ރިޕޯޓް ބައިބަލްގައިވާ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ތެރެއިން (1)

ބައިބަލްގައިވާ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ތެރެއިން (1)

ބައިބަލްގައިވާ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ތެރެއިން (1)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަބޫ ރުމައިޞާ

(ނޯޓު: ބައިބަލްއަކީ ދިވެހިން މިހީކުރާ އިންޖީލެއް ނޫނެވެ. އެހެނީ ބައިބަލްއަކީ ތަފާތު އެތައް ފޮތްތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްކޮށްލެވިފައިވާ ފޮތެކެވެ. އެފޮތުގައި ޢީސާ ޢަލައިހިއްސަލާމް މީސްތަކުންނަށް އިންޖީލުން ދަރުސް ދެއްވައި ވިދާޅުވެދެއްވި ކަމަށް ލިޔެވިގެންވެއެވެ. ނަމަވެސް އިންޖީލުގެ ނަން ގަނެވިފައިވުން ފިޔަވައި ބައިބަލްގައި އިންޖީލުން އެއްވެސް ބައެއް ހިމެނިގެނެއްނުވެއެވެ. އަދި ދަންނަވަމެވެ. ބައިބަލްގެ ދެވަނަ ބައިކަމުގައިވާ "ނިއު ޓެސްޓަމަންޓް" ގައި އެކުލެވިގެންވާ ބައެއް ފޮތްތަކަށް މިވެނިމީހެއްގެ އިންޖީލޭ ކިޔައި ނަން ދީފައިވެއެވެ. ނަމަވެސް އެއިންޖީލުތަކަކީ ތާރީޚު ފޮތްތަކެކެވެ. އަދި މީގެ އިތުރުން ބައިބަލްގެ ފުރަތަމަ ބައިކަމުގައިވާ "އޯލްޑް ޓެސްޓަމަންޓް" ގެ ފޮތްތަކުގެ ތެރެއިން ފުރަތަމަ 5 ފޮތަކީ ތައުރާތުކަމަށް މިފޮތުގެ އަހުލުވެރިން ބުނެއެވެ. އަދި އޭގައި ދާއޫދު ޢަލައިހިއްސަލާމަށް ނިސްބަތްކޮށްފައިވާ "ސާމްސް" ނުވަތަ އިބްރާނީ ބަހުން ކިޔާ "ތެހިއްލީމް" އަކީ އަޅުގަނޑުމެން މުސްލިމުން މިކިޔާ "ޒަބޫރު" ކަމަށް މިބައިމީހުން ބުނެއެވެ. ނަމަވެސް އެބައިތައްވެސް ކިޔާލުމުން އެނގެނީ އެއީ ތައުރާތާއި ޒަބޫރުކަމަށް ބުނުމީވެސް ބުޚުތާނެއްކަމެވެ.)

1- ޢީސާ ޢަލައިހިއްސަލާމްގެ ހަވާރީބޭކަލުންގެ ތެރެއިންވި ޔެހޫދާ އިޝްޤޭރިއްޔޯތު (JUDAS)   މަރުވީ ކިހިނެއް؟
އެއް ފޮތުގައިވަނީ: "ޔަހޫދާ އެފައިސާ ފޮތިތައް ހައިކަލްގެ ތެރެއަށް އުކާލާފައި ނުކުތެވެ. އެއަށްފަހު އޭނާ ގޮސް އަމިއްލައަށް ކަރުދަން ޖެހުނެވެ." (ބައިބަލް- މައްތާއީ 27:5)

އަނެއް ފޮތުގައިވަނީ: "ޔަހޫދާ، އޭނާ ކުރި ނުބައި ޢަމަލުން ލިބުނު ފައިސާއިން ބިމެއް ގަތެވެ. އެތަނުގައި އޭނާ ވެއްޓި މަރުވިއެވެ. އޭނާގެ ހަށިގަނޑު ފަޅައިގެންގޮސް އޭނާގެ ގޮހޮރު ބޭރަށް ނިކުތެވެ" (ބައިބަލް- އެކްޓްސް 1:18)

ބައިބަލްގެ އެއްފޮތުގައި ޔަހޫދާ ޢީސާގެފާނު ހައިކަލްގެ ވެރިންނާ ޙަވާލު ކުރުމުގެ އަގެއްގޮތުގައި ރާހިބުން އޭނާއަށް ދިން ފައިސާ ފޮތިތައް ހައިކަލްގެ ތެރެއަށް އުކާލާފައި ގޮސް އޭނާ ކަރުދަން ޖެހުނުކަމަށް އޮތް އިރު އަނެއް ފޮތުގައި މިއޮތީ އޭނާ އެފައިސާއިން ބިމެއް ގަނެ އެތަނަށް އޭނާ ވެއްޓި ބަނޑު ފަޅައިގެންގޮސް ގޮހޮރު ބޭރުވެގެން މަރުވި ވާހަކައެވެ. ދެކޮޅުނުޖެހެއެއްނޫންތޯއެވެ.

