2030 ވަނަ އަހަރު އަންނަ އިރު ދުނިޔޭގައި މުސްލިމުންގެ އާބާދީ 35 އިންސައްތަ އިތުރުވާނެކަމަށް ޕިއު ރިސާޗް ސެންޓަރ ގެ ރިލިޖިއަން އެންޑް ޕަބްލިކް ފޯރަމުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
"ދަ ފިއުޗަރ އޮފް ދަ ގްލޯބަލް މުސްލިމް ޕޮޕިއުލޭޝަން" ގެ ނަމުގައި ކުރި މި ދިރާސާއިން ހާމަވި ގޮތުގައި، 2030 ވަނަ އަހަރު ދުނިޔޭގައި މުސްލިމުންގެ އާބާދީ، 2.2 ބިލިއަނަށް އަރާނެއެވެ. މިއީ 2010 ވަނަ އަހަރު ދުނިޔޭގައި ތިބި 1.6 ބިލިއަން މުސްލިމުންނާ އަޅާ ބަލާއިރު 35 އިންސައްތައިގެ ބޮޑު ކުރި އެރުމެކެވެ.
ޕިއުގެ ދިރާސާއިން ހާމަވެގެން ދިޔަ ގޮތުގައި، 2030 ވަނަ އަހަރު، ޔޫރަޕުގެ އާބާދީގެ 8 އިންސައްތަ ހިއްސާކުރާނީ މުސްލިމުންނެވެ. 2010 ވަނަ އަހަރު، ޔޫރަޕްގެ މުސްލިމުންގެ އާބާދީގެ ނިސްބަތަކީ 6 އިންސައްތައެވެ. މީގެ އިތުރުން 2030 ވަނަ އަހަރު އަންނަ އިރު، މިހާރުވެސް ޔޫރަޕްގައި މުސްލިމުން އެންމެ ގިނައިން ދިރި އުޅެމުންދާ ފަރަންސޭސް ވިލާތުގެ އާބާދީގެ 10 އިންސައްތަ ހިއްސާކުރާނީ މުސްލިމުންނެވެ. އަދި ބެލްޖިއަމްގައިވެސް ހަމަ މި އަދަދު 10 އިންސައްތައަށް އަރާނެކަމަށް ޕިއުގެ ދިރާސާގައި ވެއެވެ.
2010 ވަނަ އަހަރު އެމެރިކާގެ މުސްލިމުންގެ އާބާދީއަކީ، 2.6 މިލިއަން މީހުން ނަމަވެސް، މީގެ 20 އަހަރު ފަހުން މި އަދަދު 6.2 މިލިއަނަށް މަތިވާނެކަމަށް ދިރާސާއިން ހާމަވެފައި ވެއެވެ.
ޕިއުގެ ދިރާސާގައި، މުސްލިމުންގެ އާބާދީ ކުރިއަށް މިއޮތް 20 އަހަރު ތެރޭ ވަރަށް ބޮޑަށް އިތުރުވާނެކަމަށް ލަފާ ކޮށްފައި ވީނަމަވެސް، ކުރިއަށް މިއޮތް 20 އަހަރު ތެރޭ މުސްލިމުންގެ މެޖޯރިޓީ އޮންނަ ޤައުމުތަކުގައި، މުސްލިމުންގެ އާބާދީ އިތުރުވާ ރޭޓް ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ. ސަބަބެއްގެ ގޮތުގައި އެފަރާތުން ހާމަކޮށްފައިވަނީ، މުސްލިމުންގެ މެޖޯރިޓީ އޮންނަ ޤައުމުތަކުގައި، ފާޓިލިޓީ ރޭޓް ދައްވުމެވެ. އަދި ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އާބާދީގައި ޒުވާނުންގެ ނިސްބަތް މަދުވެގެން ހިނގައިދާނެކަމަށްވެސް ޕިއުގެ ދިރާސާގައި ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...