
ރާއްޖެއިން އިޒްރޭލާއެކު ޚާރިޖީ ގުޅުން އުފައްދައިގެން ދައްކާ ހަމައެކަނި ވާހަކައަކީ ފަލަސްތީނުގެ ވާހަކަ ކަމަށް ޚަރިޖީ ވަޒީރު އަޙްމަދު ނަސީމް ހާމަކޮށްފިއެވެ.
އދ. ގެ 66 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރި ދަތުރު ނިއްމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަ ދައްކަވަމުން ހާމަކޮށްފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޒްރޭލުން ހުރަސް އަޅައިފިނަމަ އިޒްރޭލާއެކު ރާއްޖެއިން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑު ބުރުލެއް އަރާނެކަމަށެވެ.
"އިޒްރޭލުގެ ނުފޫޒުން، ފަލަސްތީނުގެ ގައުމެއް އުފެއްދުމަށް ހުރަސްއަޅައިފިކަމަށް ވަނީވިއްޔާ އަޅުގަނޑުމެން އިޒްރޭލާ މިދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ. އެއީ އަޅުގަނޑުމެން ދައްކާނެ ]އިތުރު[ ވާހަކައެއް ނެތެއްނޫންތޯ އިޒްރޭލާ. އެއީ އަޅުގަނޑުމެން ދައްކާހާވެސް ވާހަކައަކީ ފަލަސްތީނުގެ ވާހަކަ" ނަސީމް ވިދާޅުވިއެވެ.
ފަލަސްތީނު ރައްޔިތުންގެ ވާހަކަ އިޒްރޭލާ ހަމައަށް ގެންގޮސްދޭން ޖެހޭ ކަމަށާއި އެކަމުގައި ސަރުކާރުން ފުރިހަމަ ރޯލެއް އަދާކުރައްވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
” އިޒްރޭލާ އަޅުގަނޑުމެން ވާހަކަ ދެއްކުމަކުންނެއް ފަލަސްތީނު މައްސަލާގައި އަޅުގަނޑުމެންގެ އިޚުލާސްތެރިކަމެއް ނެތީއޭ ނުދެންނެވޭނެ. އެއީ އަޅުގަނޑުމެން އިޒްރޭލާ ގުޅުން މިބާއްވަނީ ހަމަ ސީދާ އެންމެ ސަބަބަކަށްޓަކާ، އެއީ ފަލަސްތީނު ]ރައްޔިތުންގެ[ ހައްގުތައް ހޯދައި ދިނުމަށްޓަކައި. ފަލަސްޠީނަށް މިނިވަންކަން ހޯދައި ދިނުމަށްޓަކާ، އެހެން އެއްވެސް ބޭނުމެއް ނެތް. އިޒްރޭލަކީ އަޅުގަނޑުމެންނަށް އެހީތަކެއް، އެއްވެސް ކަންތަކެއް ވާ ބައެއް ނޫން،" ނަސީމް ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް ނުޖެހޭ އިޒްރޭލާއެކު މާބޮޑު ގުޅުންތަކެއް ބާއްވާކަށް'' ނަސީމް ވިދާޅުވިއެވެ.
ސަރުކާރުން އުޅެނީ ހަމައެކަނި ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށާއި އެކަމަށް އެހެން ފަރާތެއްގެ ސިޓީއެއްވެސް ބޭނުން ނުވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ދާދީ ފަހުން ވިކިލީކްސްއިން ބޭޒާރުކޮށްފައިވާ ލިޔުން ތަކެއްގައި މުސްލިމުންނާއި މެދު ތަފާތު ޖަރީމާތަކެއް ހިންގާ އިޒްރޭލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑުގެ އެހީތެރިކަން ހޯދުމަށާއި އިންފޮމޭޝަން އެގްރިމެންޓެއް ޤާއިމްކުރުމަށް ހުށަހަޅާފައިވާކަމަށް ދޭހަވާ ސިއްރު ޑޮކިއުމެންޓްފަދަ އިޒްރޭލާ ރާއްޖެ ބަދަހި ކުރަމުންދާ ގުޅުމާއިބެހޭ ސިއްރު ލިޔެކިޔުންތަކެއް ލީކް ކޮށްފައިވާއިރު އެކަމާއި ބެހޭގޮތުން ނަސީމް ވިދާޅުވީ ވިކިލީކްސްގައި ކޮންމެ އެއްޗެއް ލިޔެފައި އޮތް ކަމުގައި ވިޔަސް ރާއްޖެއިން އެފަދަ ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެ ވާހަކަ ތައް އެއްގޮތަކަށް ވެސް ޤަބޫލް ނުކުރައްވާ ކަމަށެވެ. އިތުރަށް ނަސީމް ވިދާޅުވީ ފަހަރެއްގައި އެމެރިކާގެ ސަފީރަކާއި ދެއްކި ވާހަކަތަކެއްގައި ސަފީރަށް އޮޅިފައިވެސް އޮވެދާނެކަމަށެވެ. ނަމަވެސް އެވާހަކަ ތަކަކީ ސީދާ ދޮގެއް ކަމަށް ވިދާޅެއް ނުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...