
ބޮޑު މުޒާހަރާ އާ ގުޅޭ ގޮތުން މަދަނީ އިއްތިހާދާއި ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ : ހަވީރު ނޫސް
މަދަނީ އިއްތިޙާދުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ބޮޑު މުޒާހަރާގައި " އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެގޮތުން "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި ބާއްވާ ތާރީޚީ ބޮޑު އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދުގެ މެމްބަރެއް ކަމުގައިވާ އަބްދުﷲ މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ކޮމިޓީ އަށް ހާޒިރުކުރުމަށް ވަނީ ނިއްމާފައެވެ.
މި ގައުމުގައި ކުރަމުން ދާ ލާދީނީ ކަންކަން ހުއްޓުވާ ، އިސްލާމް ދީން ގެ ޝަރަފާ އިއްޒަތް ދެމެހެއްޓުމަށްޓަކައި ނުކުންނަ މީހުންނާ އިދިކޮޅަށް އެމްޑީޕީ އިން ނުކުންނަން ނިއްމާފައިވާތީ އެ ޕާޓީގެ މުޒާހަރާ ކޮމެޓީ ހާޒިރުކުރުމަށްވެސް ވަނީ ނިއްމާފައެވެ. އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލް ވެސް ކޮމިޓީ އަށް ހާޒިރުކުރަން ނިންމިފާފައިވެއެވެ.
މި ބޭފުޅުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކުރާނެ ވަކި ދުވަހެއް ވަނީ ކަނޑަނާޅައެވެ. މުޒާހަރާ ރާވާ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރަން ނިންމީ މުޒާހަރާ ރާވާފައިވާ ގޮތް ސާފުކުރުމަށާއި އެކަން ފިނިކުރުމަށެވެ.
ސަރުކާރުން މުޒާހަރާގެ އަސްލު މަޤްޞާދު އޮޅުވާލާއި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި މަސައްކަތްކުރާކަމަށް މުޒާހަރާ އިންތިޒާމް ކުރާފަރާތްތަކުންނާއި ގިނަ އަދަދެއްގެ އާއްމުން ދަނީ ބުނަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ވަގުތީ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ހުކުރުދުވަހު ބާއްވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގައި މީހުން މެރުމާއި ހަމަނުޖެހުން ހިންގުމުގެ ނިޔަތެއް ނެތް ކަމަށެވެ. އަދި މަގުމަތިން ސަރުކާރު ވައްޓާލަން ތާއީދުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުންވެސް ދަނީ މިއީ ސުލްހަވެރި މުޒާހަރާއެއްކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...