އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯ ފައުޖުގައި ބޭނުން ކުރަމުން އަންނަ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލައިފިކަން ތާލިބާނުން ހާމަކޮށްފިއެވެ.
ތާލިބާނުންގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިހެލިކޮޕްޓަރު ވައްޓާލީ އަފްޣާނިސްތާނުގެ ދެކުނުގެ ހެލްމަންދު ސަރަޙައްދުގައި ދަތުރުކުރަމުން ދަނިކޮށެވެ.
އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ބާރުތަކުގެ ކޮމާންޑުންވެސް ވަނީ މިހެލިކޮޕްޓަރު ވެއްޓުނުކަން ކަށަވަރުކޮށްދީފައެވެ. ނޭޓޯގެ ކޮމާންޑުން ބުނީ މިހެލިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މިހާދިސާގައި 3 މީހުން މަރުވެފައިވާ ކަމުގައެވެ.
ވެއްޓުނު ހެލިކޮޕްޓަރަކީ ނޭޓޯއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދިނުމުގައި ހަރަކާތްތެރިވާ މަދަނީ ހެލިކޮޕްޓަރެއް ކަމަށް ވެސް ނޭޓޯ އިން ބުނެއެވެ. ތާލިބާނުން ވައްޓާލި ކަމަށް ބުނާ ހެލިކޮޕްޓަރުތައް ވެއްޓިފައިވީ ނަމަވެސް އެހެލިކޮޕްޓަރުތައް ވެއްޓުނީ ތާލިބާނުންގެ ހަމަލާތަކުގައިކަން މިހާތަނަށް ނޭޓޯއިން އެއްބަސްވެފައެއް ނުވެއެވެ.
ނޭޓޯގެ ބޯޓު ވައްޓާލާފައިވާއިރު، ތާލިބާނުންގެ ޕާކިސްތާނު ގޮފީގެ އިސްވެރިޔާ ހަމަލާތަކުގައި އަވަހާރަ ކޮށްލެވިފައިވާ ކަމުގައި އެމެރިކާ އާއި ޕާކިސްތާނުގެ އިންޓެލިޖެންސްގެ ފަރާތުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...