ރާއްޖޭގެ ޚަބަރު ތިމަންނައަކީ ޓެރަރިސްޓެއް : ޑރ ޒާކިރް ނައިކް

ތިމަންނައަކީ ޓެރަރިސްޓެއް : ޑރ ޒާކިރް ނައިކް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޙާތިމް

މަތީގައި ދެންނެވިފައި އެވާ ސުރުހީ އަކީ ޑރ. ޒާކިރު ނައިކް ބޭރުގެ ޤައުމުތަކުގައި ދަރުސްދެއްވައިފިނަމަ އަނެއް ދުވަހު ނޫސްތަކުގެ އެންމެ ފަލަ ސުރުހީތަކަށް އަރާ ޚަބަރެވެ.

ޑރ ޒާކިރް ނައިކްގެ ތާރީޚީ ޒިޔާރަތެއްގައި މިވަގުތު ރާއްޖޭގައި ހުންނަވާ މިރޭ ކުރެއްވި ތަޤްރީރްގައިވެސް ޑރ ޒާކިރު ނައިކް ވަނީ މިބަސް ތަކުރާރު ކުރައްވާފައެވެ. އިތުރަށް ތަފްޞީލް ދެއްވަމުން ޑރ ޒާކިރު ވިދާޅުވީ ކޮންމެ މުސްލިމަކީވެސް އަނިޔާވެރިންނާއި ފާސިޤުން އެމީހުންދެކެ ބިރު ގަންނަ ( ނުވަތަ ޓެރަރއިޒް ވާ) ބަޔަކަށް ވާންޖެހޭނެކަމަށެވެ.

އަދި އިތުރަށް ތިމަންނައަކީ "ފަންޑަމެންޓަލިސްޓެއް" ކަމަށްވެސް ޑރ ޒާކިރު ވިދާޅުވިއެވެ. އެއީ ފަންޑަމެންޓަލިސްޓުންނަކީ ކޮންމެ ކަމެއްގެ އަސާސްތަކުގައި ނުވަތަ ފަންޑަމެންޓަލްސް ތަކުގައ ހިފަހައްޓަން ޖެހޭނެ ބަޔަކަށް ވާތީކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ޑރ ވިދާޅުވީ އެބޭފުޅާއަކީ "އެކްސްޓްރީމިސްޓެއް" ކަމަށާއި އެއީ އެބޭފުޅާ އަކީ "އެކްސްޓްރީމްލީ" ދީލަތި، "އެކްސްޓްރީމްލީ" ހަހުރަވެތި "އެކްސްޓްރީމްލީ" ރަގަޅު މީހަކަށް ވާތީކަމަށާއި، އެއްވެސް މުސްލިމަކު ތިމަންނައަކީ "ޕާރޓްލީ" ދީލަތި ނުވަތަ ލޯބިވެތި ނުވަތަ ރަގަޅު މީހެއްކަމަށް ބުނެގެން ނުވާނެކަމަށެވެ.

ޑރ ޒާކިރު ނައިކާއި އޭނާގެ ދަރިފުޅު އުމުރުން އެންމެ 16 އަހަރުގެ ފާރިޤް ނައިކްގެ މިރޭގެ ތަޤްރީރަށް 50،000 ( ނޫނީ "ފިފްޓީ(ން) ތައުސަންޑ ބާ؟؟) މީހުން ހާޒިރުވިކަމަށް ބުނެވެއެވެ. (؟) ނަމަވެސް މިކަމުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް، ވަރަށް ސެކިއުރިޓީ ބަލަހައްޓައިގެން، ކޮންމެ މީހަކު ވަކިން ޗެކްކޮށްގެން މީހުން ވެއްދި މި ދަރުސް އަޑުއެހުމަށް ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިންވެސް އެތައް ހާސް ބަޔަކު އެއްވިއެވެ. ޑރ ޒާކިރު ނައިކްގެ އަޑު އެހުމަށްޓަކާ ކަޅުތުއްކަލާ ކޮށީގެ އިރަށް އޮތް ކުޅިވަރު ކުޅޭ ބޮޑު ހުސްބިމަށް ވަރަށް ގިނަ އަދަދަކަށް މީހުން ޖަމާވިއެވެ.

ޑރ ޒާކިރުގެ ވާހަކަފުޅަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށް ދިއައެވެ. ރޭގަނޑު 12 ގަޑި 30 ވަންދެން މި ދަރުސް ދެމިއޮތެވެ. ޑޮކްޓަރ ޒާކިރު ނައިކް ވާހަކަދެއްކެވީ "ޖިހާދާއި ޓެރަރިޒަމް" މި މަޢްޟޫއަށެވެ. ފާރިޤް ނައިކް ވާހަކަ ދެއްކެވީ "ދީނާމެދު ގެންގުޅެން ޖެހޭ ރަގަޅު ތަޞައްވުރު" މި މަޢްޟޫއަށެވެ. ފާރިޤްގެ ވާހަކާގައި ހިންދީ ދީނާއި ޔަހޫދީ ދީނާއި ނަޞާރާ ދީނާއި އިސްލާމްދީނުގައި ކަލާނގެ އެއްކައުވަންތަކަމަށް ގޮވާލާފައިވާ މިންވަރު އެ ހަތަރު ދީނުގެ ފޮތަތަކުން ރެފަރެންސް ދައްކަވަމުން ބަޔާންކޮށްދެއްވިއެވެ.

