އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢާއި ގުޅުވައިގެން އެޤައުމަށް ފިއްތުން ކުރިމަތި ކުރުމުގެ ގޮތުން އީރާނުން ޖަޕާނަށް ގަނެގެން ތެޔޮ އެތެރެކުރާ މިންވަރު މިހާރަށް ވުރެ ދަށްކޮށްލުމަށް ނިންމާފައިވާކަން ޖަޕާނުން އިއުލާނުކޮށްފިއެވެ. ޖަޕާނުން މިކަން އިއުލާނުކޮށްފައި މިވަނީ ތެލުގެ ވިޔަފާރީގައި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެމެރިކާ އިން ފަށާފައިވާ ކެމްޕޭނުގައި އެމެރިކާގެ މާލީ ވަޒީރު ޓޮމޮތީ ގެއިތުނާ ޖަޕާނަށް ވަޑައިގެން އެގައުމުގެ ވެރިންނާ މަޝްވަރާކުރައްވާފައި ވަނިކޮށެވެ.
ޖަޕާނުގެ މަގްބޫލު ނޫހެއް ކަމަށްވާ ޔޮމޫރީ ޝިމްބަން އިން ބުނެފައި ވަނީ އީރާނުން އެތެރެކުރާ ތެޔޮ ފީފާތަކުގެ އަދަދު ދަށްކުރުމަށް ޖަޕާނުން އެއްބަސްވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ޖަޕާނުގެ ބޭންކްތައް ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށެވެ. ޖަޕާނަކީ ޗައިނާ އަށް ފަހު އީރާނުން އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމެވެ.
ޖަޕާނަށް އެތެރެކުރާ ތެލުގެ 10 ޕަސެންޓަކީ އީރާނުން ގެންނަ ތެލެވެ. މި އަދަދު މަދުކުރަން ޖަޕާން އެއްބަސްވެފައިވާއިރު ތެލުގެ ވިޔަފާރީގައި އީރާނަށް ދަތިކުރުމަށް ޗައިނާ އިން ދެކޮޅު ހަދާފައިވެއެވެ.
ނަމަވެސް ޖަޕާނުން އެމެރިކާގެ ހުށަހެޅުން ގަބޫލުކޮށް އީރާނަށް ފިއްތުންއިތުރުކުރަން އެއްބަސްވުމުން އެމެރިކާ ވަނީ ހިތްހަމަޖެހިފައެވެ. ގެއިތުނާ ވިދާޅުވީ އެމެރިކާއިން މިހާރު މަސައްކަތްކުރަމުން ދަނީ އީރާނުގެ ތެލުގެ ވިޔަފާރިން އެގައުމަށް ވަންނަ ފައިސާގެ މައި ދޮރު ބަންދުކުރަން ކަމަށާއި މިއީ އީރާން އިތުރަށް އެކަހެރިކޮށްލުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
ޖަޕާނުން އެމެރިކާއަށް ތާއީދު ކޮށްފައިވާއިރު އީރާނުން ތިން ވަނަ އަށް އެންމެގިނައިން ތެޔޮ ގަންނަ އިންޑިއާ ވެސް އޮތީ އެމެރިކާއާ އެކުގައެވެ. މީގެ އިތުރުން ހަތަރު ވަނަ އަށް އޮތް އިޓަލީން ވެސް ދަނީ އީރާނާ ތެލުގެ ގުޅުން ކަނޑާލުމަށް ވިސްނަމުންނެވެ.
ފްރާންސުން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ތެޔޮ މަނާކުރިޔަސް ތެލުގެ އަގަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ތެލުގެ މައި ގައުމުތަކުން މިހާރު ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...