ދިއިސްލާމް ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ޢަދާލަތުން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ޢަދާލަތުން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ޢަދާލަތުން ސަރުކާރަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ޢަދާލަތު ޕާޓީން ސަރުކާރަށާއި ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައިފި އެވެ.

އަދާލަތުގެ ޢިލްމުވެރިންގެ މަޖިލިހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ބުދަ ދުވަހު ވިދާޅުވީ، ޖުވާކުޅޭ ކެސިނޯ އެއް ހެދުމާމެދު ހުވަދު އަތޮޅުގައި އަލަށް ހުޅުވާ ރިސޯޓެއްގެ ވެރިފަރާތާއި ސަރުކާރާ ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާކުރި ކަމުގެ މަޢުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.  އަދި އަމިއްލަ ގޮތުން ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން، ސަރުކާރުގެ އެ މަޝްވަރާތަކަށް ދެކޮޅު ހައްދާވަފައިވާ ކަމުގެ މަޢުލުމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝައިޚް ޝަހީމް ވިދާޅުވި އެވެ.

ޝައިޚް ޝަހީމް ވަނީ ރާއްޖޭގެ ރައްޔިތުން މިކަމާމެދު ސަމާލުވެ ތިބުމަށް ގޮވާލާފައެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ކެސިނޯ ހަދައި، ޖުވާ ކުޅުމުގެ ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށާއި، އެފަދަ މަގެއް ރާއްޖޭގައި ހުޅުވިގެން ދިޔަދީގެން ވެސް ނުވާނެ ކަމަށެވެ. އަދި އެކަމާ އިދިކޮޅަށް ކުރެވެން ހުރި މަސައްކަތްތަށް ހުރިހާ ލެވެލެއްގައި ވެސް ކުރަންވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު "ސަން" އޮންލައިނަށް ބުދަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި، ޗައިނާގެ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހެޅިއިރު ފައިދާގެ ބައިގެ ތެރޭގައި "ވަރަށް ކުޑަ މިންވަރަކަށް" ޖުވާގެ ބައި ހިމަނާފައި ވެއެވެ. އަދި އެކަމާބެހޭ ގޮތުން ކެބިނެޓަށް ހުށަހެޅުމުގެ ކުރިން ކުޑަ ކޮމެޓީއެއްގައި އެ ޕްރޮޕޯސަލާމެދު މަޝްވަރާކުރި ކަމަށާއި، ކެބިނެޓްގައި އަދި މަތީ ފެންވަރުގައި އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށް ޒުހައިރު ވިދާޅުވެފައި ވެއެވެ. ޒުހައިރު ވިދާޅުވެފައި ވަނީ އެކަން އޮތީ ހަމައެކަނި އެފަރާތުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގައި ޖުވާކުޅޭތަނެއް ހެދުމުގެ ހުއްދަ ހޯދަން ޔޮޓް ޓުއަރޒްގެ ޗެއަރމަން ޢަބްދުﷲ ޖާބިރު މަސައްކަތްކުރައްވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. މިކަމާބެހޭ ގޮތުން "މިއަދު" ނޫހުން ޖާބިރުއާ ސުވާލުކުރުމުން އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ޖުވާކުޅޭތަނެއް ހަދަން އަދި ވިސްނަވާފައި ނެތް ކަމަށެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރަން ހުއްދަދޭން ބޭނުންވާ ކަންކަން ކަނޑައެޅުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި މިހާރުވެސް ރިޒޯޓުތަކުގައި ދިވެހިންނަށް ނުލިބޭގޮތަށް ކުރެވެމުންދާކަމަށާއި، ހަމައެކަނި ފަތުރުވެރިންނަށް ބައިވެރިވެވޭގޮތަށް ޖުވާކުޅުން ހުއްދަ ކުރުމަކީ ނުވަތަ ނުކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިންމާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވިޔަފާރިވެރިން. ވިޔަފާރިވެރިން ބޭނުންވާނީ ވިޔަފާރިކުރަން. ނަމަވެސް ވިޔަފާރިކުރެވޭނީ އެޤައުމެއްގެ ވިޔަފާރި ސިޔާސަތުގެ ތެރެއިން. އަޅުގަނޑު ކޮންމެހެން ޖުވާގެ ވިޔަފާރިކުރަން ބޭނުންވެއްޖެނަމަ އެކަން ހުއްދަ ޤައުމެއްގައި އެކަންކުރާނެ. އަދި އެހެން ވިޔަފާރިވެރިންވެސް ކުރާނެ" ޖާބިރު އެ ނޫހަށް ވިދާޅުވެފައި ވެއެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ޖުވާކުޅުމާ އޭނައާ ގުޅުވައިގެން ވާހަކަތަކެއް ފަތުރަނީ ހަސަދަވެރި ބަޔަކު ކަމަށާއި، އެމީހުން ކަންބޮޑުވެގެން އުޅެނީ ހައްދުންމަތީ މަޝްރޫއު އޭނާއަށް ލިބިވަޑައިގަތުމުން ކަމަށެވެ.

ޓެގް

ރިސޯޓް ޖުވާ ޢަދާލަތު ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.