ޖިހާދަކީ ހަމައެކަނި ހަތިޔާރު އަޅައިގެން ނިކުމެ ދުޝްމަނުންނަށް ހަމަލާދީ ކުރާ ހަނގުރާމައެއް ނޫން ކަމަށާއި، ޤައުމަށް ކުރިމަތިވާ އެންމެހާ ނުރައްކާތަކުން ޤައުމު ދިފާޢުކުރުމަށްޓަކައި އަބަދާއި އަބަދު ހޭލާ ތިބުމަކީވެސް ޖިހާދެއް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި އިއްޔެ ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޑރ. މަޖީދު ވިދާޅުވީ ޤައުމުގެ ދިފާޢުގައި ސިފައިން ކުރަމުންދާ މިންނެތް މަސައްކަތަކީ ﷲ ގެ އިރާދަފުޅާއި ވާގިފުޅާއިލާގެން އެކަލާނގެ މަގުގައި ކުރެވޭ ޖިޙާދެއްކަން އަބަދާއި އަބަދު ސިފައިން ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތެދު ނިޔަތުގައި ކުރާ ކޮންމެ ކަމަކީ ﷲ ހަޟުރަތުގައި ކުރެވޭ އަޅުކަމެއްކަމުގައި ނޫނީ ނުވާނެކަމަށާއި، ނިޔަތް ރަނގަޅު ނުވެއްޖެނަމަ އެއީ ކިތަންމެ މާތް އަމަލެއްކަމުގައި ވިޔަސް އެކުރާ ކަމެއް ﷲ ރުއްސަވާނެކަމެއްކަމުގައި ނުބެލޭނެ ކަމަށެވެ.
ޑރ. މަޖީދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ދެމެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރަމުންގެންދަވާ ބޭކަލުންނަކީ ސިފައިންނަށް ވީހިނދު ދިވެހިންގެ ވަޙުދަތާއި ސިޔާދަތަކީ ދިވެހިންގެ މެދުގައި އޮތް ދީނީ ވަޙުދަތުކަން ހަނދާން ކުރަން ޖެހޭނެކަމަށެވެ. ތާރީޚުން ފެންނައޮތްގޮތުގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައިވާ ކޮންމެ ފަހަރަކު އެކަން އޮގޮތަށް ދިމާވެފައިވަނީ ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު ދީނަށް ޚިޔާނާތްތެރިވުމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ވާހަކަތަކުން އިބުރަތް ލިބިގަންނަންޖެހޭކަމަށެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު، އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އަދި ސިފައިންގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.
މިދުވަސް ފާހަގަކުރުމަށް ސިފައިން ވަނީ އިއްޔެ މާލެ ވަށާ ފޯސް މާރޗެއް ޖަހާފައެވެ. އަދި އެމާރޗް ފެށުމުގެ ކުރިން، ހުރިހާ ސިފައިން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމަށްފަހު ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީ ފާހަގަކުރުމަށެވެ. އަދި އެދުވަހު ޝަހީދުވި 19 ޝަހީދުންގެ ހަނދާންތައް އާކުރުމަށެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...