ފިލިޕީންސްގެ ދެކުނުގެ ހިސާބުތަކަށް އައި ވަރުގަދަ ޠޫފާނެއްގައި މަރުވި މީހުންގެ ޢަދަދު 436 ށް އަރާފައިވާ ކަމުގައި އޮފިޝަލުން ހާމަކޮށްފިއެވެ. ދިހަ ހާހަށްވުރެ ގިން މީހުންނަށް މިޠޫފާނުގެ ސަބަބުން އަސަރުކޮށް ގެދޮރު ނެތިފައިވާކަމަށް މިހާތަނަށް ބެލެވިފައިވެއެވެ.
ގެއްލިފައިވާ މީހުންގެ ޢަދަދު ހާހަކަށްވުރެ މަތިކަމަށާއި އެހެންކަމުން މަރުވި މީހުންގެ ޢަދަދު 1500 ށް އަރާނެކަމަށް މިހާތަނަށް ބެލެވޭ ކަމުގައ އޮފިޝަލުން ހާމަކޮށްފައިވެއެވެ. ދެކުނު ޗައިނާ ސަރަހައްދުގެ ހިސާބުތަކުގައި އުފެދިފައިވާ ޠޫފާނުގެ އަސަރު ފިލިޕީންސްގެ ބޮޑު ސަރަހައްދަކަށް ކޮށްފައިވާއިރު، މިހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި ސަރުކާރުންވަނީ އަވަށްޓެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން އެކި އެހީތައް އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. ސަރުކާރުންވަނީ މިހާދިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ވަރަށް ގިނަ ދުވަސް ނަގާނެކަމަށް ލަފާކޮށްފައެވެ.
ފުލުހުންގެ އިސް އޮފިސަރަކު ހާމަކުރެއްވި ގޮތުގައި އަދިވެސް ޠޫފާނުގެ އަސަރު މުޅިން ފިލައިގެން ނުދާތީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
އަދި ލިބިފައިވާ ގެއްލުންތަކުގެ އަގު ވަޒަން ކުރުމުގައިވެސް މައްސަލަތައް އެބަހުރިކަމަށާއި އެހެންނަމަވެސް، ގިނަ ބަޔަކު މިހާރު ސަލާމަތީ ހިސާބުތަކަށް ވަގުތީ ހިޔާތަކަށް ގެންދެވިފައިވާ ކަމަށާއި އެމަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...