އަފްޣާނިސްތާނު ހަނގުރާމަ ފެށިފަހުން ތާލިބާން ހަނގުރާމަވެރިންގެ ނުރައްކާ ކުޑަނުވާ ވަރަށް މި އަހަރު އެ މީހުންގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ނޭޓޯ ލަޝްކަރުން ހާމަކޮށްފިއެވެ.
ނޭޓޯގެ ބެލުމުގެ ދަށުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ލަޝްކަރުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް، މޭޖާ ޖެނެރަލް މައިކަލް ކްރައުސް ވިދާޅުވީ އަފްޣާނިސްތާނު ހަނގުރާމަ 2001 ވަނަ އަހަރު ފެށިފަހުން ޖެހިގެން އަންނަ ކޮންމެ އަހަރަކީ ވެސް ތާލިބާނުންގެ ނުރައްކާ ބޮޑުވާ އަހަރެއް ކަމަށާއި އެހެން ނަމަވެސް މި އަހަރު އެކަން ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ މި ދުވަސްކޮޅު ހަމަލާތައް މަދުވެ ތާލިބާން ޖަމާއަތުގެ ނުރައްކާ މިދިޔަ އަހަރަށް ވުރެ ކުޑަވެފައިވީ ނަމަވެސް އަފްޣާނިސްތާނުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ވެސް ބޮޑު ކަމަށެވެ.
ތާލިބާނުންގެ ނުރައްކާ މި އަހަރު އިތުރަށް ބޮޑުވެފައިނުވާ ކަމަށް ނޭޓޯ ލަޝްކަރުން ބުންޏަސް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައިވާ ސަރަހައްދުގައި އެމެރިކާގެ އެމްބަސީ އަށް އަމާޒުކޮށް ތާލިބާން ހަނގުރާމަވެރިން 19 ގަޑިއިރަށް ދިން ހަމަލާތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ 77 މީހަކު ޒަޚަމްކޮށްލާފައިވެއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު ހަނގުރާމަވެރިންގެ ހަމަލާތައް މަދު ކަމަށް ނޭޓޯއިން ފާހަގަކުރިޔަސް ހަމަލާތައް މަދުވެފައިވާ ނިސްބަތް ނުވަތަ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ނޭޓޯ އިން ބުނެފައިވަނީ ތާލިބާނުން ފައްސާލާފައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ނެގުމަށް އެމީހުން ކުރަމުންދާ މަސައްކަތުގައި ވެސް ކުރިއެރުންތަކެއް ލިބެމުން ނުދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...