ޕާކިސްތާނުގެ ރައީސް އާއި އެހެން ބައެއް ބޭފުޅުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތެއް ބެލުމަށް ކޯޓުން ކުރި އަމުރަކަށް ބޮޑުވަޒީރު ތަބާވެ ވަޑައިގެންފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި އޭނާ ކޯޓަށް ހާޒިރުވާން އަމުރެއް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުން ފޮނުވި އަމުރަށް ތަބާވެ ވަޑައިގެން ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ޔޫސުފް ރިޒާ ޣިލާނީ ވަނީ ވިދާޅުވެއެވެ.
ބޮޑުވަޒީރު ޣިލާނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ އެތައް މިލިއަން ޑޮލަރެއްގެ މަނީ ލޯންޑެރިންގެ މައްސަލައެއް ބެލުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސްވިޓްޒަލެންޑު ސަރުކާރު މެދުވެރިކޮށް ހޯދަންޖެހޭ މައުލޫމާތުތަކެއް ހޯދުމަށް ސިޓީ ފޮނުވަން އެންގުމުން ވެސް ސަރުކާރުން އެކަން ކޮށްފައި ނުވާތީއެވެ. ރައީސް އާސިފް އަލީ ޒަރްދާރީއާ ވެސް ގުޅުން ހުރި މި މައްސަލަ ކުރިން ބެލިފައިނުވަނީ ރައީސަށް ގާނޫނީ ހިމާޔަތް ލިބޭ ގޮތަށް ކުރިން އޮތުމުންނެވެ. ނަމަވެސް ރައީސްގެ މިފަދަ މައްސަލަތައް ވެސް ބެލޭ ގޮތަށް، ރައީސް އަށް އޮންނަ އިސްތިސްނާ ވަނީ 2009 ވަނަ އަހަރުގެ ފަހުކޮޅު އުވާލާފައެވެ.
ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާރު މަޝްވަރާކުރައްވާފައި ވާއިރު ޣިލާނީ ސުޕްރީމް ކޯޓަށް ހާޒިރުވެ ވަޑައިގަންނަވަން ޖެހޭނީ މާދަމާއެވެ. އަމުރަށް ތަބާވެ ވަޑައިގަންނަވާނެ ކަމަށް ޖީލާނީ ވިދާޅުވެފައި ވަނީ އޭނާގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ޝަރީއަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެ ގަރާރެއް ފާސްކުރުމާ އެކުގައެވެ.
ބޮޑުވަޒީރު ކޯޓަށް ހާޒިރުވާން އަމުރުކޮށްފައި މިވަނީ އަސްކަރިއްޔާ އާއި ސަރުކާރާ ދެމެދު ވެސް ގުޅުން ގޯސްވެފައި ވަނިކޮށެވެ. އަސްކަރިއްޔާ އަށް ފާޑު ކިޔައި، އެއްބާރުލުން ނުދޭ ނަމަ ނަތީޖާ ވަރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އަސްކަރިއްޔާ އިން ދާދި ފަހުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...