ދިއިސްލާމް އައްޑޫ ސިޓީގެ މިސްކިތްތަކުގެ އިމާމުންނަށް ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށާއި ނަމާދުގައި ބާރަށް ބިސްމި ކިޔުމަށް މަޖުބޫރު ކުރުވަނީ!

އައްޑޫ ސިޓީގެ މިސްކިތްތަކުގެ އިމާމުންނަށް ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށާއި ނަމާދުގައި ބާރަށް ބިސްމި ކިޔުމަށް މަޖުބޫރު ކުރުވަނީ!

އައްޑޫ ސިޓީގެ މިސްކިތްތަކުގެ އިމާމުންނަށް ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށާއި ނަމާދުގައި ބާރަށް ބިސްމި ކިޔުމަށް މަޖުބޫރު ކުރުވަނީ!

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ : އައްޑޫ އޮންލައިން

އައްޑޫ ސިޓީގެ މިސްކިތްތަކުގެ އިމާމުންނަށް ފަތިސް ނަމާދުގެ ފަހު ރަކުއަތުގައި ޤުނޫތު ކިޔުމަށާއި، އަޑުއަހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރަށް ބިސްމި ކިޔުމަށް އެސިޓީގެ ކައުންސިލް އިދާރާ އިން މަޖުބޫރު ކުރުވަން މަސައްކަތްކުރަމުން އެބަދެއެވެ.

މިދިޔަ މަހު 29 ވަނަ ދުވަހުގެ ތާރީޚްގައި އައްޑޫ ސިޓީގެ ކައުންސިލްގެ އިދާރާ އިން ފެކްސް މެސެޖަކާ އެކު ސަރކިއުލަރ އެއް ތައްޔާރުކޮށް އަވަށްތަކުގައި ހުންނަ ޑިޕާޓްމަންޓްތަކަށް ވަނީ ފޮނުވާފައެވެ. އެ މެސެޖްގައި ބުނެފައި ވަނީ ސަރކިއުލަރގައިވާ ގޮތަށް އެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ އިމާމުންނާއި، ވަޤުތީ މުދިމުންނަށް އިމާމުވެ ނަމާދު ކުރުމުގައި، ފަތިސް ނަމާދުގެ ފަހުގެ ރަކުއަތުގައި ޤުނޫތު ކިޔުމަށާއި، އަޑުހަރުކޮށް ޤުރުއާން ކިޔަވާ ނަމާދުތަކުގައި ސޫރަތުލް ފާތިޙާ އާއި އެހެނިހެން ސޫރަތްތައް ކިޔެވުމުގައި ބާރަށް ބިސްމި ކިޔުއްވުމަށް ލިޔުމުން އަންގަވައި އެކަން އެންގެވި ތާރީޚް އަންވައި ދެއްވުމަށް އެދޭ ކަމަށެވެ. އަދި އެ އިދާރާގެ ޑިޕާޓްމަންޓްތަކުގެ އިމާމުންގެ ތެރެއިން އެ އުސޫލްތަކާއި ޚިލާފްވާ ފަރާތްތަކާ މެދު ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް އެ މެސެޖްގައި ބުނެފައި ވެއެވެ.

"މި އިދާރާގެ ޑިޕާޓްމަންޓްތަކުން އިމާމުންނަށް މި އިރުޝާދު ލިޔުމުން ދެއްވާއިރު، މި އުސޫލާއި ޚިލާފްވާ ފަރާތްތަކާ މެދު ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަން ވެސް އެންގެވުން އެދެން" އެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޙަސަން ޝާހިދު ސޮއިކުރައްވާ ޑިޕާޓްމަންޓަކަށް ފޮނުވާފައިވާ އެ މެސެޖުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އިމާމުންގެ ސަލާމާއި، ޗުއްޓީއާ ގުޅިގެން ވަޤުތީ ގޮތުން މިސްކިތްތަކާ ޙަވާލުވާ ފަރާތްތަކަށާއި، އަލުން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް ވެސް އެކަން އަންގަވަމުން ގެންދިއުމަށް އެ މެސެޖުގައި ބުނެއެވެ.

