
ޒަޔަނިސްޓުންނާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު ، | ދިއިސްލާމް ފޮޓޯ: އިސްމާއިލް އަފްރާހު
މިމަހު 12 ވަނަ ދުވަހު އިޒްރާއީލްގެ އަމިއްލަ މީހެއްގެ ޖެޓެއް އައްޑޫ ސިޓީގެ ގަމު އެއަރޕޯޓަށް ޖެއްސި މައްސަލަ ހިންގާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖުލީހުން ދެކޭ ގޮތެއް ބެލުމަށް ހުށައަޅުއްވާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު ވިދާޅު ވެއްޖެއެވެ.
އަމިއްލަ މެންބަރެއް ގޮތުން މަޖުލީހަށް ހޮވިވަޑައިގެންނެވި، އަދާލަތު ޕާޓީ އަށް ނިސްބަތްވާ މުއްޠަލިބު ވިދާޅުވީ ރައްޔިތުން މަޖުލީހުން އިޒްރާއީލްގެ ފްލައިޓްތައް ޖެއްސުމަށް ހުއްދަ ނުދިނުމަށް މަޖުލީހުން ގަރާރެއް ފާސްކޮށްފާ ވަނިކޮށް،ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާން ހިންގާ އިޒްރާޢީލްގެ އަމިއްލަ މީހެއްގެ ޖެޓެއް ގަމަށް ޖެއްސި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ނިންމެވީ މިކަމުގައި މަޖިލީހުން ދެކޭ ގޮތެއް ބެލުމުގެ ބޭނުމުގައި ކަމަށެވެ.
އިޒްރާއީލް ގެ ފްލައިޓްތައް ޖެއްސުމަށް ހުއްދަ ނުދިނުމަށް މަޖުލީހުން ފާސްކުރި ގަރާރުގައި އަމިއްލަ މީހެއް، އޭނާގެ ޖެޓެއް އައިސް ޗުއްޓީ ހޭދަކޮށްފައި ފުރައިގެން ދިއުމަކީ ގަރާރާ ޚިލާފު ކަމަކަށް ކަނޑައެޅިގެން ބުނެފައި ނެތަސް، އެކަމާ މެދު ޝައްކު އުފެދޭ ނަމަ އެކަމެއް ސާފު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބަލާފައި، މި މައްސަލަ މަޖުލީހަށް ހުށައަޅަން ނިންމީ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި މަޖުލީސް ޗުއްޓީއަށް ފަހު ހުޅުވުނީމާ ހުށައަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ ޖެޓް ޖެއްސި މައްސަލާގައި، “މިއަދު” ނޫހުގައި ސިވިލް އެވިއޭޝަން އޮތޯރިޓީގެ އިސްއޮފިޝަލަކާ ޙަވާލާދީ ހާމަކޮށްފައިވަނީ “އެއީ ހަމަ އާންމުކޮށް ކުރަމުން އަންނަ ކަމެއް، އަޅުގަނޑުމެން ނުޖެހޭނެ އެކަމާ ގުޅިގެން ސަލާމަތީ ގޮތުން އެއްވެސް ކަމެއް އިތުރަށް ކުރާކަށް. ވަރަށް މަދު މައުލޫމާތު ކޮޅެއް ހުށަހަޅަންޖެހޭނީވެސް. ނަމަވެސް ފަސިންޖަރުން އުފުލާ ކޮމަރޝަލް ފްލައިޓްތައް ނުވަތަ ޗާރޓަރ ފްލައިޓްތައް އިޒްރޭލުން އަންނަ ނަމަ ސަލާމަތީ ގޮތުން ވެސް ބަލަންޖެހޭ އެތައް ކަންތައްތަކެއް ހުރޭ. ވީމާ މިއީ މުޅިން ތަފާފު ހުއްދައެއްގެ ދަށުން ކުރެވޭ ކަމެއް.” އަދި “އޭނާ ވިދާޅުވީ ޕްރައިވެޓް ޖެޓްތަކުގައި އަންނާނީ ޖެޓްގެ އޯނަރ އާއި އޭނާ ގެނައި އޭނާގެ ގާތް ބައަކު އެކަނި ކަމަށާއި ފަސިންޖަރުންގެ ގޮތުގައި ޓިކެޓްގަނެގެން އެއްވެސް މީހަކު ނާންނާނެ” ކަމަށެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް މި މަހުގެ 12 ވަނަ ދުވަހު އިޒްރާޢީލްގެ 9 ފަތުރުވެރިންނާއި އެކު ގަމަށް ޖެޓް ޖެއްސީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) ގެ ހުއްދަ ލިބިގެން ކަމަށް އެ އޮތީރިޓީއިން ބުނެއެވެ. މި ޖެޓް ވަނީ މި މަހު 16 ވަނަ ދުވަހު އެނބުރި ޤައުމަށް ގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...