ޒަމާންތަކެއްގެ ބުރަ މަސައްކަތަށް ފަހު، އުމުރުން 70އަހަރު ވެފައިވާ އަލްޖީރިއާއަށް އުފަން އަންހެނަކު ލިޔަންކިޔަން ދަސްކޮށް، ކީރިތި ޤުރުއާނުގެ ފަސް ނަކަލު އަތުންލިޔެފިއެވެ. އޭނާ ބުނިގޮތުގައި މިއީ މާތްﷲ އޭނާއަށް މިންވަރުކޮށްދެއްވި ހެޔޮ ރަޙްމަތަށް ޝުކުރުވެރިވުމުގެ ގޮތުން ކުރިކަމެކެވެ.
"އަކުރުތައް އަހަންނަށް ފެންނަނީ އަރަތެއްގެ ގޮތުގަ. އެކަމަކު އަހަރެންގެ ނަފްސު އެކަމަށް ބާރުއަޅަމުން ގެންދިޔައީ." އަލްޖީރިއާގެ މިއަންހެން މީހާ ބުނެފައިވެއެވެ.
ލިޔަންކިޔަން ދަސްކުރަން ފެށުމަށްފަހު އެއް އަހަރުގެ ތެރޭގައި އޭނާ ވަނީ އަކުރުތައް ލިޔަން ދަސްކޮށްފައެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި ކީރިތި ޤުރުއާން ބަލައިގެން ކިޔަން ދަސްކުރުމާއި އެކު، ލިޔަންކިޔަން ދަސްކުރަން ފެށިތާ ތިން ވަނަ އަހަރު ކީރިތި ޤުރުއާން ބަލައިގެން އޭނާ އަމިއްލައަށް ލިޔަން ޢަޒުމްކަނޑައެޅިއެވެ
އައިޝާ މުޙްޔިއްދީން ބުނެފައިވާގޮތުގައި، އޭނާ ތަޢްލީމުން މަޙްރޫމްވެފައިވަނީ ފަޤީރުކަމާއި އެކު ބުރަމަސައްކަތުން އޭނާގެ ދަރިން ބަލާ ބޮޑުކުރަން ޖެހުމުގެ ސަބަބުންނެވެ.
އައިޝާ ކިޔައިދިން ގޮތުގައި، އެއްދުވަހަކު އޭނާ މަސައްކަތްކުރަމުންދާ ޤަބުރުސްތާނުގައި މަހާނައަކަށް ބަލަންހުރެފައި ދެއަތް މައްޗަށް އުފުލާ، ލިޔަންކިޔަން ނުދަންނަ ޙާލު އޭނާގެ އަޖަލު ހަމަނުކުރެއްވުމަށް އެދި ދުޢާކުރިއެވެ. އަދި ޖެހިގެން އައި ދުވަހު އެޤަބުރުސްތާނާއި ކައިރީގައި ހުންނަ މިސްކިތެއްގައި މަސައްކަތްކުރާ އަންހެނަކު އޭނާގެ ގާތަށް އައިސް، ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށި ޚަބަރުދިނެވެ.
"އެހިސާބުން އަހަންނަށް ކުރެވުނީ ﷲ އަހަރެންގެ ދުޢާ އިޖާބަކުރެއްވިކަމުގެ އުފާވެރި އިޙްސާސް. ދެން އަހަރެން އަވަހަށް އެކުލާހުގަ ބައިވެރިވީ. އެއީ 1991ވަނަ އަހަރު." އައިޝާ ބުންޏެވެ.
1996ވަނަ އަހަރާއި ހަމައަށް އައި އިރު އައިޝާ ވަނީ ﷲގެ ރަޙްމަތްފުޅުން ރަނގަޅަށް ލިޔަންކިޔަން ދަންނަ މީހެއްކަމުގައި ވެފައެވެ. ކީރިތި ޤުރުއާން އަތުން ލިޔަން ނިންމީ 2006ވަނަ އަހަރުގައި ކަމުގައި އޭނާ ހާމަކުރިއެވެ. "ރީތިކޮށް ޢަރަބި ލިޔަން ދަސްކުރުމަށްޓަކައި އަހަރެންގެ ދަރިފުޅު އަހަންނަށް ސާޅީސް ޞަފްޙާގެ ނޯޓް ފޮތެއް ގަނެދިން. ކީރިތި ޤުރުއާނުގެ އާޔަތްތައް އަހަރެން އަލަށް ލިޔުނީ އެނޯޓުފޮތުގަ."
ކީރިތި ޤުރުއާނުގެ ފުރަތަމަ ފޮތް ލިޔެވުމާއި އެކު މުޅި ޤުރުއާން އެއްކޮށް ލިޔުމުގެ މަސައްކަތް އޭނާ ފެށިއެވެ. "މާތްﷲ އަހަންނަށް މިކަމުގައި އާދާޔާ ޚިލާފު ބާރެއް ދެއްވި. އެހެންވެ 13 މަސްދުވަހުގެ ތެރޭގައި އަހަންނަށް ޤުރުއާނުގެ ފުރަތަމަ ފޮތް ލިޔެ ނިންމުނު."
ކޮންމެ ދުވަހެއްގެ ފަތިސް ނަމާދަށް ފަހު، ކޮފީތައްޓަކާއި އެކު ޤުރުއާން ލިޔުމުގެ މަސައްކަތް ފަށާކަމުގައާއި، ކޮންމެ ފޮތެއް ލިޔެ ފުރިހަމަވުމުން ކުށްކެނޑުމަށްޓަކައި މިސްކިތުގެ އިމާމުގެ އަތަށް ގެންގޮސްދޭކަމުގައި އައިޝާ ކިޔައިދިނެވެ.
ފަސް މަސް ދުވަހުގެ ތެރޭގައި ދެވަނަ ނަކަލު ލިޔެ ނިންމުނު އިރު، އައިޝާ ވަނީ ކީރިތި ޤުރުއާން ރީތިކޮށް ލިޔުމަށް ފަރިތަވެފައެވެ. "އަހަރެންގެ އިނގިލިތައް ހުރީ ﷲގެ ވަޙީ ބަސްފުޅު ލިޔުމަށް އާދަވެފަ. އަހަރެން އެނޫން އެއްވެސް ކަމެއް ކުރާހިތެއް ނުވޭ."
ކީރިތި ޤުރުއާނުގެ ފަސް ނަކަލު ލިޔެ ފުރިހަމަކުރުމަށްފަހު، މިރަމަޟާން މަހާއި އެކު އައިޝާ އަންނަނީ ފިޤުހު ފޮތްތަކާއި ތަފްސީރުފޮތްތައް އަތުން ލިޔުމުގެ މަސައްކަތް ކުރަމުންނެވެ.
"ލިޔަންކިޔަން ނުދަތުމާއި ޖާހިލުކަމާއި ދެކޮޅަށް އަހަރެން ތެދުވަން." އައިޝާ ނިންމާލަމުން އިތުރުކުރިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...