މި ސަރކިއުލަރގައިވާ ގޮތަށް ޢަމަލުކުރުމަށް އައްޑޫ ސިޓީގެ މިސްކިތްތަކުގައި އިމާމްކަން ކުރައްވާ ގިނަ ބޭފުޅުން ވަޒީފާގެ ބިރަށްޓަކައި މިހާރު ސޮއިކޮށްފައިވާ ކަމަށް "ދިއިސްލާމް" އަށް މުއުތަބަރު ގޮތެއްގައި ވަނީ ޚަބަރު ލިބިފައެވެ. އަދި ސޮއިނުކުރާ އިމާމުން ލައްވާ ބަޔާން ނަގަމުންދާ ކަމަށް ކަމަށް ވެސް ބައެއް އިމާމުންގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ހުޅުމީދޫގެ މިސްކިތެއްގައި އިމާމްކަން ކުރައްވާ ބޭފުޅަކު ވިދާޅުވީ ފަތިސް ނަމާދުގައި އާއްމުކޮށް ޤުނޫތު ނުކިޔާ ސަބަބު ލިޔެ ބަޔާނެއް ދިނުމަށް އިއްޔެ އަސްރު ނަމާދަށް ފަހު އެއަވަށުގެ އޮފީހުގެ އިސްބޭފުޅަކު އެންގުމުން، އިއްޔެ ބަޔާނެއް ދީފައިވާ ކަމަށެވެ. އެ އަވަށުގެ އެހެން މިސްކިތެއްގައި އިމާމްކަން ކުރައްވާ ބޭފުޅަކު ވިދާޅުވީ އެ ސަރކިއުލަރ އާއި އެއްގޮތަށް ޢަމަލުކުރުމަށް މިމަހު ކުރީކޮޅު އަވަށު އޮފީހުން އެންގުމުން، ފަތިސް ނަމާދުގައި ޤުނޫތު ނުކިޔާނެ ކަމަށާއި، ސަރކިއުލަރ ގައިވާ ގޮތަށް ޢަމަލުކުރުމަށް އުޒުރުވެރިވާ ކަމަށް ސަބަބާއެކު ލިޔެ ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަވަށުން ސަރކިއުލަރގައިވާ ގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ ސޮއި ނުކުރަނީ 2 އިމާމުންނެވެ. އަދި އެއަވަށުގައި ކުރިން ޤުނޫތު ނުކިޔާ އިމާމަކުވެސް މީހުންގެ ޝަކުވާތަކާއި ގުޅިގެންނާއި އަވަށު އޮފީހުން ޤުނޫތު ކިޔަން އެންގުމުން މީގެ ދެ ރެއެއް ވަރު ކުރިން ޤުނޫތު ކިޔަން ފަށާފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވި ގޮތުގައި، އެ ސަރކިއުލަރގައި ވަނީ ކުރީއްސުރެ ރާއްޖޭގެ މިސްކިތްތަކުގައި ފަތިސް ނަމާދުގައި ޤުނޫތު ކިޔަމުން އަންނަ ކަމަށާއި، ޤުނޫތު ކިޔުމާއި ނުކިޔުމަކީ ވެސް ދީނުގައި އޮންނަ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރާއިރު، އެ އިދާރާއިން ބޭނުން ވަނީ ކުރިން ކުރަމުން އައި ގޮތަށް ކަންތައް ކުރުމަށެވެ.

"ކުރިން ކުރަމުން އައި ގޮތަށް ކުރަން އަންގަނީ... އަމުރު ކޮށްފައި އޮންނަނީ... ވަރަށް ހެއްވާ ކަމެއް އެއީ... އެގޮތަކަށް މަޖުބޫރެއް ނުކުރެވޭނެ" އޭނާ ވިދާޅުވި އެވެ.

ފޭދޫގެ މިސްކިތެއްގައި އިމާމްކަން ކުރައްވާ ބޭފުޅަކު ވިދާޅުވީ އޭނާ ވެސް އެ ސަރކިއުލަރ އާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ ސޮއިނުކުރާ ކަމަށާއި އަދި ސޮއި ނުކުރުމުން ބަޔާނެއް ދިނުމަށް އަވަށު އޮފީހުން އެންގި ކަމަށެވެ. ނަމަވެސް އޭނާ ބަޔާނެއް ވެސް ނުދޭ ކަމަށާއި، ބަޔާން ނުދިން ސަބަބު އަނގަ ބަހުން މިއަދު ކިޔާދީފައިވާ ކަމަށެވެ.

