އަފްޣާނިސްތާނު އިސްތިޢުމާރުކޮށްގެން އުޅޭ ނޭޓޯގެ ލަޝްކަރަށް އަމާޒުކޮށް ދެވުނު ހަމަލައެއްގައި އެލަޝްކަރުގައި ހިމެނޭ ޕޮލޭންޑްގެ 5 ސިފައިން މަރުވެއްޖެއެވެ.
ޕޮލެންޑްގެ މީޑިއާ އިން ބުނާގޮތުގައި މިއީ ޕޮލެންޑް ސިފައިން އަފްޣާނިސްތާނަށް އެރި ފަހުން އެއް ޙަމަލާއެއްގައި އެޤައުމުގެ އެންމެ ގިނަ ސިފައިން މަރުވި ފަހަރެވެ. ޕޮލޭންޑް ބޮޑުވަޒީރު ބުނިގޮތުގައި "މިއީ އޭނާގެ ޤައުމުގެ ލަޝްކަރަށް ދިމާވި އެންމެ ހިތާމަވެރި ޙާދިޘާއެވެ."
މި ޙާދިޘާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުދެކުނުގައިވާ ޣަޒްނީ ޕްރޮވިންސްގައެވެ. ޣަޒްނީގެ ގަވަރުނަރުގެ ތަރުޖަމާނު ހާމަކުރިގޮތުގައި ޕޮލެންޑް ސިފައިން މަރުވެފައިވަނީ މައިނެއް ގޮވައިގެންނެވެ. ޠާލިބާނުން ވަނީ ނޫސްވެރިންނަށް ފޮނުވި ޓެކްސްޓް މެސެޖަކުން މި ހަމަލާގެ ޒިންމާ އުފުލާފައެވެ.
އެމެރިކާގެ ވެރިކަމުގެ ދަށުގައި އޮންނަ ނޭޓޯގެ ލަޝްކަރާއި ޕޮލޭންޑް ސިފައިން ގުޅިފައިވަނީ 2002 ވަނަ އަހަރެވެ. އެ ލަޝްކަރުގައި 2500 ސިފައިން އެބަތިއްބެވެ.
މި 5 ސިފައިންގެ މަރާއެކު އަފްޣާނިސްތާނުގައި މަރުވި ޕޮލޭންޑްގެ ސިފައިންގެ ޢަދަދު މިހާރު މިވަނީ 36 އަރާފައެވެ.
_______________
މަޞްދަރު: އަލްޖަޒީރާ

ކޮމެންޓް (0)
ލޯޑް ކުރަމުން...