ސ. މީދޫގައި 17 އަހަރުގެ ކުއްޖަކު ނަހަލާލަށް ބަލިވެއިނދެ ބަނޑުގައި އޮތް ދަރިފުޅު އެބޯޓުކޮށްލި މައްސަލައިގައި، ތުއްތު ކުއްޖާ އެބޯޓުކުރަން ދަރިފުޅަށް އެހީތެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މަންމަ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާގެ މަންމަ ދޫކުރި ކަމުގައި ވިޔަސް އަދިވެސް އަންހެން ކުއްޖާ ހުރީ ކޯޓުގެ އަމުރުގެ ދަށުން އެމީހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެކުއްޖާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން އިތުރުކޮށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިމީހާ ދޫކޮށްފައި ވަނީ ކޮންއިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ދެމައިން ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖާގެ ބަނޑުގައި އޮތް 4 މަހުގެ ކުއްޖާ އެބޯޓުކޮށްލި މައްސަލައިގައެވެ.
އެ މީހުން މިކަން ކުރިކަން ފަޅާއަރާފައި ވަނީ އަންހެންކުއްޖާ އޭނާގެ ރައްޓެއްސަކަށް އެބޯޓުކުރި ތުއްތުކުއްޖާގެ ފޮޓޯއެއް ފޮނުވުމުން ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.
އެ ތުއްތުކުއްޖާގެ ފޮޓޯ ނެގުމަށްފަހު، އެދެމައިންވެގެން ވަނީ އެމީހުން ދިރިއުޅޭ ގޯތީގައި ތުއްތުކުއްޖާ ވަޅުލާފައެވެ. ނަމަވެސް، ފަހުން ފުލުހުން ވަނީ އެ ތުއްތުކުއްޖާ މީދޫ ގަބުރުސްތާނުގައި ވަޅުލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...