އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ބާއްވާ 17 ވަނަ ސާކު ސަމިޓަށް ޤައުމުތަކުގެ ވެރިން މިއަދުން ފެށިގެން އައްޑޫ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ މިއަދުން ފެށިގެން މިމަހުގެ 12 ގެ ނިޔަލަށް އެ ސިޓީގެ ގަމަށް އަރާފޭބޭނީ ހުއްދަ ދެވޭ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަރާފޭބުމުގެ ހުއްދަ ދެވޭނީ ގަމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށާއި، ގަމަށް އަރާ ފޭބުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ވެރިންނާއި ވަފުދުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތުގައި ޢާއްމު ރައްޔިތުން ދެއްވަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރެކޭ އެއްގޮތަށް މިކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ފުލުހުން އެދެއެވެ.
"މިބަދަލާ ގުޅިގެން ޢާއްމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިކަމާއި ގުޅިގެން އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުނަމަ ސާކް ސަމިޓްގެ އޮޕްސްގެ ނަމްބަރު 9660184 އަށް ގުޅުއްވުން އެދެމެވެ." ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މި ސަމިޓް ބާއްވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...