"ޤާނޫނީ ގޮތުން އެއްވެސް ސަބަބެއް ނެތި ބަޔާނެއް ނުދެވޭނެ... އެއީ ކަނޑައެޅިގެން ސިވިލް ސަރވިސް ޤާނޫނާއި އަދި ވަޒީފާ އާއި ބެގޭ ޤާނޫނާއި ވެސް ޚިލާފް ކަމެއް... އެބޭފުޅުންނަށް (ސިޓީ ކައުންސިލް އިދާރާ) އަށް ނެތް އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ބާރެއް ލިބިފައެއް... ގޮށްމުށުގެ ބާރުން ކަންތައް ކުރަން އުޅެނީ... މީހުންނަށް ވަޒީފާގެ ބިރުދައްކައިގެން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނަ އަށް އެނގިގެން އައްޑޫ ސިޓީ އިން މިހާރު އެ ސަރކިއުލަރ އާއި އެއްގޮތަށް ޢަމަލުކުރުމަށް ސޮއިނުކޮށް މިހާރު ތިބީ 7 ވަރަކަށް އިމާމުންނެވެ. އެހެން އިމާމުން ސޮއި ކޮށްފައިވާ ކަމަށާއި ނަމަވެސް ސޮއިކުރި އިމާމުންނަށް ވެސް ސަރކިއުލަރގެ ކޮޕީއެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސޮއިކުރި ބައެއް އިމާމުން އެބޭފުޅުން އޭގައި ސޮއިކުރި ކަމަށް ވިޔަސް ފަތިސް ނަމާދުގައި ޤުނޫތު ނުކިޔާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރަށް ނުވަތަ ސިއްރުން ބިސްމި ކިޔުމާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 21 އޯގަސްޓް 2011 ގެ ތާރީޚްގައި ވަނީ އެ މިނިސްޓްރީ އަށް މެސެޖެއް ފޮނުވާފަ އެވެ. އެ މެސެޖްގެ ޖަވާބު އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު މޫސާ އަންވަރު ޙުސައިން ސޮއިކުރައްވާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް ފެކްސް ސިޓީއަކުން ފޮނުވާފައި ވަނީ 28 އޯގަސްޓް 2011 ގައެވެ.

އިސްލާމިކް މިނިސްޓްރީގެ އެ ޖަވާބުގައި ބުނެފައި ވަނީ ފަތިސް ނަމާދުގެ ފަހު ރަކުއަތުގައި ޤުނޫތު ކިޔުމާއި ނުކިޔުމުގައި ޙަދީޘް ޢިލްމުވެރިންގެ މެދުގައި 3 ރައުޔެއް އޮންނަ ކަމަށާއި، އޭގެ ތެރެއިން ގިނަ މުޙައްދިޘުން ބުރަވެވަޑައިގަންނަވަނީ ޤުނޫތު ކިޔުމަށް ކަމަށެވެ. އަދި ބުނެފައި ވަނީ، ވޭތުވެދިޔަ 3 އަހަރު ތެރޭ ރާއްޖޭގައި ޤުނޫތު ނުކިޔުމަށް ވެސް ބުނާ މީހުން ތިބުމާއެކު އެ މިނިސްޓްރީގެ ލަފާއަކީ ޢާއްމުކޮށް މިސްކިތަށް އަރާ މީހުން އެދޭ ގޮތަކަށް އެ މިސްކިތެއްގައި ޢަމަލުކުރުން ކަމަށެވެ.

"ޢާއްމުކޮށް ޤުނޫތު ކިޔާ މިސްކިތެއް ނަމަ، އިމާމު މީހާ އެ މިސްކިތުގައި ޤުނޫތު ކިޔުމަށެވެ. އަދި ޢާއްމުކޮށް ޤުނޫތު ނުކިޔާ މިސްކިތެއް ނަމަ، ޢާއްމު މަޞްލަޙަތަށް ބަލައި އެމިސްކިތެއްގެ އިމާމު މީހާ ޤުނޫތު ނުކިޔުމަށެވެ. އެކަމަކު، މިއީ އިމާމު މީހާގެ އަމިއްލަ ރައުޔަށް ދޫކުރެވިފައިވާ ކަމެއް ނޫނެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ޝުޢޫރުތަކަށް ރިޢާޔަތްކޮށް ރަށުގެ ވެރިން ނިންމާ ނިންމުމެކެވެ." އިސްލާމިކް މިނިސްޓްރީގެ ޖަވާބުގައި ލިޔެފައި ވެއެވެ.

