އިޒްރާއިލުގެ ބޮޑުވަޒީރު ނެތަންޔާހޫ އަކީ ދޮގުވެރިއެއްކަމަށާއި އޭނާއާއި އެކު އިތުރަށް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ފްރާންސްގެ ރަޢީސް ސަރްކޯޒީ އެމެރިކާގެ ރަޢީސް ބަރަކް އޮބާމާގެ އަރިހުގައި ވިދާޅުވެއްޖެއެވެ. އޭނާ މިހެން އޮބާމާ އަރިހުގައިވިދާޅުވެފައިވަނީ G20 ގެ ބައްދަލުވުމުގައި އެ ދެވެރިންގެ ދެމެދުގައި ދެކެވުނު ސިއްރު ވާހަކަތަކެއްގައެވެ.
" އަހަރެންނަކަށް ދެން ނެތަންޔާހޫ އަކަށް ނުބެލޭނެ، އޭނާ އަކީ ދޮގުވެރިޔެއް" ރަޢީސް ސަރުކޯޒީ އޮބާމާ އަރިހުގައި ވިދާޅުވެފައިވެއެވެ. "ތިބޭފުޅާއަށް އޭނާ (ނެތަންޔާހޫ) އާހެދި މުސީބާތަކަށް ވެދާނެ، ނަމަވެސް އަހަރެން އެބަޖެހޭ އޭނާ އާއި ކޮންމެ ދުވަހަކު މުޢާމަލާތް ކުރަން." ސަރުކޯޒީއަށް ޖަވާބު ދެމުން އޮބާމާ ވިދާޅުވެފައިވެއެވެ.
މި ވާހަކަތައް ދެއްކިއިރު މައިކް ހުރީ ކަނޑާނުލައެވެ. އެހެން ކަމުން އެތާގައި އެވަގުތު ތިބި ނޫސް ވެރިންނަށް ވަނީ އެވާހަކަތައް އަޑުއިވިފައެވެ.
މީގެ އިތުރުން އޮބާމާ ވަނީ ފްރާންސުން އދ. ޔުނެސްކޯ ގައި ފަލަސްތީނު ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް ނެގި ވޯޓުގައި ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދިނީތީވެ އެކަމާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފައެވެ. އެވޯޓު ދިނުމުގެ ކުރިން އެމެރިކާ އާއި މަޝްވަރާ ކޮށްލިނަމަ ރަނގަޅުވީސް ކަމަށާއި އެ ވޯޓުގައި ފަލަސްތީނަށް ކާމިޔާބު ވުމުން އެމެރިކާގެ އިތުރަށް ބަލިކަށިވެއްޖެ ކަމަށް އޮބާމާ ވަނީ ހާމަކޮށްފައެވެ. އަދި އެއީ މިހާރު ނިމިފައިވާ ކަމެއްކަމަށް ސަރުކޯޒީ އަރިހުގައި އޮބާމާ ވިދާޅުވެފައިވެއެވެ. އަދި އދ.ގެ އިތުރު ޖަމާއަތް ތަކުން ފަލަސްތީނު މެމްބަރެއްގެ ގޮތުގައި ބަލައިގެންފާނެތީ އޮބާމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީއާއ މިކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން އެއަށް ޖަވާބެއްދޭން އޭނާ ބޭނުމެއް ނުވިއެވެ. މީޑިޔާ ރިޕޯޓު ތައް ބުނާގޮތުގައި އޮބާމާ އިޒްރާއީލުގެ ބޮޑުވަޒީރު މި ދަނޑިވަޅުގައި ދިފާއު ނުކުރައްވާ ސަރުކޯޒީގެ ވާހަކައަށް ތާއީދު ކުރެއްވުމުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު އުދަނގުލަކާއި އޭނާ ކުރިމަތިލާން ޖެހޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...