އެހީގެ ތަކެތި ހިފައިގެން ޣާޒާއަށް ދަތުރުކުރަމުން ދަނިކޮށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިޒްރޭލުގެ ކަނޑުގެ ސިފައިން ގަދަކަމުން ހުއްޓުވި ދެ ބޯޓާއި އޭގައި ތިބި އެކްޓިވިސްޓުންގެ ތެރެއިން 21 މިހުން އަދިވެސް ތިބީ އިޒްރޭލުގެ ބެލުމުގެ ދަށުގައިކަމަށް އިޒްރޭލުގެ ނޫސް އެޖެންސީއަކުން ބުނެފިއެވެ.
ހިބްރޫ ބަހުން ނެރޭ ނޫހެއްކަމުގައިވާ "ހަރޓްޒް" އިން ބުނިގޮތުގައި އަޔަލޭންގެ 14 އެކްޓިވިސްޓަކާއި ކެނެޑާގެ 7 އެކްޓިވިސްޓަކާއި އަދި އެމެރިކާގެ 2 އެކްޓިވިސްޓަކު ވަނީ މީގެފަހުން ޣާޒާއަށް ދަތުރުނުކުރާނެ ކަމަށް އިޤްރާރުވެ ސޮއިކުރުމަށް އިންކާރުކޮށްފައެވެ.
އެނޫހުން ބުނެފައިވާ ގޮތުގައި ޖަލުގައި ތިބި ބައެއް އެކްޓިވިސްޓުން ބުނަމުންދަނީ އިޒްރޭލު ސިފައިން އެމީހުން ހައްޔަރުކޮށްގެން "އަސްދޫދު" ގެ ބަނދަރަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ހަތިޔާރުގެ ބިރު ދައްކައިގެންކަމަށެވެ. އަދި އިޒްރޭލުގެ މިޢަމަލަކީ ރަހީނުކުރުމެއްކަމަށާއި އެމީހުންގެ މިބަސް ދޫކޮށް ނުލާނެކަމަށްވެސް އެކްޓިވިސްޓުން ބުނަމުންދާކަމަށް އެނުހުގައި ވެއެވެ.
އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުންވަނީ މަތިންދާ ބޯޓުން ޓިކެޓް ގަތުމަށްވެސް އިންކާރުކޮށްފައެވެ. އަދި އެމީހުން ދޫކޮށްލުމަށާއި އަދި އެމީހުން ދަތުރުކުރި ބޯޓަށް އަނބުރި ދިއުމުގެ ހުއްދަދިނުމަށްވެސް އެމީހުންދަނީ އެދެމުންނެވެ. އަދި އެމީހުން ގެންދަނީ އެމީހުން ނިސްބަތްވާ ޤައުމުތަކުގެ ސަފީރުންގެ އަރިހުން މިމައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދިނުމަށްވެސް އެދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...