ޑރ ޒާކިރުގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލި ކަންކަމަށް ބަލާއިރު މުސްލިމުންގެ ބިންބި މުގައި ފައްޅިއެޅިގެން ނުވާނެކަމަށް ވިދާޅުވިއެވެ. ހަނގުރާމާގައި އަޅުކަންކުރާ ތަންތައް ހަލާކުކުރުން މަނާކޮށްފައި ވަނީ ޣައިރު މުސްލިމުންގެ ޤައުމުތަކުގައި އެމީހުން ކުރިއްސުރެ ހަދާފައިވާ ތަނަތަންކަމަށްވާތީކަމަށާއި އެކަމާއި 100% މުސްލިމުންގެ ބިމެއްގައި ޣައިރުދީންތަކުގެ އަޅުކަންކުރާ ތަންތައް އެޅުމާ ތަފާތުކަމަށެވެ.

އަމީނިއްޔާ ސްކޫލް ކުއްޖަކު، އޯލެވެލް ނިންމުމަށް ފަހު އޭ ލެވެލްގައި އިސްލާމް މައްދާ ކިޔެވުމާ ބެހޭގޮތުން ސުވާލުކުރުމުން ޖަވާބު ދެއްވަމުން ޑރ ޒާކިރު ނައިކް ވިދާޅުވެފާ ވަނީ 11، 12 ގައި އެކަނި ނޫންކަމަށާއި ޕީ އެޗް ޑީ އާ ހަމައަށްވެސް އިސްލާމް ކިޔަވަން ޖެހޭނެކަމަށެވެ. މައިބަނޑުން އުފަންވީއްސުރެ ކަށްވަޅަށް ދާނދެން އެކިޔެވުމަކީ ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. "اقْرَأْ " އަކީ ކިޔަވާށޭ ކަމަށްވިޔަސް އޭގެ ފަހަތަށް އަންނަނީ "بِاسْمِ رَبِّكَ الَّذِي خَلَقَ " ކަމަށްވުމުން ކިޔަވާ ތަކެތީގެ ސަބަބުން ތިމާގެ އީމާންކަމަށް ފައިދާކުރަންޖެހޭނެކަމަށް ޑރ ވިދާޅުވިއެވެ.

މިހާރުގެ އިސްލާމް ދިވެހި އިޚްތިޔާރު ކުރުމާ ބެހޭގޮތުން ސިދާ ސުވާލުކުރަމުން ކުރީގެ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޒާކިރު ވިދާޅުވެފާ ވަނީ ނަތީޖާ ރަގަޅު ކުރުމަށް އޮޕްޝަނަލް ކުރުމަކީ ހައްލެއް ނޫންކަމަށާއި އެކަމުގައި ޑރ ޒާކިރު ޕްރިންސިޕަލަކަލަށް ހުންނަވާ އިސްލާމިކް އިންޓަރނޭޝަނަލް ސުކޫލްގެ ބައެއް މިސާލުތަކުން ޚިޔާލުދެއްވިއެވެ. ކުޑަކުޑަ ޢުމުރުގައި އެތައް ހާސްބައެއްގެ ކުރިމަތީގައި ވާހަކަދައްކުމުގެ ކެރުންތެރިކަން އެސްކޫލުގެ ދަރިވަރުންގައި ހަރުލެއްވުމުގެ މަސައްކަތް ފެށުނީއްސުރެ ކުރާކަމަށާއި، ފާރިޤް ނައިކް ނޫނަސް އެތައް އެތައް ކުދިންނެއް އެފަދައިން ދަޢްވަތުގެ މަސައްކަތުގައި އުޅެމުން ދާކަމަށް ވިދާޅުވިއެވެ.

އެ ސްކޫލްގައި ކިޔަވާ ދޭ މާއްދާތަކުގެ ތެރޭގައި ފެތުމާއި މާރޝަލް އާރޓްސް ފަދަ ކިޔެވުމުގެ އިތުރު ޚަރަކާތްތައްވެސް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އަގުގެ ގޮތުން ބަލާއިރު އަށްނުފޯރާ ފަށުގައި ހުއްޓަސް ތަފާތު ސްކޮލާރޝިޕްތައް ދެމުންދާކަމަށާއި، މިނިސްޓަރު ފެންވަރު ބޭފުޅުންގެ ދަރިންވެސް އެ ސްކޫލުން ތަޢްލީމް ހާޞިލްކުރަމުން ދާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި މުސްލިމް ނޫން ފަޜާތްތައްވެސް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ. މި ސުކޫލުގެ އިތުރު ގޮފިތައް ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ވަރަށް އަވަހަށް ހުޅުވޭނެ ކަމަށާއި ރާއްޖޭންވެސް އެކަމަށް އެދިފައިވާތީ، ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ، އިންޝާﷲ، އެކަން ކުރެވޭނެކަމުގެ އުފާވެރި ޚަބަރުވެސް ދިނެވެ.

