޓީވީއިން ވަގުތުން ދުރަށްދެއްކި ޚިތާބެއްގައި ރައީސް މުރްސީ މިކަން ދިފާޢު ކުރައްވައި ވިދާޅުވިގޮތުގައި މިއީ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މެދުވެރިވި މުޒާހަރާތަކާއި އިސްލާޙީ މަސައްކަތުގެ ތެރެއިން ނެންގެވި ފިޔަވަޅެއްކަމަށެވެ.
މުރްސީގެ މިނިންމެވުމާއި އެކު އެމަނިކުފާނުވަނީ ރިޔާސީ އިންތިޚާބުގެ ކުރިން މިސްރުގެ އަސްކަރީ މަޖިލީހުން ނެރެފައިވާ ދަސްތޫރީ އިޢްލާންވެސް ބާތިލްކުރައްވާފައެވެ.
"އިންޤީލާބުން ކާމިޔާބުވީ އޭގެ ބައެއް ލަނޑުދަނޑިތައް. ބާކީ ހުރިކަންތައްތައް ކާމިޔާބުކުރުމަށް މަސައްކަތްކުރުމީ އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެން ބޭނުންވަނީ މިޤައުމުގެ ސުލްހަ މަސަލަސްކަން ޤާއިމްކޮށް މިޤައުމު ތަރައްޤީކުރަން،" މުރްސީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ މިނިންމުމަކީ ވަކި ފަރުދަކަށް ނުވަތަ ވަކި މުވައްސަސާއެއް ލަދުގަންނަވާލުމަށް ނިންމި ނިންމުމެއް ނޫން. އަދިމީވަކި ބަޔަކަށް ނުބައި މެސެޖްތަކެއް ދިނުމަށް ކުރިކަމެއް ނޫން. އެހެނެއް ކަމަކު މިއީ މިޤައުމުގެ މަސްލަހަތަށް ނެގި މުހިއްމު ފިޔަވަޅެއް. މިސްރުގެ ރައްޔިތުންނަށް މިއަދު ވަނީ އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިވެފަ،" ރައީސް މުރްސީ ހާމަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...