އެ ޖަވާބުގައިވާ ގޮތުގައި ބިސްމި ބާރަށް ކިއުމާ ސިއްރުން ކިއުމަކީ ވެސް ޙަދީޘުން ސާބިތުވާ ސުންނަތް ދެގޮތް ކަމަށާއި، އެކަމަކު ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އައިސްފައި ވަނީ ބިސްމި ބާރަށް ކިޔުން ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީން ބުރަވަނީ ދީނުގެ އުޞޫލު ކަމުގައިވާ މަޞްލަޙާ ޢާންމު އާއި، ޢުރުފު ޢާންމަށް ރިޢާޔަތްކޮށް ޖަމާޢަތުގައި ކުރެވޭ ހުރިހާ ނަމާދެއްގައި އަޑުހަރުކޮށް ޤުރުއާން ކިޔަވާ ތަންތަނުގައި ސޫރަތުލް ފާތިޙާ އާއި، އެހެނިހެން ސޫރަތްތަކުގައި ބިސްމި ބާރަށް ކިޔުމަށް ކަމަށެވެ.

"އަދި ވަކިން ޚާއްޞަކޮށް ބިސްމި އަކީ އަލްޙަމްދުގެ އާޔަތަކަށް ވެފައި، ބުއްދިވެރި ގޮތަކީ ވެސް އެހެން އާޔަތްތައް ފަދައިން ބިސްމި ވެސް ބާރަށް ކިޔުމެވެ. ވުމާއެކު، އިމާމުވެ ނަމާދުކުރާ އިރު ބާރަށް ކިޔަވާ ނަމާދުތަކުގައި ބިސްމި ބާރަށް ކިއުމެވެ. އިމާމުންނަށާއި، މުދިމުންނަށާއި، ވަގުތީ އިމާމުންނަށް އެންގެވުން އެދެމެވެ." އިސްލާމިކް މިނިސްޓްރީގެ ޖަވާބުގައި ވެއެވެ.

މިމައްސަލައާ ގުޅިގެން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޢަބްދުލް މަޖީދު ޢަބްދު ބާރީގެ ބަސްފުޅެއް ހޯދުމަށް އެބޭފުޅާ އަށް މިރޭ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓަރުގެ ބަސްފުޅެއް ވަނީ ނުލިބިފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

"ދިއިސްލާމް" އަށް މުއުތަބަރު ގޮތެއްގައި އެނގިފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު މޫސާ އަންވަރު ޙުސައިން ސޮއިކުރައްވާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް 28 އޯގަސްޓް 2011 ގައި ޖަވާބު ފޮނުވާފައި ވަނީ މިނިސްޓަރު ޑރ. މަޖީދަށް އެނގިނުލައްވަ އެވެ.

ފަތިސް ނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމާއި ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ރަށަކަށް އަންގަވާފައި ނުވާނެކަމަށް ޑރ. މަޖީދު ވަނީ 5 ސެޕްޓެމްބަރ 2011 ގައި ވިދާޅުވެފަ އެވެ. އަދި ރަށްރަށުގެ އިމާމުންނަށް އެފަދައިން މަޖުބޫރު ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސާރކިއުލާއެއް ނެރެފައިވާކަމަށް އެދުވަސްވަރު މީޑިއާގައި ފެތުރިފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ އެ ޚަބަރު ފެތުރެން ދިމާވީ، އައްޑޫ ސިޓީގެ ބައެއް މިސްކިތްތަކުގައި ޤުނޫތާއި ބެހޭގޮތުން ޚިޔާލު ތަފާތުވުންތަކެއް އުފެދި، ސިޓީ ކައުންސިލްގައި ބައެއް ޢާއްމުން ޝަކުވާ ކުރުމާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ޕޮލިސީ ސާފުކުރުމަށް އެދި އައްޑޫ ސިޓީގެ ކައުންސިލް އިދާރާއިން އެ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބާއި ގުޅިގެން ކަމަށެވެ.

