
ސަރުކާރު ހިންގާ ކޯލިޝަނުން އަދާލަތު ޕާޓީން ވަކިވާން ނިންމި ނިންމުމަކީ 24 ގަޑިއިރު ހަމައިގައި ތިބެން އެކަމާމެދު ފުންކޮށް ވިސްނާފައި ނިންމާފައިވާ ނިންމުމެއް ކަމަށް އެޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޙް އިލްޔާސް މިހެން ވިދާޅުވީ އެއް ޕާޓީން މެންބަރުންގެ އަދަދު އިތުރު ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަލާފާން ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއީ“މެންބަރަކަށް މެންބަރެއް” ޝިއާރުގެ ދަށުން ކުރިޔަށް ދިޔަ ޖަލްސާއެކެވެ. އަދާލަތު ޕާޓީއިން ސަރުކާރުން ވަކިވުމަށް ނިންމި ނިންމުމަކީ އިސްލާމް ދީން ފުނޑުފުނޑުކޮށް ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރާތީ އެޅި ފިޔަވަޅެއް ކަމަށް ވެސް ޝެއިޙް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ އިސްލާމް ދީނާ ދުރަށް ޖެއްސުވުމަށްޓަކައި މިއަދުގެ ޒުވާނުން ދީނާ ދުރުހެލިކޮށް “ފުނޑުފުނޑުކުރަމުން” ގެންދާ ކަމަށާއި އަދި ދީނާ ސިޔާސަތަކީ ވަކިކުރެވޭނެ އެއްޗެއް ނޫންނަމަވެސް ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތްކުރަމުންގެންދާ ކަމަށާ ނަތީޖާއަކަށްވެފައި މިވަނީ އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމާ އެއް މުއައްސަސާއަކަށް އިހްތިރާމް ނުކުރުމުގެ ޘަޤާފަތެއް އުފެދުންކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ހެއްކަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ޢަރަބި ތައުލީމް އުނގަންނައިދޭ އެންމެ މަރުކަޒެއް ހުރެ އެތަނުން ދަރިންނަށް ޖާގަ ނުލިބިގެން އެހެން ސްކޫލްތަކަށް ދާންޖެހުން އެއީ އިސްލާމް ދީން ބަލިކަށިކުރަން ހިންގާ މަޝްރޫއުގެތެރެއިން ޤަޞްދުގައި ރާވާފައިވާ މަކަރުވެރި ރޭވުމެއް ކަމަށެވެ. “އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ބައެއް، ކީއްވެގެންތޯ އަރަބި ތައުލީމު އުނގެނެން ފުރުޞަތު ނުލިބެންވީ؟ މިއީ ދީނީ ތައުލީމް ފުނޑުފުނޑުކޮށްލަން ރާވާފައިވާ ރޭވުމެއް" ޝާއިޙް ވިދާޅުވިއެވެ. އަދި މިކަންކަމުގެ ސަބަބުން ދީން ބަލިކަށިވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ..
ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ ސަރުކާރުގެ މިސްރާބު ގޯސްވެއްޖެނަމަ އެވާހަކަ ނުދައްކަވައި ނުހުންނަވާނެކަމަށް ކުރީގައި ވެސް ވިދާޅުވެފައިވާނެކަމަށާއި އަދި މިހާރު މިއޮތީ އެކަން ފެންނަންކަމަށެވެ. ސަރުކާރުގެ މިޞްރާބު ވަނީ ގޯސްވެފި ކަމަށެވެ. އަދި އެޕާޓީން ބޭނުން ވަނީ ވަކި ފަރުދަކަށް ފާޑު ވިދާޅުވުމަކަށް ނޫ ކަމަށާއި ނަމަވެސް ޤައުމު އިޞްލާޙުކުރެއްވުމަށްޓަކައި ކުރެވެން އޮތްހާކަމެއް ކުރަށް ވާނެކަމަށެވެެ. “އަޅުގަނޑަކީ ޤައުމު ދެކެ ވަރަށް ލޯބިވާ މީހެއް. ޤައުމަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑު ބޭނުންވަނީ ޤައުމުގެ ކަންކަން އިޞްލާޙްވުމަށް" ޝައިޚް ވިދާޅުވިއެވެ.
ސަރުކާރުން ދީނީ ޢިލްމުވެރިން ނަށް ދަތި ކުރުމަށް ކަންކަން ކުރަމުންގެންދާ ކަމަށާއި ނަފްސާނީ ގޮތުން ޝައިޚް އިލްޔާސް ބަލިކަށިކުރުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ޝޭއިޙް އެކަންކަމަކާ ކަންބޮޑު ވެވަޑައި ނުގަންނަވާކަމަށެވެ. އަދި މާތްﷲގެ މަގުގައި ތިބިނަމަ މާތްﷲ ނަޞްރު ދެއްވާނެކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައި” ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ. ވީމާ ވީހާ ގިނަ ބަޔަކު އެޕާޓީއާއި ގުޅިގެން ޤައުމު ޢިސްލާޙް ކުރުމަށް މަސައްކަތް ކުރެއް ވުމަށް ވެސް ޝޭއިޙް ވިދާޅުވިއެވެ. މިކަމުގައި ޒުވާނުން ހޭލުންތެރި ކުރުމަށްޓަކައި އަދާލަތުން ޕްރޮގްރަމު ތަކެއްވެސް ކުރުޔަށް ގެންދާ ކަމުގައި ހާމަ ކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...