2- ދާއޫދު ޢަލައިހިއްސަލާމް އިސްރާޢީލްއާއި ޔަހޫދާގެ މީސްތަކުންގެ ބޯގުނީ ކޮންފަރާތެއްގެ ބަހަކަށް؟
އެއް ފޮތުގައިވަނީ: "އަނެއްކާވެސް މާތްރަސްކަލާނގެ އިސްރާޢީލް ދެކެ ކޯފާވެވޮޑިގެންފިއެވެ. އަދި އެކަލާނގެ ދާވީދު ލައްވައި އެބައިމީހުންގެ މައްޗަށް މުޞީބާތް ޖެއްސެވިއެވެ. މާތްރަސްކަލާނގެ އޭނާއަށް އެންގެވިއެވެ. "ގޮސް އިސްރާޢީލާއި ޔަހޫދާގެ މީސްތަކުންގެ ބޯ ގުނާށެވެ." (ބައިބަލް - 2 ޝޭމުޢޭލް 24:1)
އަނެއް ފޮތުގައިވަނީ: "އިސްރާއީލްގެ މީސްތަކުންނަށް މުޞީބާތް ޖައްސަން ޝައިޠާނާ ބޭނުންވިއެވެ. އެހެންކަމުން އެކަލޭގެ ދާވީދު ލައްވައި ބޯގުނުމަށް ނިންމުވިއެވެ." (ބައިބަލް - 1 ކްރޯނިކަލްސް 21:1)

ބައިބަލްގެ މިދެ ފޮތުގައިވެސް ލިޔެވިފައި އެވަނީ އެއްޙާދިޘާއެކެވެ. ނަމަވެސް އެއްތަނެއްގައި މާތްރަސްކަލާނގެ އެންގެވި ކަންތައް އަނެއް ތަނެއްގައި ލިޔެފައި އެވަނީ އެއީ ޝައިޠާނާ އެންގި ކަމެއްގެ ގޮތުގައެވެ. މިވެސް ދެކޮޅެއް ނުޖެހެއެއްނޫންތޯއެވެ.
3- 700 އަސްގާޑިޔާ ދުއްވާމީހުން ހެއްޔެވެ؟ ނުވަތަ 7000 އަސްގާޑިޔާ ދުއްވާ މީހުންހެއްޔެވެ؟ އަސްވާރުންހެއްޔެވެ؟ ނުވަތަ ފައިމަގު ސިފައިންހެއްޔެވެ؟
އެއް ފޮތުގައިވަނީ: "އަދި އިސްރާއީލީންގެ މީހުން ސީރިޔާގެ ފައުޖު ފަހަތަށް ޖެއްސުވިއެވެ. ދާވީދާއި އޭނާގެ މީސްތަކުން ސީރިޔާގެ އަސްގާޑިޔާ ދުއްވާ މީހުންގެ 700 މީހުންނާއި އަދި 40000 އަސްވާރުން ޤަތުލު ކުރިއެވެ." (ބައިބަލް- 2 ޝޭމުޢޭލް 10:18)
އަނެއް ފޮތުގައިވަނީ: "އަދި އިސްރާއީލީންގެ މީހުން ސީރިޔާގެ ފައުޖު ފަހަތަށް ޖެއްސުވިއެވެ. ދާވީދާއި އޭނާގެ މީސްތަކުން ސީރިޔާގެ އަސްގާޑިޔާ ދުއްވާ މީހުންގެ 7000 މީހުންނާއި އަދި 40000 ފައިމަގު ސިފައިން ޤަތުލު ކުރިއެވެ." (ބައިބަލް- 1 ކްރޮނިކަލްސް 19:18)

މިދެ ފޮތުގައިވެސް ލިޔެވިފައި މިވަނީ އެއްދުވަހަކު އެއްވަގުތެއްގައި ހިނގި އެއްޙާދިޘާއެއްގެ ވާހަކައެވެ. ކޮންމެ ގޮތެއްވިޔަސް ދެއުޅިއެއް އެއްނުވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ދިވެއްސަކަށް ނުވާ އެހެންނަމަވެސް ދިވެއްސެއްކަމަށާއި އަދި ނަޞާރާއެއްކަމަށް ދަޢުވާކުރާ މީހަކު ބުނެފައިވަނީ "ބައިބަލްއަކީ މޫސާގެފާނަށް މާތްކަލާނގެ އެންގެވި އެންގެވުންތައް އެންގެވި ގޮތަށް ލިޔެވިފައިވާ ފޮތެއް" ކަމަށެވެ. ނަމަވެސް ބުނެލަން އޮތް ވާހަކައަކީ ކްރިސްޓިޔަނުން މާތްކަލާނގެ އިތުރުފުޅު ހައްދަވައި އެއްފަހަރު އެއްގޮތަކަށް އަނެއް ފަހަރު އެހެން ގޮތަކަށް ވާހަކަފުޅު ދައްކަވާ ކަމަށް ޤަބޫލުކުރި ނަމަވެސް އަހަރެމެން މުސްލިމުންގެ ޢަޤީދާއަކީ މާތްރަސްކަލާނގެ އެފަދަ ހުރިހައި ކަމަކުން ހުސްޠާހިރުވެވޮޑިގެން ވުމެވެ.

މިބޮޅު މިހައިހިސާބުން ނިންމާލުމަށްފަހު ލިޔެލާން އޮތީ މީގެ އިތުރު ބޮޅުތައް ކުރިއަށް ހުރިވާހަކައެވެ. މިއީ ދިވެހިން ކްރިސްޓިޔަން ދީނަށް ވެއްދުމަށްޓަކައި ކްރިސްޓިޔަން މިޝަނަރީން އިހުނަށްވުރެ ވަރުގަދައަށް ފޫގަޅާފައިވާ މިދަނޑިވަޅުގައި، މިބައިމީހުން މާތްރަސްކަލާނގެ ކަލާމްފުޅުކަމަށް ދަޢުވާ ކުރަމުން ގެންދާ ބައިބަލްއަކީ، މާތްރަސްކަލާނގެއަށް ނިސްބަތް ކުރެވޭ ވަރަށްވުރެ ކުށްގިނަ ދެކޮޅުނުޖެހޭ ވާހަތަކުން ފުރިގެންވާ ފޮތެއްކަން ބަޔާންކޮށް ދިވެހިން ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި ލިޔެވެމުންދާ ލިޔުމެކެވެ.

ނުނިމޭ...

ޓެގް

ދީން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.