މިކަމާއި ގުޅިގެން އެދުވަހު އައްޑޫ ސިޓީގެ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ރަޝީދު ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީއިން އައްޑޫ ސިޓީގެ ކައުންސިލް އިދާރާ އަށް ފޮނުވި ސިޓީގައި ވަކި ކަމަކަށް މަޖުބޫރު ކޮށްފައި ނުވާކަމަށެވެ.

2 ފެބްރުއަރީ 2009 ގެ ތާރީޚްގައި، އިސްލާމިކް މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ސޮއިކުރައްވާ ހުރިހާ އަތޮޅު އޮފީސް ތަކަށާއި ރަށު އޮފީސް ތަކަށް ވަނީ ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި ބެހޭ ސަރކިއުލަރ އެއް ފޮނުވާފައެވެ. އެ ސަރކިއުލަރ ގައި ބުނެފައި ވަނީ ފަތިސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔުމީ ސުންނަތެއް ކަމުގައި ބައެއް ދަންނަ ބޭކަލުން ދެކެވަޑައިގަންނަވާ  ކަމަށާއި އަދި ދާއިމީ ގޮތެއްގައި ފަތިސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔުމީ ސުންނަތެއް ކަމުގައި އަނެއްބައި ދަންނަބޭކަލުން ދެކެވަޑައެއް ނުގަންނަވާ ކަމަށެވެ.

"ދިވެހިން މިހާތަނަށް ފަތިސްނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔަމުން އައިސްފައި ވަނީ ޝާފިޢީ މަޒްހަބްގައި އެއީ އަބްޢާޟު ސުންނަތެއް ކަމުގައި، އެ މަޒްހަބުގެ ފޮތްފޮތުގައި ބަޔާންކޮށްފައިވުމުގެ ސަބަބުންނެވެ. ނަމަވެސް، މިފަހަކަށް އައިސް ޤުނޫތުގެ ސަބަބުން ދެބަސްވުންތައް އުފެދި ފިތުނަފަސާދަ އަށް ބަދަލުވުމުން، 14 ޖޫން 2005 ދުވަހުން ފެށިގެން ސަރުކާރުން ހަމަޖައްސަވާފައި ވަނީ، ޤުނޫތު ކިޔުމަކީ ސުންނަތަކަށް ވާތީ ބޭނުން ބަޔަކު ކިޔަސް އަދި ބޭނުން ބަޔަކު ނުކިޔަސް އެންމެ ރަނގަޅު ކަމަށެވެ." އެ ސަރކިއުލަރގައި ވެއެވެ.

އިތުރަށް އެ ސަރކިއުލަރގައި ބުނެފައި ފަތިސް ނަމާދުގެ ފަހު ރަކުއަތުގައި ޤުނޫތު ނުކިޔަސް ނަމާދަށް އުނިކަމެއް ނާންނާނެ ކަމަށާއި، މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރައްވާ ބޭފުޅުން ޤުނޫތު ކިޔުމާއި ނުކިޔުމުގެ އިޚްތިޔާރު އެބޭފުޅުންނަށް ލިބިގެންވާ ކަމަށެވެ.

މިގޮތަށް އިމާމުންނަށް އިޚްތިޔާރު ދިނުމާއި ގުޅިގެން އިތުބާރު ހުރި ގިނަ ޢިލްމުވެރިންގެ ރައުޔާއިއެއްގޮތަށް ގިނަމިސްކިތްތަކެއްގައި ދާއިމީގޮތެއްގައި ފަތިސްނަމާދުގައި ޤުނޫތު ކިޔުންވަނީ ހުއްޓާލާފައެވެ.

ރާއްޖޭގެ އިތުބާރު ހުރި ޢިލްމުވެރިން ދަނީ ތަފާތު ދަރުސްތަކާއި ޕްރޮގްރާމްތަކުގައި ފަތިސް ނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމާއި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބިސްމި ބާރަށް ކިޔުމާއި ނުކިޔުމުގެ މައްސަލަ ދީނުގައި އޮންނަ ގޮތް ދަލީލުތަކާއެކު ރައްޔިތުންނަށް ބަޔާންކޮށްދެއްވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް އިމާމުންނަށް އަންގައި މަޖުބޫރު ނުކުރެވޭނެ ކަމަށް އެ ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.