މުސްލިމުންނަށް އީސާގެފާނުގެ ފޮޓޯއެއް ކުރެހިގެން ނުވާނެ ކަމަށާއި، އެހެން ދީންތަކުގެ ޝިޢާރުތައް ރާއްޖޭގައި ފެތުރުމަކީ ޤާނޫނީ ގޮތުންވެސް ކުރުން މަނާކަމެއް ކަމަށް ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 10 ން 11 ށް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ކްރިސްޓިއަން ދީނުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރާ، އީސާގެފާނުގެ ސޫރަ ހިމެނޭ ގޮތަށާއި ބުދު ދީން ފަދަ ބާޠިލް ދީންތަކުގެ ނިޝާންތައް ދައްކުވައިދޭ ބެނާތަކެއް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ވަނީ ހަރުކުރަން ފަށާފައެވެ.
"މުސްލިމުންނަށް އީސާގެފާނުގެ ފޮޓޯއެއް ކުރެހިގެން ނުވާނެ. އަދި އެހެން ދީންތަކުގެ ޝިޢާރުތައް ރާއްޖޭގައި ޕްރޮމޯޓެއް ނުކުރެވޭނެ ޤާނޫނީ ގޮތުންވެސް." ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުންދާ ޝައިޚް ޝަހީމްގެ ފޭސްބުކް ޕްރޮފައިލްގައި މިއަދު ލިޔުއްވާފައި ވެއެވެ.
އެފަދަ ކުރެހުންތަކެއް ކުރަހަން ކެބިނެޓުން ފާސްކުރެއްވި އިރު ޤައުމުގައި ދީން ޙިމާޔަތްކުރުމުގެ ނަމުގައި ކެބިނެޓަށް ވެންނެވި ބޭކަލުން ކޮބައިތޯ އާއި ފުލުހުންނާއި ސިފައިން ކޮބައިތޯ ޝައިޚް ޝަހީމް ސުވާލުކުރައްވާފައި ވެއެވެ. ޝައިޚް ޝަހީމް އަދި ވިދާޅުވީ ޢިލްމުވެރިންގެ ބަސް ވިދާޅުވާންޖެހޭ ވަޤުތު އަތުވެއްޖެ ކަމަށެވެ.
"ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދާއި ޤާނޫނުގެ ދަށުންވެސް އެކަމެއް ނުކުރެވޭނެ" ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޝައިޚް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ޝަހީމް ވަނީ ޢަދާލަތު ޕާޓީ އަށާއި ޖަމްޢިއްޔަތުއްސަލަފަށް ވެސް މިކަމާ ގުޅިގެން ބަސްބުނުމަށް ގޮވާލައްވާފައެވެ.
ސާކް ސަމިޓުގެ ހަވާސާގައި ކަމަށް ބުނެ މިހާރު އައްޑޫ ސިޓީގައި ފަށާފައިވާ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ވެސް ލާދީނީ ޝިޢާރުތައް ދަނީ ފާޅުކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫ އަވަށުގައި ބޭއްވި ޝޯއެއްގައި ވަނީ ވަރަށް ބޮޑަށް ބުދު ދީނުގެ ޝިޢާރު ފާޅުކޮށް، އިންޑިއާގެ އަންހެނުންގެ ފާޙިޝް އަދި ހުތުރުކަން ބޮޑު ނެށުންތައް ދައްކާފައެވެ. މި ނެށުމުގައި ބުދު ދީނުގެ ކަލާނގެ ސިފަކޮށްދޭ ނެށުންތައް ދައްކާފައި ވެއެވެ. މީގެ ފޮޓޯތައް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ އާއްމުވެސް ކޮށްފައެވެ.
ސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރު 17 ގައި އާއްމުކޮށްފައިވާ “ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު” ގެ 9 ވަނަ މާއްދާގައި ބުނާ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި އާއްމު ތަންތަނާގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...