ބައެއް ފަރާތްތަކުން މިއަދުގެ ސަރުކާރަށް އަމާޒުވާ ފަދަ ސުވާލުތައް ކުރުމުން ޑރ ޒާކިރު ވިދާޅުވެފާ ވަނީ ސަރުކާރު ކުރައްވާ ރަގަޅު ކަންތައް ތައްވެސް ފާހަގަކޮށް އެކަމަށް އެޕްރިޝިއޭޓް ކުރާ ހާލު ކުރާ ގޯސްކަންތައްތައް މަޑުމަޑުން ހުއްޓުވަން މަސައްކަތް ކުރަންވީ ކަމަށެވެ. ހަމައެކަނި ގޯސްކަންތައް ފާހަގަ ކުރާ ނަމަ ކަންތައް ބޮއްސުންގޮސްދާނެކަމަށްވެސް ވިދާޅުވިއެވެ. "މިއަދުގެ ސަރުކާރު ކުރީގެ ވެރިކަމަށްވުރެ 100% ރަގަޅުކަމަށް ސީދާ ބަހުން ވިދާޅުވިއެވެ.

ނޫސްވެރިއަކު ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީގެ ފިކުރުތަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޒާކިރު ވިދާޅުވީ ޑިމޮކްރަސީގައި "ގިނަ ބައިގަނޑު ރުހޭގޮތް" އެއީ ފަހުބަހަކަށް ވާނަމަ އެއީ އިސްލާމީ ގޮތެއް ނޫންކަމަށާއި އިސްލާމްދީނުގައި އޮންނަނީ "އަބަދުވެސް ޙައްޤުގޮތް" އެއީ ރަގަޅުގޮތްކަމަށެވެ. ޑިމޮކްރަސީގެ ބައެއް އެކަހަލަ މިސާލުތައް ދައްކަވަމުން ބައެއް ޤައުމުތަކުގައި މީހުންގެ ތާއިދާއެކު އެއްޖިންސުންކައިވެނިކުރުން ހުއްދަކޮށްފާ ވާކަމަށާއި އެފަދަ ގޯސްކަމަކަށް ގިނަ ބަޔަކު ރުހުމުން ނުކުންނަ ނުބައި ނަތީޖާއަށް އަލިއަޅުވާލިއެވެ.

މިރޭގެ ދަރުހުގައި އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމަށްވެސް ވަރަށް ގިނަ ފަހަރު އަލިއަޅުވާލާފައިވެއެވެ. ޑރ ޒާކިރު ނައިކް ވިދާޅުވީ 100% އިސްލާމީ ޤައުމެއް ދުނިޔޭގައި ނެތްކަމަށާއި ދިވެހިރާއްޖެއަކީ 100% މުސްލިމް ޤައުމެއްގެ އިތުރުން 100% އިސްލާމީ ޤައުމަކަށް ކުރިއަށް އޮތް 10 އަހަރުތެރޭގައި، ﷲގެ އިރާދަފުޅާއެކު ވެގެން ދާނެކަމަށެވެ

ރާއްޖޭގެ ރިސޯޓުތަކުގައި އިސްލާމީ ފަތުރުވެރިކަން ތަޢާރަފް ކުރުމަކީ ވަރަށް ރަގަޅު ކަމެއްކަމަށް ވެސް ޑރ ޒާކިރު ވިދާޅުވިއެވެ. އެގޮތުން ބަދަލުކުރަން ޖެހޭނީ ވަރަށް މަދުކަމެއް ކަމަށާއި އެކަމުގެ ފައިދާ ދުބާޢީގެ ތާޖް ހޮޓެލުން އެހެރީ ފެންނަން ކަމަށްވެސް ޑރ ވިދާޅުވިއެވެ. އެގޮތުން ރިސޯޓުގައި ބަނގުރަލައި އޫރުމަސް ވިއްކުން މަނާކުރުމާއި ސްވިމިންގ ޕޫލްތައް ދެ ޖިންސަށް ވަކިން ނުވަތަ އިންޑޯރ ސްވިމިން ޕޫލް ހެދުން ފަދަ ކަންކަން ކޮށްލަނިކޮށް އެވީ ކަމަށްވެސް ވިދާޅުވިއެވެ.

މުސްލިމުން ޖިހާދުކުރުމަށް އޮތް އެއް މުހިއްމު އެއް މައިދާނަކީ މީޑިޔާކަމަށާއި މީޑިޔާގައި މުސްލިމުންގެ ބާރު ގަދަކުރަން ވެއްޖެކަމަށްވެސް ޑރ ގެ ވާހަކާގައި ޢިޝާރާތްކުރެއްވިއެވެ. އެގޮތުން ޕީސް ޓީވީ އަކީ އޭގެ މިސާލެއްކަމަށާއި ޒަމާނީ މިފަދަ ވަޞީލަތްތަކުގެ ބޭނުން ހިފަންވީ އެފަދަ ކަންކަމަށް ކަމަށްވެސް ޑރ ވިދާޅުވިއެވެ.

ޓެގް

ލާދީނީ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.