
ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ ބިނާގެ މަތީ ބައި ބަޔަކު ގެންގޮސްފައި - ދިއިސްލާމް ކިއުންތެރިއެއްގެ ފޮޓޯ
13:59
ފުލުހުންގެ ސަދަން ރީޖަން ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހް "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ އެ ބިނާގެ ބައެއް ނަގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށް. ޔޫނުސް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް.
"މިހާރު އަޅުގަނޑުމެން މައްސަލަ ތަޙްޤީޤް ކުރަމުން ދަނީ" ޔޫނުސް ވިދާޅުވި އެވެ.
13:42
އެ ބުދުތައް ހިމެނޭ ބިނާ ހުރި ސަރަހައްދަށް ދިޔަ ހިތަދޫގެ މީހަކު "ދިއިސްލާމް" އަށް މަޢުލޫމާތުދެމުން، ދެންމެ ބުނީ ބިނާގެ މަތީ ބައި އެއްކޮށް ނަގާފައިވާ ކަމަށާއި މިހާރު ހުރީ ބިނާގެ ބުޑު އެކަނި ކަމަށް.
13:11
ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދު ބަޔަކު ނަގައިފިކަމަށް ދިއިސްލާމްގެ އައްޑޫ ސިޓީގެ މުރާސިލް ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ސިޓީގެ މޭޔަރު އަބްދުﷲ ސާދިޤްގެ ބަހެއް ހޯދުމަށް "ދިއިސްލާމް" އިން ކުރި މަސައްކަތް އޭނާ ފޯނު ނުނަންގަވާތީ ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
ނަމަވެސް ބުދުތައް ހިމެނޭ ބިނާ ބަޔަކު ނެގި ކަން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު މިއަދު ވަނީ "ސަން" އޮންލައިނަށް ކަށަވަރު ކޮށްދީފަ އެވެ. ސާދިގު އެ ނޫހަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށާއި މައްސަލައިގެ ތަފްސީލު ދެވޭނީ ހަމައެކަނި ފުލުހުންނަށް ކަމަށެވެ.
________
އައްޑޫ ސިޓީގައި ދާދިފަހުން ބޭއްވި ސާކްސަމިޓާއި ގުޅުވައިގެން ކަމަށް ބުނެ، އައްޑޫ ސިޓީގައި ވަނީ ތަފާތު ޤައުމުތަކުގައި މުޝްރިކުން އަޅުކަންކުރާ ޒާތުގެ އަޅުކަންކުރާ ބުދުތައް ބަހައްޓާފައެވެ. އެގޮތުން ޕާކިސްތާނުން ބެހެއްޓި ބުދަށް މީގެ ކުރިން ވަނީ އެތައް ހަމަލާތަކެއް އަރާފައެވެ. އެބުދު ވައްޓާލުމަށް ބަޔަކު އެއްވުމުން ފުލުހުންވަނީ އެބުދު ނަގާފައެވެ. އަދި އޭގެ އަނެއް ދުވަހު ބުދު ހަމަ އެތަނުގައި ބަހައްޓާފައެވެ. އަނެއްކާވެސް ބަޔަކު އެތަނަށް އެއްވުމުން ފުލުހުންވަނީ ބުދުގެ ހިމާޔަތުގައި ނުކުމެފައެވެ. އެހެނަސް ބަޔަކު ވަނީ ބުދު ވައްޓާލާފައެވެ. ދެމީހަކު ވަނީ އެހާދިސާ އާއި ގުޅިގެން ހައްޔަރު ކޮށްފައެވެ. އަދި މިހާރު އެދެމީހުންވަނީ ގޭ ބަންދަށް ދޫކޮށްފައެވެ. މާގިނަ ދުވަހެއްނުވެ ބުދުގައި އަލިފާންޖަހާ ވަނީ ރޯކޮށްލާފައެވެ. އަދި މިއަދު އަޑު އިވިގެން މިދިޔައީ ބުދު ނެގި ޚަބަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...