އަޟްޙާ ޢީދުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެއް ކަމަށެވެ.
"މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ޝާމިލް ކުރަމެވެ. އަޟްޙާ ޢީދަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީއަށް ބޭނުންވެފައިވާ މީހުންގެ މަތިން ހަނދާންކޮށް، އެފަދަ މީހުންނަށް އެހީތެރިވެދިނުމުގެވެސް މުނާސަބަތެކެވެ." ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޢީދު ދުވަހަކީ ޤައުމާއި މުޖްތަމަޢުގެ މަޞްލަޙަތު އިސްކޮށް، އަޅުގަނޑުމެން ކުރާ ކަންކަމުގައި ކުރިއަށް ދިޔުމުގެ ޢަޒުމް ކަނޑައަޅައި، އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ހޭދަކުރުމުގެ ދުވަހެއް ކަމަށެވެ.
"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ދުވަސްތަކެއް ކަމުގައި އެކަލާނގެ ލެއްވުމެވެ. އަޅުގަނޑުމެންނަށް މިދުވަސްތަކުގެ ހެޔޮ ބަރަކާތާއި ދަރުމަ މިންވަރު ކުރެއްވުމެވެ." ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވެއެވެ.
ރައީސް އޮފީހުން ބުނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސް ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މިމުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...