އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓު އިރާނުގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވަނީ ޤަވާޢިދާއި ޚިލާފަށް ކަމަށްވާތީ، އެބޯޓު ވައްޓާލުމަކީ ކުށެއް ނޫންކަމަށް އެއްބަސްވެ، އަދި އިރާނުގެ ސަރަހައްދަށް ނުޤަވާޢިދުން ވަދެފައިވާތީ، އެކަމަށް އިރާނުން މަޢާފަށް އެދިއްޖެނަމަ، އެބޯޓުގެ ބައިތައް އެމެރިކާ އާއި ހަވާލު ކުރެވިދާނެ ކަމުގައި އިރާނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އެމެރިކާއިން ރަސްމީ ސިފައެއްގައި މިހާރު ދެފަހަރު މަތިން، އެބޯޓުގެ ބައިތައް އަނބުރާ ހަވާލުކުރުމަށް އެދިފައިވާއިރު، އިރާނުން އަންނަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ ގޮތުގައި އިރާނުން ވައްޓާލާފައިވާ ބޯޓުގެ ބައިތަކުން އެއީ އެމެރިކާ އެއްޗެއްކަން ވަރަށް ސަރީހަކޮށް ސާފުވާ ކަމަށެވެ. އަދި އޭގެ ބައިތައް ލިބޭނެގޮތެއް ހަދައި ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އިރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ ސަބަބުން އެޤައުމަށް ފިއްތުންތައް ކުރިމަތިކޮށް އެކަމުގައި އިސް ދައުރެއް އަދާކުރަމުންދާ އެމެރިކާގެ ބަޔަކު މީގެކުރިން އިރާނުން ރަހީނުކޮށްފައިވެއެވެ. އެހެންނަމަވެސް، އެމީހުން މިހާރުވަނީ މިނިވަން ކޮށްފައެވެ.
އެމެރިކާއިން މިބޯޓުގެ ބައިތައް ހަވާލުކުރުމަށް އެދެމުން ދިޔަ ނަމަވެސް، އިރާނުން މިފަހަރު އެހާ ފަސޭހައިން ދޫދޭނެކަމަށް ނުބެލެވޭ ކަމުގައި އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...