"ލޯތްބާއި ނަފްރަތު ބިނާ ކުރާ އެއްޗެއްކަމުގައި ސިޔާސީ ޕާޓީ ވެއްޖެ ނަމަ، އެޕާޓީ އެވަނީ މާތް ﷲ ފިޔަވާ އަޅުކަން ކުރާ އެހެން ފަރާތެއްގެ ގޮތުގައި ކޮޅަށް ޖެހިފައިވާ"ކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ކޮންމެ ހޯމަދުވަހެއްގެރޭ 10 ން 11 އަށް ގެނެސްދޭ ލައިވް ޕްރޮގްރާމް "ޢިލްމީ ޚަޒާނާ" މި ދިޔަ ހޯމަ ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ "ތިމާ އުޅޭ ޕާޓީ އަކީ އެންމެ ލޯބިވާ ފަރާތް ކަމަށާއި ޕާޓީން އަންގާ ގޮތަށް ކަންތައް ނުކޮށްފި ނަމަ، އާޚިރަތު ބަރުބާދު ވުމަށް ވުރެއް ބޮޑު ގެއްލުމެއް ތިމާއަށް ލިބޭނެކަމަށް ދެކޭ މީހާ އެހުރީ ޕާޓީއަކީ ކަލާނގެކަމަށް ބަލާފައި"ކަމަށެވެ.
"ތިމާގެ ޕާޓީ ނުވަތަ ތިމާގެ ޖަމާޢަތުގައި ނުހިމެނޭ މީހަކުނަމަ އެމީހަކީ އެއީ ތިމާގެ އަޚެއްގެ ގޮތުގައި ނުހިމެނޭ، އޭގެތެރޭގައި ރަޙިމުގެ ގުޅުން ކަނޑަމުން އެބަދޭ، އަދި ތިމާ ބޭނުންވާ ވަކި މީހަކަށް ވޯޓުނުލައިފިނަމަ އެކަމުގައި ވަރިއާއި އަޅުވާފައި އެބަހުރި، ބައެއް ޢާއިލާތައް ރޫޅިގެންގޮސްފައި އެބަހުރި، އެހެންވީމައި ޕާޓީއަށްޓަކައި ލޯތްބާއި ނަފްރަތު ބިނާކުރާއެއްޗެއްކަމުގައިވަނީނަމަ ޕާޓީ އެވަނީ ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެންފަރާތެއްގެގޮތުގައި ކޮޅަށްޖެހިފައި، އެއީ ކަނޑައެޅިގެން ތަޥްޙީދާއި ޚިލާފުކަމެއް، އަދި އެއީ ޝިރުކުގެ ތެރޭގައި ހިމެނޭކަމެއް" އައްޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ގެނެސްދިނީ ޢިލްމީ ޚަޒާނާގެ 163 ވަނަ ޕްރޮގްރާމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...